ދުނިޔެ

އަދުގެ ދުނިޔެ: ރަޝިޔާއަށް ހަނގުރާމައިގެ މައިދާނުގައި ކުރިއެރުމެއް އެބަ ހޯދޭތަ؟

އިމާދު ލަތީފު

ޔުކްރޭނުގެ އިރުދެކުނު ބިތުގެ ބަނދަރެއް ކަމަށްވާ މަރިއުޕޯލްގެ އެކަތަ ކާރުޚާނާގައި ތިބެގެން ދޫނުކޮށް ހަނގުރާމަކުރަމުންދިޔަ ޔުކްރޭނުގެ ސިފައިންގެ އެންމެ ފަހު ގްރޫޕް މިދިޔަ ހުކުރުދުވަހު ވަނީ ހަތިޔާރު ބަހައްޓައި އަމާންދީފައެވެ. މިތަނުގެ ތެރޭގައި މައިގަނޑުގޮތެއްގައި ތިބީ އަޒޯފް ރެޖިމެންޓޭ ކިޔުނު ނަސްލީގޮތުންނާއި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފައުޖެއްގެ ބައެކެވެ. ރޫސީންގެ މި ކާމިޔާބީއަކީ ހަގީގަތުގައި ފާހަގަކޮށްލުން އެކަށީގެންވާ ކާމިޔާބީއެކެވެ. ޔުކްރޭނުގައި ރޫސީން ހިންގަމުންދާ އޮޕަރޭޝަނުގެ އެއް އަމާޒަކީ މިޒާތުގެ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓުންގެ ބާރު ކަނޑުވައިލުންކަމަށް ކުރީއްސުރެވެސް މޮސްކޯއިން ވަނީ އިއުލާންކޮށްފައެވެ. ދެން ކުރިއަށް އޮތީ މި ރެޖިމެންޓަށް ނިސްބަތްވާ މީހުން ސަރިޔަތަށް ހާޒިރުކޮށް ބަރިބަރިޔަށް ހުކުމްޖެހުމެވެ.

ހަނގުރާމައިގައި ހިފައިހައްޔަރުކުރެވޭ އަސީރުންނާމެދު އަމަލުކުރަން ބައިނަލްއަގުވާމީ ގާނޫނުތައް ހުއްދަނުކުރާ ކަންކަންހުރެއެވެ. އިންސާނީ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ކުރުން މަނަލެވެ. ބަރަހަނާކޮށްގެން ގަންހިންގުންފަދަ ކަންކަމެވެ. ޔުކްރޭނުގެ ހަނގުރާމައިގެ ތެރޭގައި ދެފަރާތުންވެސް މި ގާނޫނުތައް މުގުރަމުން ހިތުހުރި ގޮތަކަށް އަމަލުކުރާ މަންޒަރު ފެނެއެވެ. ޔުކްރޭނުންވެސް ރޫސީ ސިފައިން އަސީރުކޮށް ގަންހިންގައެވެ. އެމަންޒަރު މުޅިދުނިޔެއަށްވެސް ދައްކައެވެ. އަދި ސަރިޔަތަށް ހާޒިރުކޮށް އުމުރުދުވަހުގެ ހުކުމްވެސް ޖަހައެވެ. އެހެންވީމާ ރަޝިޔާއިންވެސް ހަމަ މިބީދައިން އަމަލުކުރާނެއެވެ. އަމަލުކުރެއެވެ. އަޒޯފް ރެޖިމެންޓަކީ ޓެރަރިސްޓް ބައިގަނޑެއް ކަމަށް ރޫސީންގެ ސްޕްރީމްކޯޓުން ނިންމީމާ ދެން އޮތީ ޓެރަރިސްޓުންގެ ސަރިޔަތް ފެށުމެވެ.

ކްރައިމިއާ އާއި ރަޝިޔާ އެއްގަމުން ގުޅުވައިލުން

މަރިއުޕޯލް ހިފުމަކީ އަސްކަރީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ރޫސީންނަށް ނުހަނު ބޮޑު ކާމިޔާބީއެކެވެ. މިކާމިޔާބީއާއެކު ކްރައިމިއާއަށް އެއްގަމުގެ ކޮރިޑޯއެއް ލިބުނީއެވެ. އަދި ކްރައިމިއާއަށް ސާފުފެން ލިބޭންއޮތް މަގު ޔުކްރޭނުން ބަންދުކޮށްގެންތިބި ތިބުމަށްވެސް ނިމުމެއް ގެނެވުނީއެވެ. ރަޝިޔާގެ މަގްސަދަކީ މުޅި ޔުކްރޭނު ހިފުންކަމަށް ހުޅަނގުން ބުންޏަސް ރޫސީންގެ ސްޓްރެޓީޖިކް އަމާޒަކީ އެއީ ނޫންކަމަށް މޮސްކޯއިން މާކުރީގައިވެސް ވަނީ އިއުލާންކޮށްފައެވެ. ރޫސީންގެ ސްޓްރެޓީޖިކް އަމާޒަކީ މުޅި ޑޮންބާސް ސަރަހައްދު ހިފުމެވެ. އެކަން އެދަނީ ކުރަމުންނެވެ. ޑޮންބާސްގެ ދެ ރިޕަބްލިކްގެ ތެރެއިން ލުހާންސްކްގެ ގާތްގަޑަކަށް ހުރިހާ ސަރަހައްދެއް މިހާރު އޮތީ ރޫސީންގެ ކޮންޓްރޯލްގެ ދަށުގައެވެ. ބާކީ ދެންއޮތީ ޑޮނެސްކުގެ ބައެއް ސަރަހައްދުތަކެވެ.

ޑޮންބާސްއަކީ ޔުކްރޭނުގެ އެންމެ އިރުމައްޗެވެ. މިސަރަހައްދު 2014 ވަނަ އަހަރުން ފެށިގެން އޮންނަނީ ދެބައިވެފައެވެ. އެއްބަޔަކީ ރޫސީންގެ ތާއީދު ލިބިފައިވާ ހަނގުރާމަވެރިން ކޮންޓްރޯލްކުރާ ބައެވެ. އަނެއްބަޔަކީ ޔުކްރޭނުގެ ސިފައިންގެ ބާރުދަށުގައިވާ ބައެވެ. ރޫސީންގެ އަމާޒަކީ އެބައިވެސް ހިފުމެވެ. މިއީ ފަސޭހަކަމެއް ނޫނެވެ. ޑޮންބާސްގެ ތެރެއިން ޔުކްރޭނު ސިފައިން ކޮންޓްރޯލްކުރާ އޭރިޔާއަކީ ފާއިތުވީ ހަތް އަހަރު ވަރަށް ވަރުގަދަޔަށް ދިފާއީ ފާރުތައް ލެވިފައިވާ އޭރިޔާއެކެވެ. މުޅި ޔުކްރޭނުގައިވެސް އެންމެ ވަރުގަދައަށް ދިފާއީ ކަންކަން އިންތިޒާމް ކުރެވިފައިވާ އޭރިޔާއަކީ އެއީއެވެ. މިކަން މިހެން އޮތަސް ރޫސީ ސިފައިން އެދަނީ ހަމަޔަގީނުންވެސް ކުރިއަރަމުންނެވެ. އެކަމަކު ވަރަށް ލަހުންނެވެ. ލުހާންސްކަށްވުރެވެސް ބޮޑަށް ޑޮނެސްކުގައި ކުރިހޯދުން އުނދަގޫވާނެއެވެ.

ކްރައިމިއާ އަކީ 2014 ވަނަ އަހަރު ރަޝިޔާއިން ހިފާފައިވާ ތަނެކެވެ. އެހެންނަމަވެސް ކްރައިމިއާއަކަށް އެއްގަމުގެ މަގެއް ނުހުޅުވުނެވެ. އޮތީ ކަނޑުގެ މަގު އެކަންޏެވެ. ޔުކްރޭނުން ވަނީ އެއްގަމުން ކްރައިމިއާ ބަންދުކޮށްފައެވެ. އެންމެހައި އިގްތިސާދީ ވަސީލަތްތަކާއެކުގައެވެ. އެހެންވީމާ ކްރައިމިއާ އަލުން ހުޅުވާލައި އެއްގަމުގެ ކޮރިޑޯއަކުން ރަޝިޔާއާ ގުޅުވައިލުމަކީ ރައީސް ޕުޓިންގެ އެންމެ މުހިއްމު އެއް އަމާޒެވެ. އެކަން އެއޮތީ ކުރެވިފައެވެ. ޔުކްރޭނުގެ އުތުރާއި މެދުތެރެއިން މިހަނގުރާމައިގެ ކުރީކޮޅު ވެރިރަށް ކިއެވް އާއި ޚާކީފް ފަދަ ސަހަރުތައް ހިފާން ކުރި މަސައްކަތަކީ ޔުކްރޭނުގެ ފޯކަސް އެހެން ހިސާބަކަށް އަނބުރައިލުމުގެ އުކުޅަކަށްވެސް ވެދާނެއެވެ. ކިއޭވްގެ ކައިރިޔަށް ފޮނުވި ލަޝްކަރު ހަރަކާތްތެރިވެފައިވަނީ ތަނެއް ހިފާން އުޅޭ ބަޔަކު ހަރަކާތްތެރިވާ ޒާތަކަށް ނޫނެވެ.

ޑޮންބާސް ސަރަހައްދު އެކީއެކައްޗަކަށް ހިފައި ކްރައިމިއާޔާއި ރޫސީވިލާތް އެއްގަމުން ގުޅުވައިލެވުނީމާ މިހަނގުރާމައިގައި ރޫސީންގެ މައިގަނޑު އަމާޒަށް ވާސިލްވެވުނީއެވެ. ރައީސް ޕުޓިންގެ މަގްސަދުވެސް ހާސިލްވީއެވެ. މިމަސައްކަތުގެ 80 އިންސައްތަ މިހާރު އެއޮތީ ނިމިފައެވެ. ހުޅަނގުން ކިތަންމެ ގިނަ ހަތިޔާރު ޔުކްރޭނަށް ދިނަސް ރޫސީން ހުއްޓުވޭނޭ ކަމަކަށް ނުފެނެއެވެ. ދެންއޮތީ މިހަނގުރާމައިގެ ގެއްލުންތައް ތިލަފަތުގެ ދެކޮޅަށް ލައިގެން ކިރުމެވެ. އިގްތިސާދީގޮތުން ބޮޑަށް ގެއްލުންވަނީ ރަޝިޔާއަށްތޯ ނުވަތަ ޔުކްރޭނަށްތޯ ބެލުމެވެ. ރަޝިޔާއަށް ލިބޭ ގެއްލުމަށްވުރެ ހުރިހާ ގޮތަކުންވެސް ބޮޑީ ޔުކްރޭނަށް ލިބޭ ގެއްލުމެވެ. ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ގެއްލުންވެސް ބޮޑީ ޔުކްރޭނަށެވެ. އެހެންވީމާ ކޮންމެވެސް ހިސާބަކުން އަމާންދޭން ޔުކްރޭނަށް މަޖްބޫރުވާނެއެވެ.