ގަތަރުގައި މިފަހަރުގެ ވޯލްޑްކަޕުގެ މެޗުތައް ކުޅެވޭނީ ޖުމްލަ 8 ސްޓޭޑިއަމެއްގައެވެ. މިއީ ވޯލްޑްޕަށްޓަކައި މުޅިން އަލަށް ބިނާކުރެވިފައިވާ ވަރަށް އަގުބޮޑު ވަރަށް ޒަމާނީ ސްޓޭޑިއަމްތަކެކެވެ. ވޯލްޑްކަޕަށްފަހު މިތަންތަނުގެ ބޭނުމެއް ނުހިފޭނެއެވެ. ގަތަރުގެ ކުޑަކަމާއި އާބާދީ މަދުކަމާއެކު މިހުރިހާ ސްޓޭޑިއަމްތަކެއް ގަތަރަށް ބޭނުމެއްވެސް ނުވެއެވެ. އެހެންވީމާ ވޯލްޑްކަޕަށްފަހު މި ސްޓޭޑިއަމްތަކަށް ހަދާނޭގޮތުގެ ޕްލޭނެއް އެބައޮތެވެ. މިއިން ކޮންމެ ސްޓޭޑިއަމަކީ މާލޭގައި އެހުންނަ ކަޅުވަކަރު މިސްކިތް ފަދައިން ފަސޭހައިން ރޫޅާލައިގެން އެހެން ތަންތަނަށް ގެންގޮސް ރާވައިލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނެވެ. ބައެއް ސްޓޭޑިއަމްތައް ރޫޅާލައިގެން އެކިއެކި ބައިތައް ވަކިން ގެންގޮސް ފަގީރު ގައުމުތަކުގައި ރާވައިލާނެއެވެ. އެއީ ގަތަރުން ކުރާ ހަދިޔާއެކެވެ.

ވޯލްޑްކަޕް ބޭއްވުމުގެ ބިޑް ކާމިޔާބުކުރުމަށްޓަކައި ގަތަރުން ފީފާޔަށް އެންމެ ފުރަތަމަ ހުށައެޅި ބިޑްގައިވެސް ސްޓޭޑިއަމްތަކަށް ހަދާނޭގޮތުގެ ޕްލޭނެއް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ބައެއް ސްޓޭޑިއަމްތައް ރޫޅާލައިގެން ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެއްބަސްވެވޭ ގައުމެއް ނުވަތަ ގައުމުތަކަކަށް ގެންގޮސް ރާވައިލުމާއި ދެތިން ސްޓޭޑިއަމެއްގެ ސައިޒް ކުޑަކޮށް ގަތަރުގައި ބޭނުންކުރުމުގެ ޕްލޭނަކާއި މުޅިން ރޫޅައިލެވޭ ތަންތަން ހުރި ބިމުގައި ކޮމިއުނިޓީ ސެންޓަރުތަކެއް ގާއިމްކުރުންފަދަ ކަންކަން ކުރުމުގެ ޕްލޭނެކެވެ. އެނގިފައިވާ ގޮތުގައި ވޯލްޑްކަޕް ނިމުމާއެކު މި ޕްލޭން ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފަށާނެއެވެ. ސްޓޭޑިއަމްގެ ބައިތައް ހަދިޔާކުރާނޭ ގައުމުތައްވެސް މިހާރުވަނީ ފައިނަލްކޮށް ނިމި އެއްބަސްވުންތައްވެސް ގާއިމްކުރެވިފައެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި ބޭނުންކުރެވޭ 8 ސްޓޭޑިއަމްގެ ތެރެއިން އެންމެ ބިޔަ ސްޓޭޑިއަމަކީ ލުސައިލް ސްޓޭޑިއަމެވެ. ޑިސެމްބަރު 18 ވަނަ ދުވަހު މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީވެސް 80 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައެވެ. މިއީ ވެރިރަށް ދޯހާޔާއި ޖެހިގެން އޮންނަ ލުސައިލޭ ކިޔުނު އޭރިއާގައިވާ ތަނެކެވެ. ލުސައިލަކީ ދެލައްކަ މީހުން ދިރިއުޅުމަށް ފަރުމާކުރެވޭ މުޅިން އައު ސިޓީއެކެވެ. އަލްބައިތު ސްޓޭޑިއަމަކީ 60 ހާސް މީހުންގެ ޖާގައިގެ ތަނެކެވެ. ދެވަނަ ސެމީ ފައިނަލް މެޗު ކުޅެވޭނީ މިތަނުގައެވެ. އަލްބައިތު ފަރުމާކުރެވިފައިވަނީ ބަދަވީންގެ ފޭލިގެޔެއް ތަމްސީލުވާ ގޮތަށެވެ. އަލްބައިތޭ ކިޔަނީ އެހެންވެގެންނެވެ. މި ސްޓޭޑިއަމަކީ ސައިޒްކުޑަކޮށްގެން އަލުން ބޭނުންކުރަން ރޭވިފައިވާ ތަނެކެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމަކީ 40 ހާސް މީހުންގެ ޖާގައިގެ ތަނެކެވެ. ގަތަރުގެ އައްރައްޔާނޭ ކިޔުނު އޭރިއާގައި ހުންނަ މިސްޓޭޑިއަމްގެ ވަށައިގެންވަނީ އެކިއެކި ޔުނިވަރސިޓީތަކުގެ ކޭމްޕަސްތަކެވެ. އެޑިއުކޭޝަން ސިޓީއޭ ކިޔަނީ އެހެންވެގެންނެވެ. އަހުމަދު ބިން އަލީ ސްޓޭޑިއަމަކީވެސް ހަމަ މިހިސާބުގައި ހުންނަ ތަނެކެވެ. މިއީވެސް ސާޅީސް ހާސް މީހުންގެ ޖާގައިގެ ތަނެކެވެ. ވޯލްޑްކަޕަށް ފަހު މި ސްޓޭޑިއަމް ބޭނުންކުރާނީ ގަތަރުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ އައްރައްޔާން ކްލަބްގެ އަމިއްލަ ސްޓޭޑިއަމްގެ ގޮތުގައެވެ. މިއީ ކުރިން މިތަނުގައިހުރި ސްޓޭޑިއަމް ތަޅާލުމަށްފަހު މުޅިން އަލަށް ބިނާކުރެވުނު ތަނެކެވެ. މި ދެ ސްޓޭޑިއަމްވެސް ވޯލްޑްކަޕް ނިމުމާއެކު ސައިޒުކުޑަކުރާނެއެވެ. ރޫޅާލެވޭ ބައިތައް ހަދިޔާކުރާނީ ފަގީރު ގައުމުތަކަށެވެ.

ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމަކީ ގަތަރަށް ވޯލްޑްކަޕް އެވޯޑް ކުރެވުނުއިރު ބޭނުން ކުރަމުން އައި ދުނިޔޭގެ ފެންވަރުގެ ހަމައެކަނި ސްޓޭޑިއަމެވެ. މިތަންވެސް މިހާރުވަނީ މުޅިން އައުކޮށް ޒަމާނީ ކުރެވިފައެވެ. ވެރިރަށް ދޯހާގެ މެދުތެރޭގައި ހުންނަ މި ސްޓޭޑިއަމަކީ ސާޅީސްހާސް މީހުންގެ ޖާގައިގެ ތަނެކެވެ. ގަތަރުގެ ގައުމީ ސްޓޭޑިއަމަކީވެސް މިއީއެވެ. އައް ތުމާމާ ސްޓޭޑިއަމަކީވެސް ވެރިރަށް ދޯހާގެ ތެރޭގައި ހުންނަ ސްޓޭޑިއަމެކެވެ. މިތަނުގެ ކެޕޭސިޓީއަކީވެސް 40 ހާހެވެ. ދޯހާގެ ބައިނަލްއަގުވާމީ އެއަރޕޯޓާއި އެންމެ ގާތުގައި ހުންނަ ސްޓޭޑިއަމަކީވެސް ތުމާމާ ސްޓޭޑިއަމެވެ. މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ އަރަބީންގެ ބޮލުގައި އޮޅާ ފޮށަޔެއް ތަމްސީލުވާ ގޮތަށެވެ. ވޯލްޑްކަޕަށްފަހު މިތަނުގެ ކެޕޭސިޓީ ވިހިހާހަށް ކުޑަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓޭޑިއަމް 974 އަކީ 40 ހާސް މީހުންގެ ޖާގައިގެ އައު ތަނެކެވެ. މި ސްޓޭޑިއަމަށް 974 ކިޔަނީ ދެސަބަބަކަށްޓަކައެވެ. އެއްސަބަބަކީ އެ ނަމްބަރަކީ ގަތަރުގެ އިންޓަރނޭޝަނަލް ޑަޔަލިން ކޯޑު ކަމަށް ވުމެވެ. މި ސްޓޭޑިއަމް ބިނާކުރެވިފައިވަނީ ދޯހާގެ ގޮނޑުދޮށާއި ގާތުގައެވެ. މިތަން ތައްޔާރުކުރެވިފައިވަނީ މައިގަނޑުގޮތެއްގައި ޝިޕިން ކޮންޓޭނަރު ބޭނުންކޮށްގެންނެވެ. އެގޮތުން 974 ކޮންޓޭނަރު ބޭނުން ކުރެވިފައިވެއެވެ. އައް ޖަނޫބު ސްޓޭޑިއަމަކީވެސް 40 ހާސް މީހުންގެ ޖާގައިގެ ތަނެކެވެ. މި ސްޓޭޑިއަމް ފަރުމާ ކުރެވިފައިވަނީ އަރަބި ދޯންޏަކާ އެއްގޮތަކަށެވެ. މިއީ ގަތަރުގެ ސަގާފަތް ތަމްސީލުކޮށްދިނުމުގެ ފަރުމާއެކެވެ. މިތަން ބިނާކުރެވިފައިވަނީ ވެރިރަށް ދޯހާގެ ދެކުނުން އަލްވަކްރާއޭ ކިޔުނު ސަރަހައްދުގައެވެ.