"ރިންނިއަށް ކުރެވުނީ ކޮންކުށެއް؟" އެއީ ރަނީން އެންމެފަހުން ބުނެލި ޖުމްލައެވެ. ސިކުނޑީގެ ކަނެއްގައި އެ ޖުމްލަ ތަކުރާރުވާން ފެށުމާއެކު އަޔާލް ތެޅިގަތެވެ. އިސްކުރު ބާރުކޮށްފައި އަވަހަށް ފާހާނައިން ނުކުތެވެ.
*****
ކޮޓަރިއަށް ވަދެފައި ހުރިހާ ދިމާލަށް ރިންދާ ބަލައިލިއެވެ. އެއީ މީގެކުރިންވެސް އޭނާ ދިރިއުޅުނު ކޮޓަރިއެވެ. އެ ކޮޓަރިއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ތަފާތެއް އައިއްޔާ އައީ ރިންދާގެ މިޒާޖަށެވެ. ނަހާދެކެ ރުޅިއައިސްގެން ފުރައިގެން ރިންދާ ދިޔައީ ދުވަހަކުވެސް އެނބުރި ނާންނަގޮތަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ނަހާ އާއި ޝާހްބާޒްގެ ގުޅުމަކީ ރިންދާ ހިތްހަމަޖެހޭ ގުޅުމެއް ނޫނެވެ. ޝާހްބާޒާ އަޅައި ކިޔާނަމަ ނަހާއަކީ ގުދުރަތުން ރީތިކަމެއް ދެއްވާފައި ވީނަމަވެސް ބިމުގައިވާ ހިރަފުސްކޮޅެކެވެ. އެ މަގާމުގައި ހުރެ އުޑުގައިވާ ތަރިއެއްގައި އަތްލަން މަންމަ މަސައްކަތްކުރީތީ ރިންދާ ހިތްހަމަނުޖެހުނީ އެކަމާއެވެ. އެ މައްސަލައިގައި ގޭތެރޭގައި ކުރި ޒުވާބެއްގައި ރަނީންވެސް ޖެހުނީ ރިންދާގެ ކޮޅަށެވެ. އެހެންނަމަވެސް ރަނީންއަށް ރިންދާ ދިޔަގޮތަށް ގެ ދޫކޮށް ދާން ނުކެރުނެވެ. ކުރިން މާލޭގައި ދިރިއުޅުނު ކުލީ ކޮޓަރި ދޫކޮށްލާފައި ރިންދާ އާއި ރަނީން ގޮވައިގެން ޝާހްބާޒްގެ ގަނޑުވަރެއް ފަދަ ގެއަށް ނަހާ ބަދަލުވީ ދެކުދިންނާއެކު ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ. ދުވަސްވީ ލޯބިވެރިޔާގެ އެދުން ބޮލާލާ ޖަހަން ނުކެރިގެންނެވެ.
ތިރީގައި ހުރި ބްރީފްކޭސް އުފުލާލާފައި އެނދުމަތީގައި ބަހައްޓާފައި ރިންދާ އެނދުގައި އިށީނެވެ. ދޮރާ ދިމާލަށް ބަލައިލި ވަގުތު ހީވީ ރަނީން ވަދެގެން އައި ހެންނެވެ. ރަނީންގެ ޝަކުވާތަކާއި ޖޯކުތަކާއި ސިނގު ރުޅިގަނޑު ހަނދާނަށް އައުމާއެކު ރިންދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެފަރާތަށް ބޯހޫރާލުމާއެކު ރިންދާ އަވަސްވެލީ ފޮށީގައި ހުރި ހެދުންތައް ނަގައި އަލަމާރިއަށް އަޅާށެވެ. މެންދުރު ކުރީގެ އެމަސައްކަތް ނިންމާފައި ބަދިގެ ފަރާތަށް ދާންޖެހެއެވެ. ގޭގައި މަސައްކަތްކުރަން ބޭރުގެ ނޯކަރުން ތިއްބަސް މަސައްކަތެއް ނުކޮށް ހުރުމަކީ ރިންދާގެ ގޮތެއް ނޫނެވެ.
ފޮށި ހުސްކޮށް ސައިޑް ޖީބުތައް ހާވަނިކޮށް ރިންދާގެ އަތުގައި ޖެހުނީ ކަރުދާސްގަނޑެކެވެ. އެއީ ބުރިކޮށްލާފައި އިން ފޮޓޮއެއްކަން އެނގުނީ ނެގި ފަހުންނެވެ. ރިންދާގެ ދެބުމަ ގޮށްޖެހުނެވެ. ޕީޗްކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ޓީޝާޓަކާއެކު ދަށަށް ޖަހާފައި ފޮޓޯގައިވާ ފިރިހެންކުއްޖާއަކީ ކާކު ކަމެއް ރިންދާއަށް ނޭނގެއެވެ. އެނގެނީ އެއީ އަބަދުވެސް ރިންދާއާއެކު ވާ ފޮޓޮއެއް ކަމެވެ. ރިންދާ ދާހާ ތަނަކަށް އެ ފޮޓޯ ދެއެވެ. ފޮޓޯގެ ބުރިކޮށްލާފައިވީ ހިސާބުން ފިރިހެން ކުއްޖާގެ އަތާއި އަންހެންކުއްޖެއްގެ އަތް ގުޅިފައިވި ތަން ފެންނަން ހުއްޓެވެ. އެ އަންހެންކުއްޖާއަކީ ރިންދާ ކަން ޔަގީން ކުރެވުނީ އަތުގައި އިން ރަންކުލައިގެ ކެވެލި ކޮޅުންނެވެ. އެއީ ރިންދާގެ މާމަގެ ހަނދާނެކެވެ. އަދިވެސް އެ ކެވެލިކޮޅު ރައްކާކޮށްފައި ރިންދާގެ އަތުގައި އެބައޮތެވެ.
"ތިއީ ކާކުތަ؟" ފޮޓޯ އާ ރިންދާ ސުވާލުކުރިއެވެ. ޖަވާބެއް ލިބޭނެކަމަށް އިންތިޒާރު ކުރުމެއްނެތި ފޮޓޯގަނޑު ކޮށްޕާލީ ފޮށީގެ އަރިމަތީ ޖީބަށެވެ. ކާކުކަން ނޭނގުނު ނަމަވެސް އެ ފޮޓޯ އެއްލާލާކަށް ރިންދާގެ ހިތް އެއްބަހެއް ނުވިއެވެ.
*****
ފުލުސް އޮފީހުން އަޔާލް ނުކުމެފައި ހިޔާ ދޭ ހިސާބެއްގައި މަޑުކޮށްލިއެވެ. ބަރަކްއަށް ގުޅާލާފައި ބޭރުގައި ހުރި ވާހަކަ ބުންޏެވެ. މާގިނައިރު ނުވެ ވައިލެޓް ކުލައިގެ އަތްދިގު ގަމީހެއްގައި އައި ބަރަކް ފެނިއްޖެއެވެ. ބަރަކްއަކީ ތަހުގީގުކުރާ އޮފިސަރެކެވެ. އެހެންކަމުން މުހިންމު ކަމެއް ނެތިއްޔާ ބަރަކް އޮފީހަށް ދަނީ ކުލަ ހެދުމުގައެވެ.
"މިއަންނަނީ ސައިކު ނަގައިގެން" އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ބަރަކް ބުންޏެވެ.
"ކޮންތާކަށް ދާންވީ؟" އަޔާލް ކައިރިއަށް ސައިކަލް މަޑުކޮށްލަމުން ބަރަކް އެހިއެވެ.
"ހިނގާ ކާނިވަލާ ދިމާލަށް" ބަރަކްގެ ފަހަތަށް އަރަމުން އަޔާލް ބުންޏެވެ.
މޭޒުކައިރީގައި ދެބެން އިށީނދެފައި ކޮފީއަށް އޯޑަރުދިނެވެ.
"ކިހިނެއްވީ އެކަން؟" ބަރަކް އެހިއެވެ. ވެއިޓަރު ގެނެސް ބެހެއްޓި ފެންފުޅި ކަނޑާލައި ކޯވަރެއް ބޯލާފައި ގޮނޑީގައި ހަމަޖެހިލަމުން އަޔާލް ފުންނޭވައެއް ދޫކޮށްލިއެވެ.
"ދޮންބެ ހީކުރީ ފޯނު އަތުލާނެކަމަށް" އަޔާލް ބުންޏެވެ.
"ކޮން ސުވާލުތަކެއް ކުރީ؟" ބަރަކް އެހިއެވެ.
"ރިންނި އާ އެންމެފަހުން ދިމާވީ ކޮންދުވަހަކު ހޯ؟ ރިންނީ އާ އޮންނަނީ ކޮން ގުޅުމެއްހޯ؟" އަޔާލް ކިޔައިދިނެވެ.
"ދެން. ބުނިތަ އަދި އެއްފަހަރު އަންނަންޖެހޭ ވާހަކަ" ބަރަކް އެހިއެވެ.
"ބުނީ ވަކި އެއްޗެއް ނާންގަނިސް ފުރައިގެން ނުދައްޗޭ އެއްވެސް ތަނަކަށް. އެހެންބުނީމަ ވަރަށް ފިނިވި. އަނގަވެސް އޮޅުނު ތޯއްޗެ" ވެއިޓަރު ގެނައި ކޮފީތަށި ގާތަށް ދަމައިލަމުން އަޔާލް ބުންޏެވެ.
"ދޮންބޭ. އަހަރެންނަށް އެނގޭ ރިންނިއަކީ ދޮންބެގެ ގާތް ރައްޓެއްސެއްކަން. އެރޭ ހަމަ ދޮންބެ އާ ރިންނި ދިމާނުވޭތަ؟" ބަރަކް އެހިއެވެ.
"ތިވާހަކަދައްކާނީ ފަހުން" ދެފަރާތް ހޯދައި ބަލައިލަމުން އަޔާލް ބުންޏެވެ.
"ތިއެއްނޫނޭ. ކޮންއިރަކު ފަހަރި ގެއަށް ގެންނާނީ" އަޔާލް އެހިއެވެ. އަޔާލް ހުރީ އެވާހަކަތައް ހަނދާން ނައްތާލަން ބޭނުންވެފައެވެ.
"ގެއަށޭ. ދުވަހަކުވެސް ނުގެންދާނަން. ދޮންބެއަށް އެނގޭނެ މަންމަ އޭނަ ބޮލަށް އަރާނެކަން" ބަރަކް ބުންޏެވެ.
*****
ސިޑިން ފައިބައިގެން އަންނަ ނަހީކް ފެނުމާއެކު ބެގަރީ ކާމޭޒު ކައިރިއަށް ޖެހުނެވެ. ނަހީކް އަރާ ހަމަވުމުގެ ކުރިން މޭޒާއި ގޮނޑި ފޭކޮށްލަދިނެވެ. ދެން ހެނދުނުގެ ނާޝްތާއަށް ތައްޔާރުކުރި އެއްޗެހި ނަހީކް ކުރިމަތީގައި އަތުރާލިއެވެ. އެއްފަރާތުގައި ބާއްވާފައި އޮތް ފޯނަށް ފޯނެއް އަންނަން ފެށުމާއެކު ނަހީކްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކާއެއްޗެހި މަތިންވެސް ފޫހިވިއެވެ. އަރައިގަތް ރުޅިގަނޑު ބޭލުނީ ކުރިމަތީގައި ހުރި ކާއެއްޗިއްސަށެވެ. ދިމާ ކުރިމަތީގައި ހުރި ތަނބުގައި ޖެހުނު ބިއްލޫރި ޖަގުގެ އަޑުފަށްގަނޑާއެކު ބަދިގެއިން ނުކުމެގެން އައި ބެގަރީ ސިހިގެން ދިޔައެވެ. މޭވާ އަޅައިގެން އައި ބޮޑު ތަށި އަތުން ދޫވެގެން ދިޔައެވެ. ތަށި ތަޅައިގެން ދިޔަ ވަގުތު އެ އަޑަށް ސަމާލުކަން ނަހީކް ނުދިނެވެ. އޮތް ތަނުގައި ފޯނު ބާއްވާފައި އޭނާ އަލުން ސިޑިން އަރައިގެން ދިޔައެވެ.
ކޮޓަރީގައި ޓަކިޖަހާލުމާއެކު އެތެރެއަށް ވަންނަން ބެގަރީއަށް ހުއްދަ ލިބުނެވެ. އިސްޖަހާލައިގެން ހުރެ އަތުގައި އޮތް ފޯނު ބެގަރީ ނަހީކްއަށް ދިއްކޮށްލިއެވެ.
"ބެގަރީ... ސޮރީ އިނގޭ" ނަހީކް ބުންޏެވެ.
"އެވަރުގެ ކަމެއް ނުވެއެއްނު. އެއްޗެއް އަލުން ތައްޔާރުކުރަންވީތޯ" ބެގަރީ އެހިއެވެ.
"ލުއި އެއްޗެއް ރަނގަޅުވާނެ. އޮފީހަށްދާން ވަގުތު ކުޑަތަންވެއްޖެ" ނަހީކް ބުންޏެވެ.
ބެގަރީ ބޯޖަހާލާފައި ކޮޓަރިން ނުކުތް ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ކުރިން ގުޅި ނަންބަރު ކަމަށް ހީކޮށް ލަސްލަހުން ފޯނަށް އަރާފަ އިން ނަމަށް ނަހީކް ބަލައިލިއެވެ. ރާއްޖެއިން ބޭރުގެ ނަންބަރެއް އަރާފައި އިނުމުން ނަހީކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ހޭއި މޭން..." ފޯނު ކަންފަތުގައި ޖެހިގޮތަށް ނަހީކް ބުންޏެވެ. އިސާހިތަކުން ރުޅިވެރިކަން ނަހީކްގެ މޫނުމަތިން އެއްފަރާތް ވެލިއެވެ.
"ކިހިނެއް ރަނގަޅުވާނީ؟ ޒޭވާ ތިތަނުގައި ހުއްޓަސް އަހަރެން ވަރަށް ދަމާ އެބަ ކޮޕުން" ނަހީކް ބުންޏެވެ.
"އަޅާނުލާ... ސުވާލެއްނު ކުރަނީ. ކުށެއްނުކުރާ ބަޔަކު ބެދޭނެ އެއްވެސް ގޮތެއް ނޯންނާނެ. ނޫންތަ؟" ހިނިގަނޑަކާއެކު އެކޮޅުން ވާހަކަދެއްކި ޒުވާނާ ބުންޏެވެ.
"ތިއެއްނޫނޭ. ދެން ނާންނާނަންތަ؟ ދާންވީ ދޯ މީޓުކުރަން" ނަހީކް ބުންޏެވެ.
"މަންމަ އާއި ބައްޕަ އަހަރެން ހިފަހައްޓައިފި. ނެތޭ ދެވޭކަށް. މީހަކާ އިންނަންވީއޯ"
"ކާކު އަނެއްކާ އެވަރުގެ ނުރައްކަލެއްގެ ތެރެއަށް ވަންނަން އެއްބަސްވީ.... އަނެއްކާ އެކުއްޖާ ސަލާމަތުން ހުންނާނެބާ؟" ނަހީކް އެކުވެރިޔާއާ ދިމާކޮށްލިއެވެ.
"ނޭނގެ. އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް މީހަކާ އިންނާކަށް. އެނގެއެއްނު ކީއްވެކަން" ޒުވާނާ ބުންޏެވެ.
"ހެހެހެ... ތިނޫން ގޮތެއް ނުވާނެތަ؟ ތިކަން ދާއިމީ ކަމަކަށް ހެދީތަ؟" ނަހީކް އެހިއެވެ.
ކައިވެންޏެއް ކުރަން އުޅޭކަމަށް އެކުވެރިޔާ ދިން ހަބަރާއެކު ނަހީކްއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެކުވެރިޔާގެ އެ އުފަލުގައި ބައިވެރިވާން ހިތްއެދުނެވެ. ކަންތައްތައް ވެފައި އޮތް ގޮތުން އެކުވެރިޔާ ރާއްޖެ އައުމަކީ ހުދު ނަހީކްވެސް އެދޭކަމެއް ނޫނެވެ.
*****
ގެއިން ނުކުތުމުގެ ކުރިން ބަދިގެ އާ ދިމާލަށް ބަރަކް ދިޔައީ ކަރުހިއްކައިގަނެފައި ހުރުމުންނެވެ. ދޮރާ ދިމާލަށް ގޮސްފައި ބަރަކް މަޑުޖެހިލީ އެތެރޭގައި ހުރި ރޫބިޔާ ދައްކަމުންދިޔަ ވާހަކައެއް އަޑުއިވިފައެވެ.
"އަހަރެންނަށް ޔަގީން އެ މަރާ އޭނަ އާ ގުޅުމެއް އޮތްކަން. އެހެންނޫނީ އެހާ ސިއްރުން އުޅޭނެތަ؟" ރޫބިޔާ ބުންޏެވެ. ބަރަކް ދޮރާ ގާތަށް ޖެހިލާފައި ބަދިގެ ތެރެއަށް ބޯދިއްކޮށްލިއެވެ. ބޭނުންވީ ރޫބިޔާ ވާހަކަދައްކަމުން ދިޔައީ ކާކާތޯ ޔަގީންކުރުމެވެ. އެހެންނަމަވެސް ބަރަކް ހީކުރިގޮތާ ހިލާފަށް ރޫބިޔާ ނޫނީ އިތުރު މީހަކު ބަދިގޭގައި ނެތެވެ. ތެލިތައް ބަންޑުންޖަހާފައި ހުރި ފިލާގަނޑުމަތީގައި އިށީނދެގެން އެއް ފައި ފިލާ މައްޗަށް އަރުވައިގެން ރޫބިޔާ އިނީ ފޯނުން ވާހަކަދައްކާށެވެ. ރޫބިޔާގެ ދުލުން މަރެއްގެ ވާހަކަ އިވިފައި ބަރަކް އިތުރަށް އަޑުއަހަން ބޭނުންވިއެވެ. އެހެންކަމުން އިތުރަށް ދޮރާ ކައިރިވެލިއެވެ.
"ޔާރައްބީ. ތިވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. އެމެރިކާއިން ތަހުގީގު ޓީމެއް ގެނެޔަސް އޭނަގެ ހަގީގަތް ނުހޯދޭނެ. އާއެނކޭ އަހަރެންނަށް ހަމަ ޔަގީނޭ..." ރޫބިޔާ ކިޔަމުން ދިޔައެވެ.
ކުއްލިއަކަށް ރޫބިޔާ ތެދުވީ ދޮރުމަތީގައި މަޑުކޮށްގެން ހުރި ބަރަކް ފެނިފައެވެ. އެހާ ސިއްރުން ދެއްކި ވާހަކަތައް ބަރަކް އަޑުއިވުނުކަމަށް ރޫބިޔާގެ ހިތްތެޅެން ފެށިއެވެ.
"ސިއްސައިގެންނޭ އެދިޔައީ. ކޮން ފާޑަކަށް ބަލަހައްޓައިގެން ތިހުރީ" ހަމަޖެހިލަމުން ރޫބިޔާ ބުންޏެވެ.
"ކޮން މަރެއް. ކާކަށް ޝައްކުކުރެވެނީ؟ ކާކު އެހާ ސިއްރުވެރިވީ. މަންމައަށް އެބަ އެނގޭތަ ތިދެއްކެނީ ކިހާވަރެއްގެ ވާހަކައެއް ކަމެއް. ކާކަށް ގުޅައިގެން ތިކަހަލަ ވާހަކަތިދައްކަނީ؟" ބަރަކް އެހިއެވެ. އެއްފަހާރާ ދަރިފުޅުގެ ސުވާލުތައް ކުރިމަތިވުމާއެކު ރޫބިޔާ ހިމޭންވިއެވެ. ދޭނެ ޖަވާބާމެދު ވިސްނާނުލެވި އުޅެނިކޮށް ބަރަކް ސުވާލުތައް ތަކުރާރުކޮށްލިއެވެ.
"ސާބަސް ބަރަކްއަށް. އަހަރެން ދައްކާ ވާހަކަތައްވެސް ސިއްރުން އަޑުއަހަން ފެށީތަ؟" ރޫބިޔާ ބުންޏެވެ. ދެވަނަ ސިކުންތުގައި މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ދައްކާލިއެވެ.
"މަންމާ، ދޮގުނަހާދަ ތެދަށް ބުނޭ. މަންމައަށްވެސް އެނގެއެއްނު ގައުމުގެ ހާލަތު މިވަގުތު. މަންމަ ތިދެއްކީ މަރެއްގެ ވާހަކަ. މިދުވަސްވަރު ދެމީހަކު އެއްތަންވިއްޔާ އެދައްކަނީވެސް މަރެއްގެ ވާހަކަ" ބަރަކް ވާހަކަދެއްކިއެވެ. މިފަހަރު ވާހަކަދެއްކުމުގައި ބަރަކް އިހުތިޔާރުކުރީ މަޑުމައިތިރިކަމެވެ.
"އަހަރެން ގުޅައިގެން މިއުޅެނީ ކަލޭގެ ބޮޑުދައިތައަށް. މިދައްކަނީ އަހަރެމެން ބަލާ ޑްރާމާއެއްގެ ވާހަކަ. ކަލޭ މަށަށް ޝައްކު ކުރަންވެސް ފެށީތަ؟" ރޫބިޔާ ބުންޏެވެ. އެވާހަކަތައް ބަރަކްއަށް ގަބޫލުކުރެވުނެވެ. އެހެނީ ރޫބިޔާ އާއި ބޮޑުދައިތަ އާތިފާއަކީ ހިންދީ ޑްރާމާތައް ބަލަން ފޯރިހުންނަ ދެބެންކަން ބަރަކްއަށް އެނގެއެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު ފުންނޭވައެއް ދޫކޮށްލާފައި ބަރަކް ގެއިން ނުކުންނަން ހިނގައިގަތެވެ.
"އޭތް... ކަލޭ ކޮންތާކަށް ތިދަނީ؟" ރޫބިޔާ އެހިއެވެ.
"ބޭރަށް މިދަނީ. މަންމަ ކޮންއިރަކު އަހަރެން ދާހާ ތަނެއް އޮޅުންފިލުވަން ފެށީ" ބަރަކް ބުންޏެވެ. ރޫބިޔާ ހިތްހަމަނުޖެހިފައި ބަލަހައްޓައިގެން ހުރުމުން ބަރަކް ހީލިއެވެ.
"އަންނާނަން ވަރަށް އަވަހަށް. ދޮންދައްތައަށް އަހަރެންގެ ސަލާން ބުނައްޗެ" ބަރަކް ބުންޏެވެ.
*****
ގަލޮޅު އަމީނީގޯޅިއަށް ސައިކަލް މަޑުކޮށްލާފައި ޖީބުގައި އޮތް ފޯނު ބަރަކް ނެގިއެވެ. ނަންބަރަކަށް ގުޅާލާފައި ފޯނުގައި ހިފަހައްޓާލައިގެން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދިހަ ބުރިއަށް ހިއްލާލާފައިވާ އިމާރާތުގެ ދޮރަށެވެ. މާގިނަ އިރެއްނުވެ ހިމަތޮޅި ރީތި އަންހެންކުއްޖަކު އައިސް ބަރަކްގެ ސައިކަލް ފަހަތަށް އަރައިފިއެވެ.
ދެކުދިންގެ މިސްރާބަކަށްވީ މާލޭގެ ހިތްގައިމު ހިސާބެއްގައި ހުރި ރެސްޓޯރަންޓެކެވެ. އެތެރެއަށް ވަދެގެން ގޮސް ދެކުދިން އިށީނީވެސް ގުދުރަތީ ސާފުވައި ލިބޭ ހިސާބެއްގައި ހުރި މޭޒެއް ކައިރީގައެވެ. ވެއިޓަރަކު އައިސް ދެ ބިއްލޫރި ތައްޓާއި ކުޑަ ފެންފުޅިއެއް ބަހައްޓާފައި ދެކުދިން ބޭނުންވާ އެއްޗެހީގެ އޯޑަރު ނަގައިގެން ދިޔައެވެ. ކުރިމަތީގައި އިން ޖިލްވާއަށް ބަރަކް ބަލައިލިއެވެ. ޖިލްވާ ތުންފަތްމަތިން ހިނިތުންވުން އަދިވެސް ވަނީ ފަނޑުވެފައެވެ. މޭޒުމަތީގައި އޮތް ފޯނު ނަގާފައި ޖިލްވާ އާ އަމާޒުކޮށްލާފައި ބަރަކް ފޮޓޮއެއް ނެގިއެވެ. އެއާއެކު ޖިލްވާއަށް ހެވުނެވެ.
"އެއްކަލަ ބަރަކް..." ޖިލްވާ ބުންޏެވެ.
"އަހަރެންނަށް އެނގެއޭ މިހާރު ޖިލް ހެއްވާލަން" ބަރަކް ބުންޏެވެ. ހީލާފައި އަނެއްކާވެސް ޖިލްވާ ހިމޭންވިއެވެ.
"އަދިވެސް ގަބޫލެއްނުކުރެވޭ. ރަނގަޅަށް ނުވެސްނިދޭ. ހީވަނީ ކައިރީގައި ރިންނި ހުންނަހެން" އަސަރާއެކު ޖިލްވާ ބުންޏެވެ. ޖިލްވާގެ މޫނުމަތިން މާޔޫސީ ކުލަވަރު ބަރަކްއަށް ފެނުނެވެ. އެއާއެކު އެކަންތައް އަދިވެސް ޖިލްވާގެ ސިކުނޑިން އެއްކޮށް ފިލައިގެން ނުދާކަން ބަރަކްއަށް އެނގުނެވެ.
"ބަރަކްއަށް ހީވަނީ މިއީ ކާކުގެ ކަމެއްހެން. މިބުނީ އެނގޭ އެތެރެއިން އަންނަ މައުލޫމާތުތައް ބަރަކް ހިއްސާނުކުރާނެ ކަންވެސް. އެކަމަކުވެސް އަހަރެން ބޭނުން އެބަޔަކު އެނގެން" ޖިލްވާ ބުންޏެވެ.
"ތަހުގީގު އެބަދޭ ކުރިއަށް. މާދަމާ ރިންނިގެ ބޮޑީ ގެންނާނެ. ވަރަށް ގިނަ މީހުންނާ ސުވާލުވެސްކޮށްފި" ބަރަކް ބުންޏެވެ.
"ރިންނީ ކުރީ ކޮން ކުށެއްތަ؟ ކީއްވެތަ ރިންނިގެ ބޯއީފްރެންޑް ފުރައިގެން ދިޔައީމަ އޭނަގެ ވާހަކަނުދައްކަނީ. ގައިމުން އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ މީހަކީ އެއީ ދޯ" ޖިލްވާގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. ރަނީންގެ މަރަށް އިންސާފު ހޯދައިދިނުމަށް ޖިލްވާ ނުހަނު ބޭނުންވެއެވެ. އެހެނީ ރަނީން އާއި ޖިލްވާއަކީ ސްކޫލު ދައުރުން ފެށިގެން ގާތް ދެ ރަހުމަތްތެރިންނެވެ.
"ރަނީން ރައްޓެހިވެގެން އުޅޭކުއްޖާ އެކަމެއް ހިނގިއިރު ރާއްޖޭގައި ނެތް. ރައްޓެހިވެގެން އުޅުނަސް ދެމީހުން ދެ ގައުމެއްގައި ތިބީ. އެހެންނޫނަސް އޭނަގެ މައްޗަށް އެއްވެސް ހެއްކެއްވެސް ނެތް. ދެން ނޭނގެ. މިއީ އެތެރެއިން އަހަރެންނަށް ލިބޭ މައުލޫމާތު" ބަރަކް ވާހަކަދެއްކިއެވެ.
ރަނީންގެ މަރާ ގުޅޭ ވާހަކަތައް ފެށުމާއެކު އިސާހިތަކު ޖިލްވާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދެކުދިން އެކުގައި ހޭދަކޮށްފައިވާ އުފާވެރި ވަގުތުތައް ލޮލަށް ފެންނަ ކަހަލައެވެ. އެންމެފަހުން ބަރަކް ތެދުވެގެން ގޮސް ޖިލްވާގެ ކަނާތްފަރާތުގައި އިށީނދެފައި މޭޒުމަތީގައި އޮތް ޖިލްވާގެ ދެއަތްތިލައިގައި ހިފާލިއެވެ.
"އެނގޭ ދެރަވާނެކަން. ހިތުން އެހާ ފަސޭހައިން ނުފިލާނެކަންވެސް. އެކަމަކު ހިތްވަރުކުރަންވާނެ" ބަރަކް ބުންޏެވެ.
"ދުވަހަކުވެސް ހިތުން ނުފިލާނެ. ކޮލެޖުގައި އަހަރެންނާ ޖެހިގެން އިންނަ ގޮނޑި ހުސްކޮށް ހުންނަތަން ފެނުމުން ވަރަށް ދެރަވޭ. މިހާރު ނުވޭ ކިޔަވާހިތެއްވެސް" ޖިލްވާ ބުންޏެވެ.
*****
މުޅިން އާ ދުވަހެކެވެ. ކާރުން ފޭބި ނަހާގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓައިގެން ހުރީ ޝާހްބާޒެވެ. ސަހަރާ ތެރެއަށް ދެމަފިރިން ވަދެގެން އައިއިރު ނަހާ ގިސްލާފައި ރޮމުން ދިޔައެވެ. ފަހަތުން ވަދެގެން އައި ރިންދާއަށް ވެސް ވަނީ ވަރަށް އަސަރުކޮށްފައެވެ. ހީވަނީ ދެންމެ ދެންމެ ރޯންފަށާފާނެ ހެންނެވެ. ނަހާގެ ރުއިމުގެ އަޑު އިވިފައިވެސް ރިންދާއަށް ކެތްކުރެވޭވަރު ނުވެއެވެ. ރަނީންގެ މޫނުދެއްކުން ކުރިއަށް ދިޔައީ ހަމައެކަނި އާއިލާއަށެވެ.
އެންމެ ކުޑައަށް ހުންނަ ހައިބް ތިމާގެ މީހަކާ ހަވާލުކޮށްފައި ރިންދާ އެތެރެއަށް ވަނެވެ. އެސަރަހައްދުން ދުވި ވަހުން އުނދަގޫވެ ރިންދާގެ އަނގަ އާއި ނޭފަތުގައި އަތް އެޅިއެވެ. މިހާތަނަށް ރިންދާ މަރުވެފައިވާ އެއްވެސް މީހެއްގެ މޫނު ބަލާފައެއް ނުވެއެވެ. ނަފްސާނީގޮތުން އަސަރުކުރާތީއެެވެ. އެހެންނަމަވެސް މިފަހަރު ތަފާތެވެ. ހުދުކުލައިގެ ފޮތިގަނޑެއްގެ ތެރެއަށްލައި ފޮރުވާލާފައި އެވަނީ ރިންދާގެ ހަށިގަނޑުގެ އެއްބައެވެ. ރަނީންގެ މޫނު ފެނުމާއެކު ރިންދާ އަރިއަޅާލިއެވެ. ހިތް ފޮތިފޮތިވި ކަހަލައެވެ. ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކޮށްގެން ހުރި ނަމަވެސް ރިންދާގެ ހިތް ފޫއަޅައިގެން ދިޔައެވެ. ރޯންފެށިގޮތަށް ރިންދާއަށް ހުއްޓާލަންވެސް ނޭނގުނެވެ. ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރަމުން އައި އެއްބަނޑު އެއްބަފާ ކޮއްކޮ މޫނު އެފެނުނީ އެތައް އަހަރަކަށް ފަހުގައެވެ. އެވެސް ދުވަހަކުވެސް އައުމެއް ނުވާ ދުނިޔެއަށް ދަތުރުކޮށްފައި ވަނިކޮށެވެ. ދުވަހަކުވެސް ނުހޭލާނޭ ފަދައިން ފުން ނިންޖަކުން ނިދާލާފައި ވަނިކޮށެވެ.
"ހޭއި ރިދާ... ރުއިން ހުއްޓާލާ.... އަހަރެންނަށް ކަމެއް ކޮށްދެންޏާ މިކަމުގެ ފަހަތުގައި ފިލާތިބި ބައިގަނޑު ހޯދައިދީ. އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްދީ. އަހަރެންނަށް ހެޔޮދުއާކޮށްދީ..." އައި ނައި ދިމާލެއް ނޭނގި އެބަސްތައް ރިންދާއަށް އިވުނު ކަހަލައެވެ. ޔަގީނުންވެސް އެ އަޑަކީ ރަނީންގެ އަޑެވެ. ފަހަތުން އައި މީހަކު ރިންދާގެ ފަހަތުން ދެކޮނޑުގައި ހިފަހައްޓާލުމާއެކު އެނބުރިފައި އެމީހާގެ މޭގައި ރިންދާ ބޯއެޅިއެވެ. ބާރަށް ރޮއެގަތުމާއެކު ރިންދާގެ ދެ ކަކުލުން ވާގި ދިޔަހެން ހީވިއެވެ. ޖަމާއަތްތެރިންގެ އެދުމަށް ޝާހްބާޒް އެތަނުން ރިންދާ ނެރުނެވެ.
*****
ލެޕްޓޮޕަށް ބަލަހައްޓައިގެން އިން ނަހީކް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އޮފީހުގެ ދޮރުހުޅުވުމުންނެވެ. ކުރިމަތީގައި ހުރި އަންހެންމީހާ ފެނުމާއެކު ނަހީކްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ގޮނޑިން ފުންމައިގެން ތެދުވިއެވެ. ރޫބިޔާ ފެނުނަސް ނަހީކަށް ހީވަނީ ހަށިގަނޑުގެ ކަށިތަކަށް ނުބައި އިންޖެކްޝަނެއްގެ ކަށި ވަދެގެންދާ ހެންނެވެ.
"ކަލޭ... ހަމަ މިހާރު ނުކުމޭ މިތަނުން..." ނަހީކް ހިތްހަމަނުޖެހުމުގެ އަޑު އިވުމާއެކު ރޫބިޔާ ދެ ކަންފަތުގައި އަތް އަޅާފައި ދެލޯ މަރާލިއެވެ. އޭނާގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ނުކުންނާށޭ... ކަލޭ ދެ ކަންފަތް ބީރުތަ؟ ހަމަ މިހާރު ނުކުމޭ މިތަނުން. އެހެންނޫނީ...."
"އެހެންނޫނީ...." ރޫބިޔާ ބުންޏެވެ. "ކަލެއަށް ކީއްކުރެވޭނީ؟" ނަހީކް ބަލަހައްޓައިގެން ހުއްޓާ އަންހެންމީހާ ކުރީ ނަހީކްގެ ރުޅިގަނޑު ފަޅައިގެންދާވަރުގެ ކަމެކެވެ.
"ކަލެއަށް އެއްކަމެއްވެސް ނުވާނެ" ބޮޑު ގޮނޑީގައި އިށީންނަމުން ރޫބިޔާ ބުންޏެވެ. "ބަދުނާމުވާން ބޭނުންތަ؟ ހެހެހެ... އެއްކަލަ... ވަތްގަނޑު.... ފޯނު..." އަންހެންމީހާ ވާހަކަދެއްކިއެވެ.
ދެފަރާތު ޖީބަށް ޖަހާލެވިފައިވާ ނަހީކްގެ ދެއަތްތިލަ ވަނީ މުށްކެވިފައެވެ. ކޯކަށިގަނޑުގެ ދެފަރާތް ތުރުތުރު އަޅަމުން ދިޔައެވެ. އެހެންނަމަވެސް ދެލޯ މަރާލާފައި ރުޅިގަނޑު ކޮންޓްރޯލްކުރަން ނަހީކް މަސައްކަތް ކުރިއެވެ. ރޫބިޔާއަށް ރައްދުދޭން ހަދައިގެން ނުބައި މަޅިއެއްގައި ޖެހިދާނެތީ ނަހީކް ވިސްނާލިއެވެ. ނަހީކް ހިޔާރުކުރީ އެވަގުތަށް އެންމެ ބުއްދިވެރިގޮތެވެ. އެ އަންހެންމީހާގެ ކިބައިން ސަލާމަތްވެވޭނެ އޮތީ އެންމެ މަގެކެވެ.
"ކަލޭ ކޮންކަމެއް ބޭނުންވަނީ؟" ފިނި ނޭވައެއް ދޫކޮށްލަމުން ނަހީކް އެހިއެވެ.
"ކައިވެނި" އަންހެންމީހާ ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ