ޚަބަރު

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިޝްނަކުމާރް ކުންނަތް (ކޭކޭ) މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޭކޭ މަރުވެފައިވަނީ އިންޑިއާގެ ކޮލްކަޓާގައި އޮތް ކޮންސެޓް ނިންމާފައި ދިޔަތަނުން މިރޭ ކުއްލި ގޮތަކަށެވެ. ކޮންސެޓް ނިމުނުތަނާ އޭނާ ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ، ކޭކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

ކޭކޭ މަރުވި އިރު އުމުރަކީ 55 އަހަރެވެ. އޭނާގެ އަންބަކާއި ދެ ދަރިން ތިބެއެވެ.

ކޭކޭގެ އެންމެ ފުރަތަމަ އަލްބަމަކީ "ޕަލް"އެވެ. 1999ގައި ނެއްލި އެ އަލްބަމް ވަރަށް ބޮޑަށް މަޝްހޫރުކަން ލިބިފައިވާ އިރު، ކޭކޭ ވަނީ އޭގެ ފަހުން ބޮލީވުޑްއަށް ވަރަށް ގިނަ ލަވަތައްވެސް ކިޔައިދީފައެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އޭނާގެ ލަވަތައް ވަރަށްވެސް މަޝްހޫރެވެ.

ކޭކޭ ކިޔާފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި ގޭންގް ސްޓާއަށް ކިޔައިދީފައިވާ ތުހިމެރި ޝަބްހޭ، އޯމް ޝާތީ އޯމްއަށް ކިޔައިދީފައިވާ އާންކޮންމެ ތެރީ، ޖަންނަތު ފިލްމަށް ކިޔައިދީފައިވާ ޒާރަ ސަ ދިލްމޭ ދޭ ޖަގާ އަދި ތުމް މިލޭއަށް ކިޔައިދީފައިވާ ދިލް އިބާދަތް އާއި ބަޗްނާ އޭ ހަސީނޯއަށް ކިޔައިދީފައިވާ ހުދާ ޖާނޭ ފަދަ ލަވަތައް ހިމެނެއެވެ.