ޚަބަރު

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް ހަދަނީ

ރިފާ ހަލީލު

އުރީދޫ ޑިޖިޓަލް ޕޭމަންޓް ހިދުމަތް، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ފައިސާ ފޮނުވޭނެ ހިދުމަތެއް ޓެސްޓުކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހުއްދަ އެމްއެމްއޭއިން އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. އެއާއެކު ރިސޯޓުތަކުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިދޭސީންގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް ފައިސާ ފޮނުވުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، އެމްއެމްއޭއާ ގުޅިގެން އެ ހިދުމަތުގެ ޓްރައެލްއެއް މިހާރު ވަނީ ފަށައިފައެވެ. އަދި އެ ހިދުމަތް ވަރަށް އަވަހަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވިދަޅުވިއެވެ.

"ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި އެ ހިދުމަތް ދޭން ފެށޭވަރުވާނެ. މިހާރު ކުރިއަށްދަނީ ޓްރައެލް. މި ޓްރައެލްގައި އަޅުގަނޑުމެންގެ ސިލެކްޓެޑް ކަސްޓަމަރުން ބައިވެރިވާނީ. މި ހިދުމަތް ހުރިހާ އެމް-ފައިސާ ވޮލެޓަކަށްވެސް އެލިޖިބަލްވާނެ،" ނިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ ރާއްޖޭގައި އެ ހިދުމަތް ދޭ އެހެން ކުންފުނިތަކަށްވުރެ އެ ކުންފުނިން އެ ހިދުމަތް ދޭ އަގު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.

އެ ހިދުމަތާ ގުޅިގެން އުރީދޫގެ ޑިޖިޓަލް ފައިނޭންޝިއަލް މެނޭޖަރު އައިޝަތު ހަމްޒީނާ ފުއާދު ވިދާޅޫވީ އުރީދޫ އެމް-ފައިސާގެ ހިދުމަތާއެކު އެމް-ފައިސާ ވޮލެޓުގައި ހުންނަ ފައިސާ، އެހެން ގައުމެއްގެ ފައިސާއަށް ބަދަލުކުރެވޭނެ ކަމަށެވެ.

"މިހާރު މިސާލަކަށް އަޅުގަނޑުމެން ބަންގްލަދޭޝްއަށް ފައިސާ ފޮނުވަން ބޭނުންވީ. އެކަމަކު އުރީދޫ އެމް-ފައިސާ ވޮލެޓުގައި މިހުރީ ރުފިޔާއިން. ފޮނުވަންވީމަ ބަންގްލަދޭޝް ފައިސާއަށް ބަދަލުކުރެވޭނެ. އެ ފައިސާ ލިބެންވީ ފަރާތުގެ ބޭންކް އެކައުންޓަށް ނޫނީ އެ ގައުމުގައި ހުންނަ ޕިކްއަޕް ޕޮއިންޓަކަށް ނޫނީ މޯބައިލް ވޮލެޓަކަށް ނުވަތަ ގެއަކަށްވެސް ފޮނުވޭނެ. މިކަމަށް ނުނަގާނެ މާގިނަ އިރުތަކެއްވެސް،" އޭނާ ވިދާޅުވިއެވެ.

ހަމްޒީނާ ވިދާޅުވި ގޮތުގައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް އެ ހިދުމަތް ހޯދުމަށްޓަކައި ފުރިހަމަ ކުރަންޖެހެނީ މަދު މަރުހަލާތަކެކެވެ. ފައިސާ ފޮނުވާ ފަރާތާއި ލިބެންވީ ފަރާތް އަދި ފައިސާގެ ބާވަތާ ބެހޭ މައުލޫމާތު ފުރާލުމާއެކު ކުޑަ ހިނދުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެއެވެ.

އަދި އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ފައިސާ ފޮނުވޭނެ އަދަދު ލިމިޓުކޮށްފައިވީ ނަމަވެސް، އުރީދޫ އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް އެ ލިމިޓް ބޭންކުތަކުން ކަނޑައަޅާފައިވާ ލިމިޓާ އަޅާބަލައި އިރު، ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.