ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިންގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރޭ ކްރޮސްރޯޑްސްގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ، އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނެތް ކަމަށެވެ.

"ފުރަތަމަ ޕްލޭން އޮތީ ފްލޯޓިން ސްޓޯރެއްޖެއްގައި އިހަވަންދިއްޕޮޅުގައި އެކަންކުރުން. އެކަން ކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" ބަންކަރިންގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާ ގޮތް ހިއްސާކުރައްވަމުން އަމްރު ވިދާޅުވިއެވެ.

ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިއެވެ. މިދިޔަ އަހަރުވެސް އެ ކުންފުންޏަށް ތެލުގެ ވިޔަފާރިން އެކަނި ހަ ބިލިއަން ރުފިޔާ ލިބުނެވެ.

އަމްރު ވިދާޅުވީ، ރާއްޖޭގައި ރިސޯޓްތައްވެސް ތިން ގުނަ އިތުރުވެ، ތެޔޮ ބޭނުންކުރާ މިންވަރުވެސް އިތުރުވެއްޖެ ކަމަށެވެ. ނަމަވެސް ކ. ފޮނަދޫ (ތެޔޮ ފޮނަދޫ) ހަދާފައިވާ އެ ކުންފުނީގެ ޒަމާންވީ ތެޔޮ ޓާމިނަލް ބޮޑުކުރެވެން ނެތް ކަމަށާއި އެހެންކަމުން ސްޓްރެޓިކް ސްޓޯރެޖެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.