ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޮވިއްޖެއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހެޑްކުއާޓަރުގައި މިހޡާރު ކުރިއަށްދާ އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 151 ވަނަ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެލައްވައެވެ.
މިއަހަރުން ފެށިގެން ކުރިއަށްއޮތް ތިން އަހަރުގެ މުއްދަތަށް އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ، ދެކުނު އިރުމަތީ އޭޝިއާ ތަމްސީލު ކުރަމުން ގެންދާނެއެވެ. މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރޝިޕް އަދި ނޮން-މެންބާޝިޕް ގައުމުތަށް ހިމެނޭގޮތަށެވެ.
މި ބައްދަލުވުމުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 75 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ހަމައެހެންމެ، ކޯވިޑް 19ފަދަ ސިއްހީ ކުއްލި ނުރައްކަލުގެ ކާރިސާ ތަކުން ރައްކާތެރިވުމަށްޓަކައި ޕްރިޕެއާޑްނެސް އަދި ރެސްޕޮންސް އާއި ގުޅޭ މަޝްވަރާތަކެއް ހިންގުމާއި މިކަމާގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖައްސައިފައި ކަމަށް ހެލްތު މިނިސޓްރީން ބުނެއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރާނެއެވެ. މީގެ އިތުރުން، ހިއުމަންރިސޯސް އަދި ސްޓާފިންއާގުޅޭ މަޝްވަރާތައްވެސް ކުރާނެއެވެ.
މި ބައްދަލުވުން ނިމިގެންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152 ވަނަ ބައްދަލުވުމުން ބޭއްވުމަށް ހަމަޖައްސާފައިވާ ދުވަހާއި ތަން އިއުލާނު ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު