އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 17

އަބްދުﷲ ފާރޫގް ހަސަން

(23 މެއިގެ އަދަދާ ގުޅޭ)

ޔޫރަޕުގެ މީހުން އެފުރިކާއިން ގަދަބަދަވިކަމުން މީހުން ހިފައި ހައްޔަރުކޮށް އަޅުވެތިކުރީ އިހަށްދުވަހުއެވެ. އެކަން ހަނދާންނެތޭހައި ދުވަހެއް ނުވެއެވެ. އެކަމަކު އިސްލާމްދީންވަނީ މިނިވަނުން ގަދަކަމުން ހިފައި ހައްޔަރުކޮށް އަޅުވެތިކުރުން ވަރަށް ވަރުގަދަޔަށް މަނާކޮށްފައެވެ. ހަނގުރާމައިގައި ހައްޔަރުވާ މީހުން އަޅުވެތިކުރުމަކީ އެދުވަސްވަރު މުޅިދުނިޔޭގައިވެސް ޢާންމުވެފައި އޮތްކަމެކެވެ. އެހެންކަމުން ހުސްއެކަނި މުސްލިމުން އެކަން ހުއްޓައިލުމަކުން އެމައްސަލަ ޙައްލުވާކަށެއް ނެތެވެ. ހަނގުރާމައިގައި ހައްޔަރުވާ މުސްލިމުން ސަލާމަތްކުރުމަށްޓަކައި ބަދަލުކުރާނެ އަސީރުން ބޭނުންވެއެވެ. ފިދުޔަ އަތުލައިފައި މިނިވަންކުރާންވެސް ހަނގުރާމައިގައި މީހުން ވަގުތީގޮތުން ހިފަހައްޓާންޖެހެއެވެ. ތަހްޒީބުގެ ބޮންތި އަތުލައިގަނެވިފައިވާ ކަމުގައި ދަޢުވާކުރާ މިޒަމާނުގައި ޔޫކުރެއިނާއި ރަޝިޔާއާ ދެމެދުވެސް އެގެންދަނީ ހަނގުރާމައިގެ އަސީރުން ބަދަލުކުރަމުންނެވެ. އެހެންކަމުން އަސީރުން ހައްޔަރުގައި ބައިތިއްބުމަކީ އެޒަމާނުގައި ކުރިމަތިވެފައިއޮތް އިންތިހާދަރަޖައިގެ މަޖްބޫރީ ޙާލަތެކެވެ. މުސްލިމުންނަށްވެސް ވަގުތުން އެކަން ހުއްޓައެއް ނުލެވުނެވެ. އެކަމަކުވެސް މުސްލިމުން ގެންދިޔައީ އެކަމަށް ނިހާޔަތަށް ބާރުއަޅަމުންނެވެ. ހިތްވަރު ދެމުންނެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޒަމާނުގައި ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވި އަސީރުންގެ 6564 މީހުންގެ ތެރެއިން 6347 މީހުން މިނިވަންކުރައްވައި ދޫކޮށްލެއްވިކަން ތާރީޚުން ފުރިހަމަޔަށް ސާބިތުވެއެވެ. ބާކީތިބި 217 މީހުންގެ މައްސަލަވަނީ ހޯދައިބެލުމުގެ މަރްޙަލާގައެވެ. (ބަދުރުގެ މައިދާނުން ހަނގުރާމައާއި ޝަހީދުން، ޞ: 58) މުސްލިމުން ގެންދިޔައީ އަޅުވެތިކުރުމުގެ އާދަ ކުޑަކުރައްވަމުންނެވެ. މުޅިދުނިޔޭގައިވެސް އެކަން ހުއްޓުމަކަށް އައީ މުސްލިމުން ހިންގައިލި ހަރަކާތުގެ އެންމެފަހުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި މައްސަލައިގައި އިސްލާމްދީނުގެ ނަޒަރިއްޔާތުތަކާއި އަރަސްޠޫ (އެރިސް ޓޯޓަލް) ގެ ޚިޔާލުގައިހުރި ތަފާތާމެދު ވިސްނައިވަޑައިގެންނެވުން އެދެމެވެ. އަރަސްޠޫ ވިދާޅުވެފައިވަނީ އަޅުންނަކީ ނުވަތަ އަޅުވެތިކުރުމަކީ ސިޔާސީ އަދި އިޖްތިމާޢީ ނިޒާމަކަށް ކޮންމެހެން ބޭނުންކަމެއްކަމުގައެވެ. ޤުދްރަތުންވަނީ އިންސާނުންގެ ޤާބިލިއްޔަތު ތަފާތުކުރައްވައިފައި ކަމަށާއި، ވެރިކަން ކުރުމުގެ ފާޑުވެރިކަމާއި އެކަށޭނަކަން ހުންނަނީ ބައެއްމީހުންގެ ކިބައިގައި ކަމަށާއި އަނެއްބަޔަކު ކަމުދަނީ އަޅުމަސައްކަތަށް ކަމުގައެވެ. އަރަސްޠޫ އަޅުން ގެންގުޅުން ހުއްދަކުރެއްވީ އެކަމަކީ ގުރީކުގައި ޢާންމުކަމަކަށްވާތީ ކަމުގައި ވެދާނެއެވެ. މިއީ އެދަލީލަކުން ބާރު ލިބިގެން ހިންދީ މަޒުހަބުގައި ބައެއް މީހުންނަކީ ޝޯދަރުން ކަމަށާއި ދަށްފަންތީގެ މީހުންކަމުގައި ހަދައިލި ދަލީލެވެ. ހިންދީން ބުނާގޮތުގައި ދަށްފަންތީގެ މީހުން އުފެއްދެވީ މަތީފަންތީގެ މީހުންނަށް ޚިދުމަތްކުރުމަށްޓަކައެވެ. އަރަސްޠޫ ވިދާޅުވިގޮތުގައި އަޅުން ތިބޭންވާނީ އަޅުވެތިކަމަށް ރުހިގެންނެވެ. ނަމަވެސް އިސްލާމީ ނިޒާމުގައިވާގޮތުން ކުރީން އަޅެއްގެ ގޮތުގައި ހުރިމީހަކަށްވެސް އިސްލާމީ ދައުލަތެއްގެ އަމީރަކަށް ނުވަތަ ޚަލީފާއަކަށްވެސް ވެވިދާނެއެވެ. އިސްލާމީ ހަމަހަމަކަމަކީ މިއީއެވެ. އިސްލާމްދީނުގެ އިމްތިޔާޒެއް ކަމުގައިވާ ޚާއްޞަ މޮޅުކަމަކީ މިއީއެވެ.

ވެރީން މަޤާމުން ދުރުކުރުމުގެ ޙައްޤު

ވެރިކަމާއި ސަރުކާރު ހިންގުމަކީ އަމާނަތެއްކަމާއި އަމާނަތަކީ އެކަން އުފުލައިގަތުމުގެ އެކަށޭނަކަން ހުންނަ މީހުނާ ހަވާލުކުރާން އަމުރުކުރައްވައިފައިވާ ކަމެއްކަން ސާބިތުވުމުން އެނގެނީ އަމާނަތަށް ޚިޔާނަތްތެރިވުމަކީ އެއްވެސް ޙާލެއްގައި ބަރުދާސްތު ކުރެވޭނެކަމެއް ނޫންކަމެވެ. ޙާކިމާ އޭނާގެ ވާޖިބު އަދާނުކުރައްވާނަމަ އޭނާގެ މަޤާމުން ވަކިކުރެވިދާނެކަމެވެ. ޙާކިމާ ދީނަށާއި މިއްލަތަށް ޚިޔާނަތްތެރިވެވަޑައިގެންފި ކަމުގައިވާނަމައެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރެއްވުމުގައި އޭނާ އިޚްލާޞްތެރި ނޫންކަމުގައިވާނަމައެވެ. މާތް اللّــه އާއި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅުތައް ދެނެވަޑައިގަންނަވާ ފަރާތްޕުޅުތަކުން އެ ޙުކުމްފުޅުތައް ތަންފީޒުކުރައްވަން އެދިވަޑައިގެންނެވުމުން އެފަރާތްޕުޅުތަކަށް އަނިޔާވެރިވެވަޑައިގަންނަވާކަމުގައިވާނަމައެވެ. އެފަރާތްޕުޅުތަކަކީ ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައި ޙާކިމު ވިދާޅުވާނަމައެވެ. ޙާކިމާއަކީ އިސްލާމްދީނާ ދެކޮޅު މުޝްރިކުން (ހިންދީންނާއި ބުދުދީނުގެ އަހްލުވެރީން) ނާއި ނަޞާރާއިންނާއި ޔަހޫދީންގެ އަތުގައި އޮންނަ ހޭމައެއްފަދަ ބޭފުޅަކު ކަމުގައި ވެވަޑައިގެންފި ހިނދެއްގައެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެކަމުގައިވާނަމަ ޙާކިމާއާ އެ އަމާނަތް ޙަވާލުކުރި މީހުން ހައްޕުކިޔައި ދެތުންފަތުގައި ސިލްޖަހައިގެން ތިބެގެން ނުވާނެއެވެ. އެބައިމީހުން ވެރިކަމުގެ އަމާނަތް ޙަވާލުކޮށްފައިވާ މީހާ ޖަވާބުދާރީ ކުރުވާންޖެހޭނެއެވެ. މިއީ ކީރިތި ޤުރްއާނުގެ ޞަރީޙު އަމުރުފުޅެކެވެ. އަރަހުށި މާތް اللّــه ވަޙީކުރެއްވި އާޔަތެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللّــه އަށާއި ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނަތްތަކަށް އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ. (الأنـفــال: 27)

މިމާތް އާޔަތުގެ މަޠްލަބަކީ އަމީރުން ޢަދުލުވެރިކަމުން އެއްކިބާވެވަޑައިގަންނަވާ ޙާލަތްތަކުގައި އެބޭފުޅުން އިންތިޚާބުކޮށް ވެރިކަން ޙަވާލުކުރި ފަރާތަށް އެބޭފުޅުން އިހްތިސާބު ކުރެވޭނެއެވެ. އެބައިމީހުން ޙަވާލުކުރި އަމާނަތް އަނބުރައި އަތުލެވިވެސްދާނެއެވެ. އާދެ، ވެރިމީހާ މަޤާމުން ދުރުކުރެވިވެސްދާނެއެވެ. މިހުރިހައި މަފްހޫމުތަކެއް ޙަވާލާދީފައިވާ އާޔަތުން އިސްތިންބާޠު ކުރެވެއެވެ. މިއީ ޖުމްހޫރިއްޔަތުގެ ރޫޙު ވަރުގަދަކޮށްދިނުމެކެވެ.

އިނގިރޭސީންގެ މަޝްހޫރު ސިޔާސީ މުފައްކިރު ޖޯން ލޮކު (ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1632މ.) ހިމެނިވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް އައި ސިޔާސީ އިންޤިލާބެއްގެ އާރުކާޓީއެއް ކަމުގައެވެ. އޭނާ ވިދާޅުވާގޮތުގައި ޕާލަމެންޓަކީ ޢާންމުން ތަމްސީލުކުރާ ޢާންމުންގެ މަންދޫބުންނެވެ. ޖޯން ލޮކު ވަނީ ޙާކިމު ނުވަތަ ރަސްގެފާނު ޢަޒުލުކުރުމުގެ ޙައްޤު ޕާލަމެންޓަށް ދެއްވައިފައެވެ. ނަތީޖާއެއްގެގޮތުން 1688މ. ގައި އިނގިރޭސިވިލާތަށް ސިޔާސީ އިންޤިލާބެއް އައިސް ޖޭމްސް (2) އަށް ތަޚުތު ދޫކޮށްލައްވަން މަޖްބޫރުވެވަޑައިގެންނެވިއެވެ. ވެރިމީހާ ޢަޒުލުކުރުމުގެ އިޚްތިޔާރު ޕާލަމެންޓަށް ލިބިގެންވާކަމުގެ ނަޒަރިއްޔާ ވުޖޫދަށް އައީ މި ހާދިސާއާ ގުޅިގެންނެވެ.

ޖޯން ލޮކު ވިދާޅުވާގޮތުގައި ސަރުކާރު އުފެދެނީ އެއްބަޔަކު އަނެއްބަޔަކާ ކުރާ ޢަހްދާއި އިޤްރާރުގެ ސަބަބުންނެވެ. ޢާންމުން ވެރީންނާ އިޚްތިޔާރުތައް ޙަވާލުކުރަނީ އަމާނަތެއްގެ ގޮތުންނެވެ. މިގޮތުން ވެރިމީހާގެ ހައިސިއްޔަތަކީ އަމާނަތަކާ ޙަވާލުވެހުންނަ މީހެއްގެ ހައިސިއްޔަތެވެ. އަމީރު އޭނާގެ އެ މަސްއޫލިއްޔަތު އަދާކުރައްވަންވާނީ ޢާންމުން (ރައްޔިތުން) ރުހޭގޮތަށެވެ. ޙާކިމު އަމާނަތަށް ޚިޔާނަތްތެރިވެވަޑައިގެންފިނަމަ އޭނާ ޢަޒުލުކުރެވިދާނެއެވެ. މަޤާމުން ދުރުކުރެވިދާނެއެވެ.

ހަމަމިމޭރުމުން އިސްލާމީ ދައުލަތެއްގެ ޙާކިމު މާތް اللّــه މުސްލިމުންނަށް ބިމުގައި ބާރުދެއްވާ މަޤުޞަދު ފުރިހަމަކުރައްވަމުން ނުގެންދަވާކަމުގައިވާނަމަ އޭނާވެސް ޢަޒުލުކުރެވޭނެއެވެ. އަނިޔާވެރިވެވަޑައިގެންނެވުމާއި، މުޖްތަމަޢު ފަސާދަވަމުންދާއިރު ފެނިވަޑައިނުގަންނަވާކަމަށް ހެދިވަޑައިގެން ހުންނެވުމާއި، މާތް اللّــه ގެ ދީން ޙިމާޔަތް ނުކުރެއްވުމާއި، ރިސާލަތުގެ ނާމޫސު ރައްކައުތެރި ނުކުރެއްވުމާއި ދީނަށް ފުރައްސާރަކުރާ ރިޕޯޓުތައް ނެރޭއިރު އެނގިވަޑައިނުގަންނަވާކަމަށް ހައްދަވައި އެކަން މަނާނުކުރެއްވުމާއި ނުހުއްޓުވުމާ މިހިރީ ވެރިކަމުގެ އަމާނަތާ ޙަވާލުވެހުރުމުގެ ޝަރުޠުތަކާ ވަޑިފަތިވާ ކަންކަމެވެ. މިފަދަ ޙާކިމުން މަގާމުން ދުރުކުރުމަކީ ޢާންމުންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި ވާޖިބެކެވެ.

ޢާންމުން ނުވަތަ ރައްޔިތުންނަކީ ހޭލުންތެރި ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ވެރިމީހާ ޑިކްޓޭޓަރަކަށް ނުވަތަ ގޮށްމުށު ބާރުގެ ވެރިޔަކަށްވޭތޯ ރައްޔިތުން ފާރަވެރިވެ ބަލާންޖެހޭނެއެވެ. އިސްލާމްދީނުގެ ޝޫރާއީ ނިޒާމަށް ޢަމަލުކުރޭތޯއާއި، މުސްލިމުންނަށް ބިމުގައި ބާރުދެއްވި މަޤްޞަދު ޙާޞިލުވަމުން އެބަދޭތޯ ޢާންމުން ބަލާންޖެހޭނެއެވެ. ރައްޔިތުން ތިބޭންޖެހޭނީ ފިސާރި ލޯދިލުވައިގެންނެވެ. ކަންފަތް ތޫނުކޮށްގެންނެވެ. ސިކުނޑި ހުޅުވައިގެންނެވެ.

ވެރީން އިހްތިސާބުކުރުމާއި ވެރީންނަށް ތަންޤީދުކުރުމާ ބެހޭގޮތުން عــلاّمــــة أبــوبــكــر جـصّــاص رحـمـه اللّــه ގެ މުހިންމު ބަސްފުޅެއްގައިވެއެވެ.

"ފާޑުކިޔަމުން ނުގެންދާކަމުގައިވާނަމަ ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުން ހުއްޓިދާނެއެވެ. އަނިޔާވެރި ވެރީންނާ ސުވާލުކުރެވެމުން ނުދާނަމަ ފާސިޤުންނާއި ފާޖިރުންނާއި އެނޫންވެސް އިސްލާމްދީނާ ދުޝްމިނު ބާގަތައް ގަދަވެގެންފާނެއެވެ."

އިސްލާމީ ދައުލަތެއްގައި އިންތިސާބު ކުރެވޭނެ އެހެންގޮތެއް ނެތިއްޖެ ޙާލަތެއްގައި ވެރިކަމާ ދެކޮޅަށް ނުކުތުމާއި ހަތިޔާރު ނަގާންޖެހިއްޖެ ހިނދެއްގައި ހަތިޔާރު ނެގުމަށް إمـام الحـــرميـــن އާއި إمـام نـــووى އާއި عــلاّمــــة أبــوبــكــر جـصّــاص (رحـمـهــم اللّــه) ފަދަ މުޖްތަހިދުން ވަނީ ހުއްދަ ދެއްވައިފައެވެ.

އިސްލާމީ ޖުމްހޫރިއްޔަތުގައި ޢިލްމުވެރީންނާއި މުފައްކިރުންގެ އަގު ވަޒަންކުރުން

ހުޅަނގުގެ ޖުމްހޫރިއްޔަތުގައި ޙާކިމަކު ހޮވަނީ ޤައުމުގެ އެންމެންނެވެ. އާންމުންނާއި ޚާއްޞުންގެ ހަމަހަމަ ބައިވެރިވުމުގައެވެ. ނަމަވެސް އިސްލާމީ ޖުމްހޫރިއްޔާގައި ޢާންމުންގެ މަންދޫބުން ކަމުގައިވާނީ ޤައުމުގައި ތިއްބަވާ ތަޢުލީމާއި ތަރުބިޔަތާއި ތަޖްރިބާ ލިބިވަޑައިގެންފައިވާ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. ޤައުމުގެ ފިކުރީ އިސްފަންތީގެ ބޭކަލުންނެވެ. ޙަޤީޤަތަށް ދަންނަވާނަމަ ޤައުމުގައި ތިއްބަވާ ޤާބިލު އަފްރާދުންނާއި އެބޭފުޅުންގެ ޤާބިލިއްޔަތު އެނގިވަޑައިގަންނަވާނީވެސް އެފަންތީގެ ބޭކަލުންނަށެވެ. މިގޮތުން ބަލާއިރު ހުޅަނގުގެ ޖުމްހޫރިއްޔާގެ އިންތިޚާބީ އުސޫލަށްވުރެ ހަރުދަނާވެފައި ރަނގަޅީ އިސްލާމީ އުސޫލެވެ. މި މައިގަނޑު ނަމުގައި ބަޙުޘެއް ބާއްވައިފިކަމުގައިވާނަމަ ޤައުމުގެ ވިސްނުންތެރީންގެ ތާއީދު ލިބޭނީ އިސްލާމީ ފިކުރަށްކަމީ ކަށަވަރުކަމެކެވެ.

ޝައްކެއްނެތެވެ. ޢިލްމުވެރީންގެ ރައުޔާއި ޖާހިލުންގެ ވިސްނުން އެއްވެސް ޙާލެއްގައި އެއްވަރެއް ނުވާނެއެވެ. ކީރިތި ޤުރްއާނުގެ الـــزّمــــــر ސޫރަތުގެ ނުވަވަނަ އާޔަތުން އެކަން އެނގެއެވެ. އެ އާޔަތުގެ މާނައިގައި މިވަނީ މިދަންނަވާ ފަދައިންނެވެ.

"ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހްލުވެރީންނެވެ." (الـــزّمــــــر: 9)

ހުޅަނގުގެ ޖުމްހޫރިއްޔަތުގައި އޮންނަނީ އިންތިހާދަރަޖައިގެ ވިސްނުންތެރި އަދި އެހައިމެ ޢިލްމުވެރި ޝަޚްޞިއްޔަތްތަކުގެ ރައުޔާއި ނުކިޔަވައި ވަލުބުޑުނުކަނޑައިތިބޭ ޖާހިލުންގެ ރައުޔާވެސް އެއްވަރުކުރުމެވެ. ޢާންމުގޮތެއްގައި ޤައުމުތަކުގައި ގިނައިން ތިބެނީ ވިސްނުންތެރީންނާއި ޢިލްމުވެރީންނެއް ނޫނެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައި ވަރަށްގިނަފަހަރަށް ކުށް ނަޒަރިއްޔާތައް ޢާންމުވެއެވެ. އެކަމުގެ ސުންޕާކަން ވަބާއީ ބަލިމަޑުކަމެއްގެ ސިފައިގައި މުޅިދުނިޔެއަށްވެސް ނޭދެވޭ އަސަރު ފޯރުވަމުންދެއެވެ. އެއްޖިންސުން ކާވެނިކުރާން ހުއްދަ ދިނުމުގެ ޤާނޫނާއި، ބަނގުކެއުމާއި ބަނގުރާ ބުއިމުގެ ޞިއްޙީ ގެއްލުންތައް އެނގިއެނގިތިބެމެ އެތަކެތި ކައިބޮއިހެދުން ހުއްދަކުރުމާ މިފަދަ ގޮތްގޮތުންނެވެ. ސަލާމަތްބުއްދި ލާޒިމުކުރާ ގޮތުގައިވެސް މީހަކާ މަޤާމެއް ޙަވާލުކުރާއިރު އެމީހަކީ ތަޢުލީމާއި ތަމްރީނު ލިބިހުރި ވިސްނުންތެރި މީހަކުކަމުގައި ވާންޖެހެއެވެ.

(ނުނިމޭ)