ފްރެންޗް އޯޕެން، ރޮލަން ގަރޮސްގެ ފިރިހެން ޑިވިޝަން ކުއާޓާ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވާކް ޖޮކިވިޗާއި މިވަގުތު ދުނިޔޭގެ ފަސްވަނައަށް ރޭންކް ކޮށްފައިވާ "ކްލޭ ކޯޓުގެ ރަސްގެފާނު" ރަފޭލް ނަޑާލް ވާދަކުރަން ޖެހިއްޖެއެވެ.
މިއަހަރުގެ ފްރެންޗް އޯޕަންގެ ކުއާޓާއަށް ޖޮކޮވިޗު ދަތުރުކުރީ ރޭ ކުޅުނު ހަތަރު ވަނަ ބުރުގެ މެޗުގައި ފަސޭހަކަމާއެކު 15 ވަނައަށް ސީޑު ކޮށްފައިވާ އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްމަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު ޖޮކޮވިޗް ކާމިޔާބުކުރީ ސެޓެއް ގެއްލުވައިނުލައި، 6-1، 6-3 އަދި 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ.
ނަޑާލް ކުއާޓާއަށް ދިޔައީ ވާދަވެރި، ދިގުދެމިގެންދިޔަ މެޗުގައި މުބާރާތުގެ އަށްވަނައަށް ސީޑު ކޮށްފައިވާ ކެނެޑާގެ ފެލިކްސް އޯގާ-އަލިއަސީމޭ ބަލިކޮށްގެންނެވެ. އެ މެޗު ފަސް ސެޓަށް ގޮސްފައިވާ އިރު، މެޗު ފެނިގެން ދިޔައީ ފޯރިގަދަ ކޮށެވެ. ނަޑާލް އަތުން ފުރަތަމަ ސެޓު ގެއްލިގެން ދިޔައީ 6-3ގެ ނަތީޖާއަކުންނެވެ. އެ ސެޓަކީ މިއަހަރު ފްރެންޗް އޯޕަންގައި ނަޑާލް އަތުން ގެއްލުނު ފުރަތަމަ ސެޓެވެ.
ފުރަތަމަ ސެޓު ނަޑާލް އަތުން ގެއްލުނު ނަމަވެސް ދެވަނަ ސެޓު އޭނާ ވަނީ 6-3 އިން ގެންގޮސްފައެވެ. އަދި ތިންވަނަ ސެޓުގައި އޯގާ-އަލިއަސީމޭގެ ސާވް ބްރޭކްކޮށް، ނަޑާލް ވަނީ އެ ސެޓުވެސް 6-2 އިން ގެންގޮސްފައެވެ. މެޗުގެ ހަތަރު ވަނަ ސެޓުން ނަޑާލް ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ނަމަވެސް އޯގާ-އަލިއަސީމޭ ވަނީ ހަތަރު ވަނަ ސެޓުގައި ނަޑާލްގެ ސާވް ބްރޭކްކޮށް 6-3 އިން އެ ސެޓު ގެންގޮސްފައެވެ. ފޯރިގަދަކޮށް ފެނުނު ފަހު ސެޓު ނަޑާލް ގެންދިޔައީ 6-3 އިންނެވެ.
އެ ދެކުޅުންތެރިންގެ އިތުރުން ސްޕެއިންގެ ޒުވާން ތަރި ކާލޮސް އަލްކަރޭޒްއާއި އެލެކްޒެންޑާ ޒްވެރޭވް ވަނީ ކުއާޓާގައި ވާދަކުރަން ތައްޔާރުވެފައެވެ. އެ ދެ ކުޅުންތެރިންވެސް ކުއާޓާއަށް ދިޔައީ ކުޅުނު މެޗުތައް ސީދާ ތިން ސެޓުން ގެންގޮސްގެންނެވެ. ކުއާޓާގައި ދެން ކުޅޭ ދެމެޗުގެ ކުޅުންތެރިން ޔަގީންވާނީ މިއަދުގެ މެޗުތަކުންނެވެ.
ނަޑާލްއާއި ޖޮކޮވިޗް ވާދަކުރާ ކުއާޓާގެ މެޗު އަންގާރު ދުވަހުއެވެ. އެ މެޗު ވެގެންދަނީ ދެ ކުޅުންތެރިންގެ 59 ވަނަ ކުރިމަތިލުމަށެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް