ސައިރަން އަޅަމުން އައި އެމްބިޔުލާންސް ކައިރިކޮށްލުމާއެކު ތަނަށް އެއްވެފައި ތިބި ހުރިހާ މީހުންގެ ސަމާލުކަން އެތަނަށް ހުއްޓިއްޖެއެވެ. އެއްފަރާތުގައި ފުލުހުންގެ ވެހިކަލުތައް ބަރިބަރި ޖަހާލާފައި ހުއްޓެވެ. ކޯޑަން އަޅައި ބަންދުކޮށްފައި ހުރި ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު ޖަމާވެފައި ތިބި މީހުން ދުރަށް ޖެއްސުމުގައި އެހެން ފުލުހުންތަކެއް އުޅުނެވެ. ގޭދޮރުމަތީގައި ނަހާ ހުރީ ފިރިމީހާގެ މޭގައި ލައްވެލައިގެންނެވެ. ހަލަބޮލިވެފައިވާ ސަރަހައްދުން ނަހާގެ ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. ވާނުވާ ނޭނގިފައި ހުރި ފަސްވަރަކަށް އަހަރަށް ދާވަރުގެ ކުޑަ ފިރިހެންކުއްޖަކު އަންހެންމީހާގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓާލައިގެން ހުއްޓެވެ.

"ރިދާއަށް ހަބަރު ދީފިންތަ؟" ނަހާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އަވަށްޓެރިއަކު އެހިއެވެ.

މާގިނަ އިރެއްނުވެ ސްޓިޗަރުގައި ގަބުރެއް ނެރެގެން ގޮސް އެމްބިޔުލާންސަށް އަރުވައިފިއެވެ. ގައިމަތީގައި އަޅާފައި އޮތް ހުދުކުލައިގެ ފޮތިގަނޑުން ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. ފަހަތުން ނުކުތް އާއިލާގެ މެންބަރުންކަމަށް ލަފާކުރެވޭ ތިން ފިރިހެނުން އެމްބިޔުލާންސަށް އެރުމާއެކު ކުރިއަށް ދުއްވާލައިފިއެވެ. އެވިޑެންސް ބޭގްތަކެއް ހިފައިގެން ނުކުތް ފޮރެންސިކް ފުލުހުންވެސް ވެހިކަލަށް އެރުމާއެކު އެމީހުންގެ މަންޒިލަށްދާން ދަތުރުފެށިއެވެ. އެއިރުވެސް ބައެއް ފުލުހުން އެގޭތެރޭގައާއި އެސަރަހައްދު މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ. ނޫސްވެރިންގެ ސަފުތައްވެސް ދުރުދުރުން ފެންނަން ހުއްޓެވެ. އެމީހަކަށް ދެކެވުނު ގޮތަކަށް އެއްވެފައި ތިބި މީހުން ވާހަކަދައްކަމުން ދިޔައިރު އެއްވެސް މީހަކަށް ހަގީގަތެއް ނޭނގެއެވެ.

*****

ތަޅުލާފައި ހުރި ކޮޓަރި ތެރެއިން އިވެނީ މިޔުޒިކެއްގެ އަޑެވެ. އެ ކޮޓަރީ ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރި އުމުރުން ދުވަސްވީ ފިރިހެނެކެވެ. ބިޔަ ހަށިގަނޑެއްގެ ވެރި ރަތް ދޮނެއް ލިބިފައިވާ މީހެކެވެ. ހުސް ހުދުކުލައިން އެމީހާ އަޅައިގެން ހުރި ފޭރާމަކީ އޭނާގެ ޔުނީފޯމެވެ. މޮޅިވެރިކަން ވެރިވެފައިވާ އެމީހާގެ ތުނބުޅި އާއި މަތިމަސް ވަނީ ނުރައިންނެވެ. ކޮޓަރީގެ އެތެރޭގައިވާ އިންސާނާ ބޭރަށް ނުނިކުންނަހާ ހިނދެއްގައި އެމީހާ އެތަނުން ދުރަށް ނުދާން ހުރި ކަހަލައެވެ.

ގެއަށް މީހަކު ވަންނަން ބޭނުންވެފައި ހުރިކަން އެމީހާއަށް އެނގުނީ ކަންފަތަށް ޖަހާލާފައި ހުރި ބްލޫޓޫތުން ރަނގަބީލެއްގެ އަޑު އިވުމުންނެވެ. އެހެންކަމުން އެމީހާ ހިނގައިގަތީ ދޮރާ ދިމާލަށެވެ. އެގެއަށް އައިސްހުރީ ކާކުތޯ ބެލުމަށެވެ. އެހެނީ އެގެއަކީ އެއްވެސް އިރެއްގައި މީހުން އައިސް ގޮސްވާ ގެއެއް ނޫނެވެ. ބިއްލޫރި ދޮރުގެ އަނެއްފަރާތުގައި ހުރި މެދުއުމުރުގެ އަންހެނެއް ފެނުމާއެކު އެމީހާގެ ދެބުމަ ގޮށްޖެހުނެވެ. އެމީހާ ދޮރުހުޅުވާފައި ބޭރަށް ނުކުތެވެ. އެ އަންހެމީހާއަށް ޖަވާބެއް ނުދެނީސް އެތަނުން ނުދާނެކަން އެނގެއެވެ.

"ނަހީކް މިވަގުތު އެއްވެސް މީހަކާ ބައްދަލެއް ނުކުރާނެ" ބެގަރީ ބުންޏެވެ.

"ކީއްވެ؟ އަހަރެން ބައްދަލުކުރަން އައި ކޮންމެ ވަގުތެއްގައި އޭނާ ޖެހޭނީ އަހަރެންނާ ބައްދަލުކުރަން" އެ އަންހެންމީހާ ބުންޏެވެ. އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ. ނިކަން ޒީލަގަދަ އަންހެނެކެވެ. އުމުރުން ފަންސާހާ ގާތްކުރާ އުމުރެއްގެ ވެރިޔަކަސް ބަލާބެލުމަށް އެހެން ހިއެއް ނުވެއެވެ. ކަޅުކުލައިގެ ޓޮޕްކޮޅަކާއެކު ނޫކުލައިގެ ސްކިނީއެއްގައި އެ އަންހެންމީހާ ހުރީ ނިކަން ގޮތުގައެވެ.

"އިހަށް މިތަނުންދޭ. މިވަގުތު ނަހީކްއަށް އުނދަގުކުރާކަށް އަހަރެންނަށް ހުއްދައެއް ނެތް" އެ އަންހެންމީހާ ބުނާ އެއްޗަކަށް ބެލުމެއްނެތި ބެގަރީ ދޮރުލައްޕާފައި އެތެރެއަށް ވަނެވެ.

*****

ފަހާފޮށި ދޮށުގައި އިން ރޫބިޔާ ބަލައިލީ ފާރުކައިރީގައި އަތުރާލާފައި ހުރި އަދަރާދު ގޮނޑިތަކާ ދިމާލަށެވެ. ގޮނޑިތަކުގެ އެންމެ ކޮޅުގައި ހުންނަނީ އާދައިގެ ކުޑަ މޭޒެކެވެ. ލޭންޑްލައިން ފޯނު ބަހައްޓާފައި ހުންނަނީ އެ މޭޒުމަތީގައެވެ. ދެފަރާތަށް ބޯހޫރާލާފައި ރޫބިޔާއަށް އެވަރަކުން ފަރެއް ނުޖެހުނެވެ. ފަހަން އިން ހެދުން ފަހާފޮށި މައްޗަށް ޖަހާފައި ހަށިގަނޑު ގޮނޑިތަކާ ދިމާލަށް އަނބުރާލިއެވެ. ދެން ނުރުހިފައި ބަލައިލީ ފޯނުގައި އިން ޒުވާނާއަށެވެ.

"އޭ އަޔާލް، ކަލޭ ތި ފޯނުގަ އިންނަތާ ގަޑިއެއްގެ އިރު މިވަނީ. ތި ފޯނު ބާއްވާކަށް ނުވޭތަ؟" ރޫބިޔާ ވާހަކަދެއްކިއެވެ. މީހަކު އެއްޗެކޭ ކިޔައޭވެސް އަޔާލްއަށް ހިއެއްނުވެއެވެ. އަޔާލް އިނީ އިވޭ އަޑު ނީވޭކަމަށް ހަދައިގެންނެވެ. ރުބިޔާ ދައްކާ އެއްވެސް ވާހަކައަކަށް އަޔާލް ސަމާލުކަމެއް ނުދެއެވެ.

"މިދެން ކިހާ ދެރަކަމެއް؟" ރޫސް އަޅާފައި އެ އިވުނީ ރޫބިޔާ އިށީނދެގެން އިން ގޮނޑިން ތެދުވި ވަގުތު ގޮނޑި ތަޅުންގަނޑު މަތީގައި ދެމުނު އަޑެވެ. އެ އަޑަށްވެސް އަޔާލް ސަމާލުކަމެއް ނުދެއެވެ. އެކަންވީ އިތުރަށް ރޫބިޔާ ރުޅިގަދަކުރުވި ކަމަކަށެވެ. ބާރަށް ހިނގާފައި ގޮސް ފޯނުގެ ވާގަނޑުގައި ހިފައި ދަމައިގަތެވެ. އަޑުތަކެއް އިވި ފޯނު ކެނޑިގެން ދިޔުމާއެކު ފުންމައިގެން އަޔާލް ތެދުވިއެވެ. ޖާނުން ވަރުގަދަ ފިރިހެނަކު ކުރިމަތީގައި ހުއްޓުނު ވަގުތު ރޫބިޔާގެ ގައިގައި ރޫރު އަޅައިގަތެވެ. އަޔާލް ރުޅިއައިސްފައި ހުރިވަރުން ހަތަރެސްކަން މޫނުން ނުކުމެފައިވާ ކަތުރު ކަށިގަނޑުގައިވެސް ތުރުތުރު އަޅަމުން ދިޔައެވެ. ނަފްރަތުގެ ބެލުމަކުން ރޫބިޔާއަށް ބަލަހައްޓައިގެން ހުރިއިރު އަލިފާނުން ރޫބިޔާ އަންދާލަން އުޅުނު ކަހަލައެވެ.

"ކަލޭ ތިއުޅެނީ އަހަރެން އަތުން މަރުވާންތަ؟" އަޔާލް ބުންޏެވެ. ރޫބިޔާ ގައިގައި ޖަހަން އަތް މަޅާލި ވަގުތު އެއީ ބޭރުން ގޭތެރެއަށް ބަރަކް ވަން ގަޑިއެވެ. އަޔާލް އަތުގައި ބަރަަކް ނުހިފެހެއްޓިނަމަ އަޔާލްގެ އަތުން ރޫބިޔާއަށް ބޮޑު އަނިޔާއެއް ވީހެވެ.

"ލަދެއްވެސް ނުގަނޭތަ؟ ބަލަ އަހަރެންނަކީ ކާކުކަން ނޭނގޭތަ؟ އަދި އެބަ ބަލައެއްނު ފާޑަކަށް" ތަންވަޅު ބަލާފައި އަޔާލްގެ ކުރިމަތިން އެއްފަރާތަށް ޖެހުނު ރުބިޔާ ވާހަކަދެއްކިއެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އަޔާލް އަދިވެސް ހަމަޔަކަށް ނޭޅެއެވެ.

"މަންމަވެސް އަބަދުނުޖެހޭ ދޮންބެ ރުޅިއަރުވާކަށް" ބަރަކް ހިތްހަމަނުޖެހުނީ ރޫބިޔާ ދެކެއެވެ.

އުމުރުން ސައްބީސް އަހަރުގެ އަޔާލް އާއި ސައުވީސް އަހަރުގެ ބަރަކް އަކީ އެއްބަފާ ދެކުދިންނެވެ. ދެކުދިންގެ މެދުގައި ލޯތްބާއި ހަމްދަރުދީ އޭގެ އިންތިހާއަށް އޮތަސް ރޫބިޔާ އަޔާލްއަށް ނަފްރަތު ކުރެއެވެ. ފިރިމީހާގެ ގޭގައި އަޔާލް ދިރިއުޅޭތީއެވެ. އަޔާލްއަކީ ދޮންދަރިއަކަށް ވާތީއެވެ. އަޔާލް ހަރުދަނާ ވަޒީފާއެއްގައި ދެމިނުހުންނާތީއެވެ. ހުރި ހަމައެކަނި ދަރިފުޅު އަޔާލްގެ ސަބަބުން ރޫބިޔާއަށް ބަސްބުނާތީއެވެ.

*****

އޮފީސް ތެރެއަށް ނަހީކް ވަނުމާއެކު އެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ހުރިހާ އަންހެންކުދިންގެ ސަމާލުކަން ނަހީކްއަށް ހުއްޓިއްޖެއެވެ. އެއިން އެއްވެސް މީހަކަށް ނަހީކް އަޅައެއްނުލިއެވެ. ފޮނިކަމާއި ބޮޑަކަމާއެކު ނަހީކް ގޮސް ވަނީ ކެބިންއަށެވެ.

"އެހެރަ ހިނގުމެއް ވާވާ..." އަންހެންކުއްޖަކު ބުނެލި އަޑު އިވުނެވެ. އޮފީސްތެރެ ފޮޅައި މޮޕުއަޅަން ހުރި އަންހެންމީހާއަށް އެ އަޑު އިވުމާއެކު މޫނު ކުނިކޮށްލިއެވެ. ހުރިހާ ޒުވާން އަންހެންކުދިން ހިތް ކަތިލަމުން ދުވާ އަޑިނޭނގޭ ފޮނި މީހެކެވެ.

"އޭނާ ހަމަބިމަށް ތިރިކޮށްފަ ނޫނީ އަހަރެން ނޭވައެއް ނުލާނަން" އެއްފަރާތަކަށް ތުން އަނބުރާލަމުން އަންހެންމީހާ ބުންޏެވެ.

ބޮޑު ގޮނޑީގައި އިން ނަހީކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކެބިން ދޮރުހުޅުވާލާފައި އެތެރެއަށް ވަން މީހަކު ފެނިފައެވެ. އެއީ ކުންފުނީގެ ވެރިޔާ މުޝްތާގުއެވެ. ނަހީކްއަކީ މުޝްތާގުގެ ދަށުން ހުންނަ މީހާއެވެ.

"ކޮބާ ކިހިނެއް؟" ނަހީކް އާ ސަލާމްކޮށްލަމުން މުޝްތާގު އެހިއެވެ.

"ގޯހެއް ނޫން" ނަހީކް ބުންޏެވެ.

"ރޭގަ ހަބަރު ބަލާލަން ވަރަށް ގުޅިން. ފޯނަކަށް ޖަވާބެއްނުދޭ" މުޝްތާގު ބުންޏެވެ.

"ނިދާފަ އޮންނާނީ. ބޭސްކައިގެންވެސް ބޮލުގެ ރިހުން ނުފިލާތީ ވަރަށް އަވަހަށް ނިދައިފިން" ނަހީކް ބުންޏެވެ.

"ހުރިހާ ކަމެއް ނަހީކާ ހަވާލު އިނގޭ" އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މުޝްތާގު ބުންޏެވެ. "ކޮފީއެއް ބޯލަންވެސް ވަގުތެއްނެތް. ފްލައިޓް މިސްވެދާނެ. ދަނީ އިނގޭ" ނަހީކް ގައިގައި ކުޑަކޮށް ބައްދާލާފައި މުޝްތާގު ނުކުތެވެ.

މުޝްތާގު ނުކުތުމާއެކު ނަހީކް ގޮސް ހުއްޓުނީ އޮފީސް ތެރޭގައި ހުރި އޭނާގެ ސެންޓް ހަރުގަނޑު ކައިރީގައެވެ. ތިން ބަޔަށް ހުރި އެ ހަރުގަނޑުގައި އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ސެންޓް ހުއްޓެވެ. އެތަނުން ނަހީކް ނެގީ އެންމެ މަތީގައި ހުރި ފުޅިތަކުން "ޝުމުކް" ނަމަކަށް ކިޔާ ފުޅިއެކެވެ. އަޅިކުލައިގެ ކޯޓުގެ ދަށުން ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ ގިރުވާނުގެ ދެފަރާތަށް ސްޕްރޭކޮށްލާފައި ދެއަތް ދެއަތާ އުނގުޅަމުން އައިސް ގޮނޑީގައި އިށީނެވެ. ކުރިމަތީގައި ހުރި ލެޕްޓޮޕް ހުޅުވާލާފައި ހަބަރުތައް ޗެކްކޮށްލިއެވެ. ގަވައިދުން ހަބަރުތައް ބެލުމަށް އާދަވެފައި ނުވާ ނަހީކްއަށް އެދުވަހުގެ ހަބަރުތައް ބެލުމަކީ މުހިންމު ކަމެކެވެ.

"އުމުރުން އެންމެ ބާވީސް އަހަރު. މި މަރުގެ ސިއްރަކީ ކޮބާ؟" ފުރަތަމަވެސް ނަހީކްގެ ލޮލުގައި އަޅައިގަތީ ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫހެއްގައި ރަތްކުލައިން ލިޔެލާފައި އިން ސުރުހީއެވެ. ނަހީކްގެ ދެބުމަ ގޮށްޖެހުނެވެ. ޝައުގުވެރިކަން ނެތްގޮތަކަށް އެ ނޫސް ލައްޕާލިއެވެ. ދެވަނަ ނޫސް ހުޅުވާލުމާއެކު ދެންވެސް ލޮލުގައި އަޅައިގަތީ އެ މަރާ ގުޅޭ ހަބަރެއްގައެވެ.

"މަރިޔަމް ރަނީން. މި މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރި" ނަހީކް ލެޕްޓޮޕް ލައްޕާލިއެވެ. އެއްފަރާތުގައި އޮތް މޯބައިލް ފޯނަށް ނަޒަރު ހުއްޓުނެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ނަންބަރަކަށް ގުޅާލިއެވެ. ދެން މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ކޮފީ މެޝިން ކައިރީގައެވެ.

ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު ނަހީކް ބަލައިލިއެވެ. އެންމެ ފުރަތަމަ ނަހީކްއަށް ފެނުނީ ދޮރުން އެތެރެވި ފިހިގަނޑުގެ ކޮޅެވެ. ސާފުކުރާ މީހުން އައީކަން ނަހީކްއަށް އެނގުނެވެ. ކޮފީތަށި ހިފައިގެން ގޮސް ނަހީކް އިށީނީ ގޮނޑީގައެވެ. ސާފުކުރަމުން ދިޔައީ އަންހެނަކާއި ފިރިހެނެކެވެ. އެތަނުން އަންހެންމީހާގެ ނަޒަރު ނަހީކްއަށް ހުއްޓިފައި ހުރިކަމެއް ނަހީކް ނުދެނަހުއްޓެވެ.

"ވަދޭ އެތެރެއަށް" އޮފީހުގެ ދޮރުގައި ޓަކިޖަހާލުމުން ނަހީކް ބަލައިލިއެވެ. ބިއްލޫރި ދޮރުން ބޭރުގައި ހުރި ބެގަރީ ފެނުމާއެކު އެތެރެއަށް ވަނުމުގެ ހުއްދަ ނަހީކް ދިނެވެ.

"ބެގަރީ ގެއަށް ދޭ" އަތުގައި އޮތް ކޮތަޅުގައި ހިފަމުން ނަހީކް ބުންޏެވެ. އިސްޖަހާލައިގެން ހުރި ބެގަރީ ވަގުތުން ބޭރަށް ނުކުތެވެ.

ކޮތަޅުން ނެގި އާ ފޯނަށް ކުރިން ގެންގުޅުނު ފޯނުން ނެގި ސިމްކާޑު ބަދަލުކޮށްލިއެވެ. ދެން އެ ފޯނު ދުރުގައި ބާއްވާފައި ބާ ފޯނު ނަގައިގެން އެތައް އިރަކު އިނެވެ. ނަހީކްގެ މޫނުމަތީގައި ވަނީ ސީރިޔަސްކަމެވެ. ބޭނުންވި ކަންތައްވުމާއެކު ބާ ފޯނު މޭޒުގެ ވަތްގަނޑަކަށްލާފައި ލޮކް ކޮށްލިއެވެ. އެއްވެސް މީހަކަށް އެ ލޮކް ހުޅުވުމަކީ ފަސޭހަކަމަކަށް ނުވާނެކަން ނަހީކްއަށް ޔަގީނެވެ.

ކުނިކަހާފައި ފިރިހެން މީހާ ނުކުތް އިރުވެސް އަންހެންމީހާ ހުރީ ސަމާލުވެ ނަހީކްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ދެން ލަސްލަހުން ނަހީކް އާ ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

"މިހާރުވެސް މިތާ ބައެއް މީހުން ކަލެއަށް ޝައްކުކުރޭ. އަހަރެންވެސް...." އަންހެންމީހާ ބުންޏެވެ. އެއީ ކާކުގެ އަޑުކަން އެނގުމާއެކު ނަހީކްގެ ރުޅިވެރި ނަޒަރު އަންހެންމީހާއަށް އަމާޒުވިއެވެ. ފަހުގެ ތާރީހެއްގައި ނަހީކަށް ޖެހުނު މުސީބާތެއް ކަހަލަ އަންހެނެކެވެ. އެ އަންހެންމީހާގެ ފުށުން ނަހީކަށް ސަލާމަތެއް ނުވެވުނެވެ.

"ނުކުމޭ... ހަމަ މިހާރު މިތަނުން ނުކުމޭ.. އެހެންނޫނީ ކަލޭ މިތަނުން ނެރެން ސެކިރުރިޓީއަށް ގޮވަންޖެހިދާނެ" ނަހީކް ރުޅިވެރިކަމާއެކު އިންޒާރުދިނެވެ. އަންހެންމީހާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. ނަހީކް ބުނާ ބަހަކަށް އެއްވެސް ޖެހިލުމެއްނެތޭ ބުނާ ކަހަލައެވެ.

"ފޯނުވެސް ބަދަލުކޮށްލީ ދޯ. އޭގައި ކޯޗެއް އޮތީ އަނެއްކާ. ފުލުހުންނަށް ބަޔާންދޭއިރު އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން" ނަހީކް އާ މޫނު ގާތްކޮށްލާފައި އަންހެންމީހާ ބުންޏެވެ. ރައްދުގައި އެއްޗެއް ނުބުނިކަމުގައި ވިޔަސް ނަހީކްގެ މޫނުމަތިން ހާސްކަމެއް ފެނިލިއެވެ. އަންހެންމީހާ ނުލަފާ ޒާތަކަށް ހެމުން ނުކުތްއިރުވެސް ނަހީކްއަށް އެއްޗެއް ނުބުނެވުނެވެ. ރޫބިޔާ މިވީ ނަހީކް ހީކުރި ވަރަށްވުރެ ނުރައްކާތެރި މީހަކަށެވެ.

*****

ސޯފާގައި ފިކުރެއްގައި އިން ނަހާއަށް ކުއްލިއަކަށް ސިހުމެއް ލިބުނީ ދޮރުމައްޗަށް އެރި އަންހެންކުއްޖާ ފެނިފައެވެ. ގަބޫލުނުކުރެވިފައި ކޮޅަށް ތެދުވެވުނީވެސް ކުއްލިއަކަށެވެ. ނުފެންނަތާ އެތައް ޒަމާނެއް ވިޔަސް އެސޫރަޔަކީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. ދޮށީ ދަރިފުޅާ ކިތަންމެ ދުރުގައި އުޅުނަސް ފަޅި ސިކުންތަކަށްވެސް ދަރިފުޅު މަތިން ނަހާ ހަނދާން ނުނެތެއެވެ. މައިވަންތަ އިހުސާސް ނަހާގެ ހިތުގައި ހޭލައިގަތެވެ. ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް ނަހާ މަޑުޖެހުނީ ގޭތެރެއަށް ނުވަދެ ބީރައްޓެހިވެފައި ދަރިފުޅު ހުރުމުންނެވެ.

"ވަދޭ އެތެރެއަށް" ނަހާ ބުންޏެވެ. ކުއްލިއަކަށް ގޮސް ރިންދާގެ ގައިގައި އޮޅުލައިގަންނާކަށް ނަހާއަށް ނުކެރުނެވެ. ރިންދާ ދެކޭނެ ގޮތެއް ނޭނގޭތިއެވެ. ނަހާއަށް އިތުރު ހައިރާންކަމެއް ލިބުނީ ރިންދާ އެތެރެއަށް ވަންނަމުން ފޮށްޓެއް ދަމާލިތަން ފެނިފައެވެ. ތުންފަތް ދެފަރާތަށް ދެމިލީ ހިތަށް އެރި އެއްޗަކުންނެވެ. ފާއިތުވި ހަފުތާއެއްހާ ދުވަސްތެރޭގައި ނަހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި ފުރަތަމަ ފަހަރެވެ.

"ދަރިފުޅު ތިއައީ އެއްކޮށްތަ؟ ދެން މަންމަ ދޫކޮށް ނުދާނަންތަ؟" ކުރިމަތީގައި ރިންދާ ހުއްޓުމާއެކު ނަހާ ބުންޏެވެ. ރިންދާ ބަހެއް ނުކިޔައެވެ.

"މިއައީ އެއްކޮށް. ކޮއްކޮގެ މަރުގެ ހަބަރު ލިބުނީމަ މަންމަ އާ ދުރުގަ ހުންނަން ކެއްނުވީ. ކޮންމެގޮތެއް ވިޔަސް ކޮއްކޮ ވަޅުލާއިރު ހުންނަން ބޭނުން. މޫނު ބަލާލަން ބޭނުން" ރިންދާއަށް ރޮވުނެވެ. އިސާހިތަކު ނަހާއަށްވެސް ރޮއެގަނެވުނެވެ. ރިންދާ ގާތްކޮށްލާފައި ބައްދާލީ ހިތަށް ކެތްނުވެގެންނެވެ. އެމަންޒަރު ކޮޓަރިއަކުން ނުކުތް ފިރިހެނަކަށް ފެނި ދެމައިންނާ ގާތްވެލިއެވެ. ރިންދާގެ ބޮލުގައި ޝާހްބާޒް ފިރުމާލިއިރު ރިންދާއަށްޓަކައި އެ ހިތުގައި އޮތް ލޯބި ހާމަވަމުން ދިޔައެވެ. އެހެންފަހަރުތަކާ ހިލާފަށް ޝާހްބާޒްގެ އަތް ފޮޅުވާލަން ރިންދާ ނޫޅުނެވެ.

އުމުރުން ސައުވީސް އަހަރުގެ ރިންދާއަކީ ނަހާގެ ދޮށީ ދަރިއެވެ. ދެމައިންގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ނަހާ ދޫކޮށް އަތޮޅުތެރޭ ރަށެއްގައި ރިންދާ އުޅެންފެށީ މީގެ ފަސްއަހަރު ކުރިންނެވެ. ދުވަހަކުވެސް މާލެ ނާންނަން ހުރި ރިންދާއަށް މާލެ އަންނަން މަޖުބޫރުވީ ލޮލުގެ ކޮއި ފަދައިން ލޯބިވާ ހަމައެކަނި ކޮއްކޮގެ ރަނީންގެ މަރާ ގުޅިގެންނެވެ. އެމަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން ކަމާބެހޭ ފަރާތްތަކުން އާއިލާއަށް އެންގުމާ ގުޅިގެންނެވެ.

ރިންދާއަކީ އިސްކޮޅުން ކުރުކޮށް ދޮންކޮށް ހުންނަ ކުއްޖެކެވެ. ކުކުޅު ބިހެއްގެ ބައްޓަމަށްވާ ދޮން މޫނެކެވެ. ދަތްދޮޅިކޮޅަށް ހިމަވެލާފައި ހުރުމުން ރިންދާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ތުންފަތް ދެފަރާތަށް ދެމިލާއިރު ދެކޮލުން ފާޅުވާން ހުންނަ އަޑިކޮޅު ފެނި ޒުވާން ފިރިހެނުން އާޝޯހުކުރުވައެވެ. އުނަގަނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑު އެއީ އާއިލީ ކަމެކެވެ. ނަހާއާއި ރަނީން އަދި ރިންދާގެ އިސްތަށިގަނޑު ހުންނަނީ އެއްގޮތަކަށެވެ. އެ އާއިލާގައި ހުރި ހަމައެކަނި ފިރިހެންކުއްޖާ އުމުރުން ފަސްއަހަރުގެ ހައިބްގެވެސް އޮންނަނީ ބޯ ފަންފަން އިސްތަށިކޮޅެކެވެ.

*****

ފުލުހަށް ހާޒިރުވުމަށް ޗިޓް އައުމާއެކު އަޔާލްގެ މުޅި ގައިން ދާހިއްލާލިއެވެ. އެންމެފަހުން އެ ވަގުތު އައިސް ޖެހުނީއެވެ. ބިރުން ރޫރު އަޅަން ފެށުމާއެކު ހިފައިގެން ހުރި ބިއްލޫރި ތަށި ވެސް އަތުން ދޫވެއްޖެއެވެ. ކޮޓަރީގައި ހުރި ރޫބިޔާ ނުކުތީ ބިއްލޫރިތަށި ތަޅައިގެން ދިޔަ އަޑަށެވެ. ހާސްވެ އަވަސް ނޭވާތަކެއް ލަމުންދިޔަ އަޔާލް އާ ދިމާލަށް ރޫބިޔާ އައީ އެހާ ބާރަށެވެ.

"އަހަރެންގެ ބިއްލޫރި ތަށި. އިރުއޮށްސެން ވާއިރަށް މިގެއަށް ބިއްލޫރި ތައްޓެއް ވަންދަންޖެހޭނެ" ރޫބިޔާ ބުންޏެވެ.

އެދަނޑިވަޅުގައި ރޫބިޔާގެ މޫނު ފެނުމުން އަޔާލް އިތުރަށް ރުޅިގަދަވިއެވެ. ހިނގައިގަތީ ރޫބިޔާއަށް ވަރުގަދައަށް ދެލޯ އަޅާލާފައެވެ. ރޫބިޔާއަށް ރައްދު ދޭވަރަށް ވުރެ އަޔާލްގެ ހިތުގެ ހާސްކަން އެވަގުތު ބޮޑެވެ. އެތަނުން ދިޔައީ ރޫބިޔާގެ ކުރިމަތީގައި ހުންނަން ބޭނުންނުވާތީއެވެ.

"އޭތް... މިތަން ތާހިރުކުރަނީ މަގޭ ބަފާތަ؟" ކޮޓަރިއަށް ވަދެވަދެ ހުރި އަޔާލްއަށް އިވޭ ވަރަށް ރޫބިޔާ ގޮވާލިއެވެ. އަޔާލް ހަމަ އަޅައިވެސްނުލައެވެ. ދޮރާ ދިމާލަށް ރޫބިޔާ އަންނަން ފެށުމުން ދޮރުލެއްޕީ މޫނު މައްޗަށެވެ. އެހާ އަވަހަށް އެތެރެއިން ދޮރުގެ ތަންޑުވެސް އެޅުވިއެވެ.

ނިދާފައި އޮތް ބަރަކަށް އަޔާލް ގޮވިއެވެ. ދަންވަރު ޑިޔުޓީ ނިންމާފައި ނިދާފައި އޮތް ބަރަކަށް ހޭލުންވީ އުނދަގޫ ކަމަކަށެވެ. އެހެންނަމަވެސް އެގޮތަށް ބަރަކް ނިދާފައި އޮށްވައި ކުޑަކަމެއްގައި އަޔާލް ނުގޮވާނެކަން އެނގޭތީ ބަރަކް އެނދުން ތެދުވެ އިށީނެވެ.

"ދޮންބެއަށް ޗިޓް އައިސްފި" އަޔާލް ބުންޏެވެ.

"ވަޓް؟ ކޮންދުވަހަކު؟" ބަރަކް އެހިއެވެ. ހީވީ ވަގުތުން ނިދި ފިލައިގެން ދިޔަ ހެންނެވެ.

"މާދަމާ. ކިހިނެއްވާނެހެން ހީވަނީ" އަޔާލް އެހިއެވެ.

"ހައްޔަރު ނުކުރާނެ ކަންނޭނގެ. ސުވާލުކުރާނީ" ބަރަކް ބުންޏެވެ.

"ދޮންބެ ވަރަށް ބިރުގަނޭ. ވަކީލެއް ބޭނުން. އެކަމަކު އެވަރުގެ ހަރަދެއް ކުރާނީ ކިހިނެއް؟" އަޔާލް ބުންޏެވެ.

"ޖަބާވުދޭއިރު ވަަރަށް ވިސްނާތި. އެމީހުން ވަރަށް ހުޝިޔާރުވާނެ. މަރާ ގުޅުންހުރި ކަމެއް ކިރިޔާ ފާހަގަވިޔަސް ނިމުނީ. އަހަރެން ނުހުންނާނެ އެތަނުގަ" ބަރަކް ބުންޏެވެ.

ވިސްނުމަކަށް ގެއްލުނު ވަގުތު ބަރަކް އަޔާލްގެ އަތުގައި ހިފެހެއްޓިއެވެ.

"އަހަރެން ދޮންބެއަށް އިތުބާރުކުރަން" ބަރަކް އެ ބުނި ޖުމްލައިގެ މާނަ އަޔާލްއަށް އެނގުނެވެ.

އަޔާލް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިފައި އަމިއްލަ މޫނަށް ބަލައިލިއެވެ. އެއްފާރާތުގައި ފެންއަޅާފައި ހުރި ބޮޑު ބާލިދީން ފެންގޮށްޓެއް ނަގައިގެން އައިސް މޫނުގައި ހާކާލިއެވެ.

ބަރަކް ކައިރީގައި ދޮގެއް ހަދަންޖެހުނީ ބިރުންނެވެ. ކޮންމެގޮތެއް ވިޔަސް އަޔާލަކީ ރަނީން ނުދަންނަ މީހެއް ނޫނެވެ. އެރޭ ކަންތައްތައް ވީގޮތް ބަރަކަށް ކިޔައިދޭން އަޔާލް ފަސްޖެހެނީއެވެ. ދުވަހަކުވެސް މަގުމަތިންވެސް ފުލުހަކު އަޔާލް އާ ސުވާލެއްކޮށްފައި ނުވާއިރު އެގޮތަށް ފުލުސް އޮފީހަށް ހާޒިރުވާން ޖެހުމުން އަޔާލްގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.

"ރިންނިއަށް ކުރެވުނީ ކޮންކުށެއް؟" އެއީ ރަނީން އެންމެފަހުން ބުނެލި ޖުމްލައެވެ. ސިކުނޑީގެ ކަނެއްގައި އެ ޖުމްލަ ތަކުރާރުވާން ފެށުމާއެކު އަޔާލް ތެޅިގަތެވެ. އިސްކުރު ބާރުކޮށްފައި އަވަހަށް ފާހާނައިން ނުކުތެވެ.

(ނުނިމޭ)