ޚަބަރު

މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައިގައި މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި

ރިފާ ހަލީލު

ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުއްޖަކަށް ދިން މައްސަލައިގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއްް ސަސްޕެންޑުކޮށްފިއެވެ.

އައިޖީއެމްއެޗްގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ދަނީ ބަލަމުންނެވެ. އަދި އެކަމާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވަނީ، އެ މައްސަލައާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ސަސްޕެންޑު ކުރީ ކިތައް މުވައްޒަފުންކަމެއް، އަދި އެކަމާ ގުޅުންހުރި އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައެވެ.

އޮފިޝަލް ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާތީ ސަސްޕެންޑު ކުރި މުވައްޒަފުންގެ އަދަދު ހާމަކުރެވެން ނެތް ކަމަށެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ވިލިމާލެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ މެމްބަރު އައިމިނަތު ސީނާ މުހައްމަދެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިންގެ ފޮޓޯއަކާއެކު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލުން ހަ މަހުގެ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދޭން އުޅެފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވެގެން ކުއްޖާއަށް ވެކްސިން ދޭން ކުއްޖާގެ ބައްޕަ އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން އެއީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ނޭނގުނު ނަމަވެސް، އެ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހެއް ކަމަށް ޖަހާފައި އިންނަނީ މިދިޔަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހެވެ.