ޚަބަރު

ގދ. ތިނަދޫ ކޯޓަށް ހުވަދޫ ބަސް ތަރުޖާމާކޮށްދޭނެ މީހަކު ހޯދަނީ

ރިފާ ހަލީލު

2

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުވަދޫ ބަސް ތަރުޖަމާކޮށްދޭނެ މީހަކު ހޯދަން އެ ކޯޓުން އިއުލާންކޮށްފިއެވެ.

ތިނަދޫ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ހުވަދޫ ބަހުރުވަ ތަރުޖަމާކޮށްދޭނެ މީހަކު ބޭނުންވާ ކަމަށެވެ.

ތިނަދޫ ކޯޓުން ބުނީ އެކަމަށް ޝައުގުވެރިވާ މީހަކީ އެ ބަހުރުވައިން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަހުރުވައަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ގާބިލުކަން ހުންނަ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

އެ މަގާމަށް ހޮވޭ ފަރާތަކަށް މައްސަލަތަކާ ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 400 ރުފިޔާގެ އުޖޫރައެއް ދޭނެ ކަމަށްވެސް އެ ކޯޓުން ބުންޏެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޯޓުގެ ތަރުޖަމާނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށްޓަކައި، ހުށަހަޅަންޖެހޭ ތަކެތި އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށް އެ ކޯޓުން ބުންޏެވެ.