މަޖީދިއްޔާ ސްކޫލުގެ 95 އަހަރީ ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން އެއްފަހަރާ 1927 ގަސް އިންދައިފިއެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "މަޖީދިއްޔާ ފޯ ނޭޗާ"ގެ ނަމުގައި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ. އެގޮތުން މި ހަރަކާތުގެ ދަށުން މިއަދު ވަނީ ހުޅުމާލޭގައި އެއްފަހަރާ 1927 ގަސް ވަނީ އިންދައިފައެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ހަރަކާތް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލުންނާއި އިސްދަރިވަރުންނާއި އެ ސްކޫލުގެ މިހާރުގެ މެނޭޖްމަންޓާއި ދަރިވަރުންގެ އިތުރުން އެޗްޑީސީގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެށީގެ މައްސަލަތައް ކަމަށާއި މަޖީދިއްޔާ ސްކޫލުން މިއަދު ފެށި ހަރަކާތަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މިފަދަ މަސައްކަތެއް ފުރިހަމަވުމުގައި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާއި މަޖީދިއްޔާ ސްކޫލުން ފެށި މި ހަރަކާތަކީ މިސާލެއް ކަމަށް ބަލައިގެން ރާއްޖޭގެ ހުރިހާ ސްކޫލަތަކުންވެސް މިފަދަ ހަރަކާތްތައް ހިންގަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މުޅި ދުނިޔޭގަވެސް އެންމެ ކަންބޮޑުވާ، އެކަމަކަށް ހައްލު ހޯދުމަށްޓަކާ އެންމެ ދަތި އުނދަގޫ ކަމަކަށް މިއަދު ކުރިމަތިވެފައި މިއޮތީ ކްލައިމެޓް ޗޭންޖް. މިއީ ވަރަށް ރަނގަޅު މިސާލެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެޗްޑީސީން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި ރާއްޖޭގެ ސްކޫލްތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ތިމާވެއްޓަށް ކުރެވޭ ގެއްލުން ކުޑަކޮށް މުޅި އަހަރަށް ބަހާލައިގެން ގިނަ ކެމްޕޭންތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފެހި ކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން ހުޅުމާލެ ފެހި ކުރުމަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.