އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)
ލޯކަލް ކައުންސިލުން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ އޮތުން ވެގެންގޮސްފައި ވަނީ އެރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހަކަށެވެ.
މިހާތަނަށް ގާނޫނުގައިވާ ގޮތުން, ފާސްކުރެވިފައި ވަނީ އެންމެ ހަތް ރަށެއްގެ ޕްލޭނެވެ. މިހާތަނަށް 55 ރަށަކުން ލޭންޑް ޕްލޭން ހަދާފައިވީ ނަމަވެސް, އިސްލާހުކުރަން ބައެއް ކަންކަން ހުރުމުން ފާސްކޮށްފައެއް ނުވެއެވެ.
މެދުރާއްޖެތެރޭގެ ކައުންސިލްތަކަށް ހާއްސަކޮށްގެން މިއަދު އުކުޅަހުގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭ ސެޝަނެއްގައި ރައީސް ސޯލިހު ވިދާޅުވީ, އެ ޕްލޭން ނުހެދިގެން އުޅޭތީ, ގާނޫނީ މައްސަލަތަކެއް ހުރިކަން އެބަ އެނގޭ ކަމަށާއި އެކަންކަން ހައްލުކުރުމަށް ގާނޫނީ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ރައީސް ވަަޑައިގެންފައެއް ނުވެއެވެ.
ލޭންޑް ޔޫސް ޕްލޭންތައް ނުހެދި ދިގުލައިގެން ދިއުމާ ގުޅިގެން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭން ނުހެދި ވަނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި ގާނޫނު މާނަ ނުކުރެވިވާތީ ކަމަށެވެ.
"ލޭންޑް ޔޫސް ޕްލޭން ނުހެދި މިހާ ދިގު މުއްދަތެއް ވެގެން ދިޔައީމާ އޭގެ މާނައަކީ ގާނޫނު އިސްހާލުކޮށް އިތުރަށް މިކަން ފަސޭހަކޮށްދޭން ޖެހޭނެއޭ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވަނީ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަސޭހަ ގޮތްތަކެއް ކިޔައިދެއްވައިފައެވެ. އެގޮތުން ރަށުގެ ޗާޓު ކުރަހާނެ ގޮތާއި ރުއް ގަސް ގުނުމުގައި އަމަލުކުރާނެ ގޮތްވެސް ވިދާޅުވިއެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުގައި ކަމެއް އިސްލާހުކުރަން ނެތްނަމަ، ލޭންޑް ޔޫސް ޕްލޭން ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ފާސްކުރަން ޖެހޭނެއެވެ.
ލޭންޑް ޔޫސް ޕްލޭނަކީ އެ ރަށެއްގެ ބިން ތަރައްގީ ކުރުމަށް ޓެކްނިކަލް ފެންވަރުގައި ރައްޔިތުންގެ ހިޔާލު ހޯދައިގެން ތައްޔާރުކުރަން ގާނޫނުގައި ލާޒިމުކުރާ އެއްޗެކެވެ.