ޚަބަރު

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސް ނިންމަވައިފި

އަލީ ޔާމިން

އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)

އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

އަތޮޅު ފިހާރަތަކުގެ ކުލީން އަތޮޅު ކައުންސިލްތަކަށް މިހާރު ދޫކުރަނީ ކުލީގެ 50 ޕަސަންޓެވެ.

އުކުޅަހުގައި މެދުރާއްޖެތެރޭގެ ކައުންސިލްތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ ކޮންފަރެންސް" ގައި ކައުންސިލަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަތޮޅު ފިހާރަތަކުން ދޫނުކޮށް ހުރި ގިނަ އަދަދެއްގެ ފައިސާ ކައުންސިލްތަކަށް ދޫކޮށްފައިވާ ކަމަށާއި 2018 ވަނަ އަހަރުގެ ކުލި އަންނަ ހަފުތާގެ ތެރޭގައި އަތޮޅު ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު އިތުރަށް ތަފްސީލުކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރިން އޮތް ގޮތުން 2018 ވަނަ އަހަރުގެ އަތޮޅު ފިހާރަތަކުގެ ކުލީގެ ގޮތުގައި ދޫކުރަން ޖެހެނީ 27 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިހާރު 2018 ވަނަ އަހަރުގެ އަތޮޅު ފިހާރަތަކުގެ ކުލީގެ ގޮތުގައި 34 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ، މިއަހަރުން ފެށިގެން އަތޮޅު ފިހާރަތަކުގެ ހުރިހާ ކުއްޔެއް ދޫކުރާނީ އަތޮޅު ކައުންސިލްތަކަށް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް މިނިސްޓަރު އިބްރާހީމް އަމީރު މަގާމާ ހަވާލުވެވަޑައިގެން 2014 އިން 2017 އަށްވާ ފައިސާ ވަނީ ދޫކޮށްފައެވެ.

އަތޮޅު ފިހާރަތައް ގާއިމްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައެވެ.