ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ "އަސްބާ" ޖަމިއްޔާއިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށްބޭނުންވާ މީހުން ތިބޭ މަރުކަަޒަށް ޒިޔާރަތްކޮށް އެހީތެވިވެދީފިއެވެ.
"ބްރޭކިން ބެރިއާސް" ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ޖަމިއްޔާގެ ފަރާތުން މަރުކަޒަށް ޒިޔާރަތް ކޮށްފައި ވަނީ މެޑިކަލް ޓީމަކާއެކުގައެވެ.
"އަސްބާ" ޖަމިއްޔާއިން މަރުކަޒަށް ކުރި ދަތުރުގެ މައިގަނޑު މަގުސަދަކީ އެ މަރުކަަޒުގައި ތިގޭ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ސިއްހީ ހާލަތު ގާތުން ބަލައި، އެމީހުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވުމެވެ.
އެ ޖަމިއްޔާގެ ފަރާތުން ކުރި މި ދަތުރުގައި ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއީ ނަރުހުންގެ ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިދަތުރުގައި "އަސްބާ" ގެ މެޑިކަލް ޓީމާއި އެ މަރުކަޒުގެ މެޑިކަަލް އެންޑް ކެއާ ޓީމުން އެތަނުގައި އެކި އެކި ފަރުވާއަށް ބޭނުންވެފައި ތިބި މީހުންނަށް ފަރުވާދީ، އެ މަރުކަޒުގެ ކަންކަން ހިނގާގޮތް އޮޅުން ފިލުވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެތަނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެފައިވެއެވެ. އަދި ޓެކްނިކަލް ޓީމްތަކާއި އެހެނިހެން ޕާޓްނަރުން މެދުވެރިކޮށް މުސްތަގުބަލުގައި އެ ޖަމިއްޔާގެ ފަރާތުން އެ މަރުކަޒަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާ ގުޅޭގޮތުން މަރުކަޒުގެ އިސްވެރިންނާ ވަނީ މަޝްވަރާކޮށްފައެވެ.
"އަސްބާ" އިން ހިންގި މި ހަރަކާތުގައި އެ ޖަމިއްޔާގެ ރައީސާ އައިޝަތު ނަހުލާ އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އެ މިނިސްޓްރީގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ މެޑިކަލް ޓީމަކާއެކު ޖަމިއްޔާއަކުން ގުރައިދޫ މަރުކަޒަށް ކުރި ފުރަތަމަ ދަތުރެވެ.
މިނިސްޓަރު ނަހުލާގެ "އަސްބާ" ޖަމިއްޔާއަކީ މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ގާއިމުކޮށް އެހީތެރިކަން ފޯރުކޮށްދީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް އަންހެނުން ދަރިމައިވުމުގައި ދިމާވެފައިވާ މައްސަލަތަކާއި އަދި މިނޫނަސް މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ދާއިރާތަކަށް އެހީތެރިވުމުގެގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު