އަހަރެމެން އިންސާނުން މިދުނިޔޭގައި ހަޔާތުގެ ދަތުރުގައި، ދިރިއުޅޭ މިއުޅުމަކީ ގުދުރަތުގެ ނުހަނު ފުރިހަމަ ނިޒާމަކުން ލައްވާފައިވާ ގޮތަކަށް ކުރިއަށްދާ ދަތުރެކެވެ. އިންސާނާ ދުނިޔޭގެ ދިރިއުޅުމުގައި އުޅޭ މިއުޅުމުގައި ދުވާލަކީ ބުރަ މަސައްކަތާއި ހަޔާތުގެ އެކިއެކި ކަންކަމުގައި ހޭދަވާ ވަގުތެވެ. ރޭގަނޑަކީ، މައިގަނޑު ގޮތެއްގައި އެ ބުރަކަމާއި ވަރުބަލިކަމަށް އަރާމު ހޯދުމަށް، އަދި ބައެއް ހާލަތްތަކުގައި ގުޅުންތައް ބަދަހިކުރުމަށް ހޭދަކުރެވޭ ގޮތަށް ކުރިއަށްދާ ވަގުތުތަކެކެވެ. މިގޮތުން ނިންޖަކީ ރޭގަނޑުގެ އަރާމަށް މީހާ، ދުނިޔޭގެ ބުރައާއި ހޭބޯނާރައި އުޅޭ ދިރިއުޅުމުން މުޅީން އެއްފަރާތަށް ޖައްސައި، ދުނިޔޭގެ ހޭވެރިކަމުން ފިލައިގެން ހުވަފެނީ ދުނިޔެއަކަށް ފެތި ގެނބުމަށްޓަކައި ހަމަޖެހިފައިވާ ކަމެކެވެ. އެހެންކަމުން ގަވައިދުން، ބަރާބަރަށް ނިދިނުލިބުމަކީ މީހާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިވެ، ނިކަމެތިވާ ކަމެކެވެ. މިގޮތުން އިންސޮމްނިއާއަކީ ވަރަށްވެސް ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމެކެވެ. ވުމާއެކު އެންމެ ފުރަތަމަ އިންސޮމްނިއާގެ ތަފުސީލު މާނައަކަށް ބަލައިލަމާތޯއެވެ. އާދެ! އިންސޮމްނިއާ ނުވަތަ ނިދަން އުނދަގޫވެ ނިދި ނުލިބުމަކީ ކޮބައިބާވައެވެ.
ނިދި ނުލިބުމަކީ ނިދުމަށް އުނދަގޫވުން ނުވަތަ ނިދާފައި އޮންނަން އުނދަގޫވާ ބައްޔެކެވެ. މި ހާލަތަކީ ކުރު މުއްދަތަކަށް (އެކިއުޓް) ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާނެ (ކްރޮނިކް) ހާލަތަކަށް ވެދާނެއެވެ. އަދި ރަނގަޅުވެފައި އަނެއްކާ ގޯސްވެސް ވެދާނެ އެވެ. އެކިއުޓް އިންސޮމްނިއާ އެއް ރެއިން ފެށިގެން ދެތިން ހަފުތާއަށް ދެމިގެންދެއެވެ. މިތަނުގައި މިބުނާ ނިދި ނުލިބުން ނުވަތަ އިންސޮމްނިއާއަކީ ދިގުދެމިގެންދާ ކަމެއް ކަމުގައި ވާނީ ހަފުތާއަކު މަދުވެގެން 3 ރޭ 3 މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިމާވުމުންނެވެ.
\ތިރީގައި މިހިމަނައިލަނީ ނިދިނުލިބުމުގެ ބައެއްކަހަލަ ތަފާތު ތަފުސީލާއި ހައްލުތަކެވެ.
ނިދި ނުލިބުމުގެ ދެ ވައްތަރެއް ވެއެވެ: ޕްރައިމަރީ އާއި ސެކަންޑަރީ އެވެ.
ޕްރައިމަރީ އިންސޮމްނިއާ: މީގެ މާނައަކީ ނިދުމުގެ މައްސަލަތަކަކީ އެހެން ސިއްހީ ހާލަތަކާ ނުވަތަ މައްސަލައަކާ ގުޅިފައިވާ މައްސަލަތަކެއް ނޫނެވެ.
ސެކަންޑަރީ އިންސޮމްނިއާ: މީގެ މާނައަކީ ސިއްހީ ހާލަތެއްގެ ސަބަބުން (ނޭވާހިއްލުން، ޑިޕްރެޝަން، އާތުރައިޓިސް، ކެންސަރު، ނުވަތަ ހިތް ރޯވުން ފަދަ) ނިދުމަށް އުނދަގޫވުން؛ ތަދު; ބޭސް ދިނުން؛ ނުވަތަ މާއްދާ ބޭނުންކުރުން (ބަނގުރާ ފަދަ) އެވެ.
ނިދި ފެށުމުން ނިދި ނުލިބުން: މީގެ މާނައަކީ ނިދުމަށް އުނދަގޫވާ ކަމެވެ.
ސްލީޕް-މެއިންޓެނަންސް އިންސޮމްނިއާ: މިއީ ރޭގަނޑު ވަންދެން ނިދާފައި އޮތުމަށް ނުވަތަ މާ އަވަހަށް ހޭލެވޭ ވަގުތުތަކުގައި ދިމާވާ ކަމެކެވެ.
މިކްސްޑް އިންސޮމްނިއާ: މި ބާވަތުގައި ނިދި ނުލިބުމާއެކު ނިދި އައުމާއި ރޭގަނޑު ނިދާފައި އޮތުމަށް ވެސް ދަތިތަކެއް ކުރިމަތިވެއެވެ.
ޕެރަޑޮކްސިކަލް އިންސޮމްނިއާ: ޕެރަޑޮކްސިކަލް އިންސޮމްނިއާ ޖެހުމުން ނިދާފައި އޮންނަ ވަގުތު ކުޑަކަމަށް ބެލެވެއެވެ. ހީވަނީ ހަގީގަތުގައި ނިދާވަރަށްވުރެ މާ މަދުން ނިދާހެންނެވެ.
- ވަޒީފާ ގެއްލުމާއި ނުވަތަ ބަދަލުވުން
- ލޯބިވާ މީހަކު މަރުވުން، ވަކިވުން، ނުވަތަ ވަރިވުން
- ބައިވެރިޔާ ބަދަލުވުން ފަދަ ދިރިއުޅުމުގެ ބޮޑެތި ހާދިސާތަކާ ގުޅުންހުރި ހާސްވުންތައް
- އުޅޭތަން، ނިދާ ތަންމަތި ބަދަލުވުން
- ވަށައިގެންވާ ކަންތައްތައް، އަޑު، އަލި، ނުވަތަ ފިނިހޫނުމިން ފަދަ ކަންތައްތައް
- ނިދުމުގެ ޝެޑިއުލަށް އަންނަ ބަދަލުތައް
- މަސައްކަތުގައި އާ ޝިފްޓެއް އައުން
- ނިދުމުގެ އެހެން މައްސަލަތަކެއް ދިމާވުމުން ނިދުމަށްޓަކައި ބޭސްކެއުން، ނުވަތަ ކޮންމެވެސް މަސްތުވާއެއްޗެއް ބޭނުން ކުރުންފަދަ ނުބައި އާދަތައް ހިފިފައިވުން
- އާއިލީ ވާރުތަވުމުން، ދިރާސާތަކުން ދައްކާ ގޮތުގައި ނިދި ނުލިބުމުގެ މައްސަލަ އާއިލާ ތެރެއިންވެސް ވާރުތަވެދާނެ
- ޑިޕްރެޝަން އާއި ހާސްކަން ފަދަ ނަފްސާނީ ސިއްހަތުގެ މައްސަލަތައް
- ހުން އައުމާއި އެލާޖީވުމާއި، ޑިޕްރެޝަން އާއި، ލޭމައްޗަށް ދިއުން، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް ދޭ ބޭސްތައް
- ރޭގަނޑު ތަދުވުން ނުވަތަ ނުތަނަވަސްވުން
- ކެފެއިން، ދުންފަތް، ނުވަތަ ބަނގުރާ ބޭނުންކުރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުން.
- ހައިޕަރތައިރޮއިޑިޒަމް އާއި އެންޑޮކްރައިން އަށް ދިމާވާ އެހެނިހެން މައްސަލަތައް
- ނިދުމުގެ އެހެން އުނދަގޫތައް، ސްލީޕް އެޕްނިއާ ނުވަތަ ރެސްޓްލެސް ލެގްސް ސިންޑްރޯމް ފަދަ ބަލިތައް
- ބަލިވެ އިނުން
- އަލްޒައިމާ ބައްޔާއި އެހެނިހެން ބާވަތްތަކުގެ ޑިމެންޝިއާ
- އޭޑީއެޗްޑީ (މިއީ ކުޑައިރުއްސުރެ އުޅުމުގައި ހުންނަ މައްސަލައެއް/ކަންތަކުގެ ނަތީޖާއަށް ނުވިސްނައި ކުއްލި އަމަލުތައް ކުރުން ފަދަ)
- ޕީއެމްއެސް (މޫޑު ބަދަލުވުން، އާދަޔާ ހިލާފަށް ކާހިތްވެ ކެއުން، މިފަދަ ކަަންތައް)
- ދުވާލު ގަޑީގައި ނިދި އައުން
- ވަރުބަލިކަން
- ގްރަމްޕިނެސް (ވަރުބަލި ފާޑަކަށް މިލާފައި ހުރުން)
- ކޮންސެންޓްރޭޝަން ނުވަތަ ހަނދާނުގައި މައްސަލަތައް ދިމާވުން
- އަމަލުވެފައި ހުންނަފަދަ ގޮތަކަށް ހުރުން
- ދޭތެރެއަކުން މީހާ ލޯމެރި ނިދޭ ގޮތް ވުމާއެކު ސިހިގެން ދިއުން
ނިދި ނުލިބުމަށް ފަރުވާ ދިނުމުގައި، އެކިއުޓް އިންސޮމްނިއާ، ކުރު މުއްދަތަކަށް ނުނިދުމަށް ޑޮކްޓަރީ ފަރުވާ ބޭނުން ނުވެދާނެއެވެ. ވަރުބަލިވެގެން ކޮންމެ ދުވަހެއްގެ ހަރަކާތްތައް ކުރަން އުނދަގޫ ނަމަ ޑޮކްޓަރު ނިދާބޭހެއް ކުޑަ ދުވަސްކޮޅަކަށް ލިޔެދީފާނެ އެވެ. އަވަހަށް ނަމަވެސް ކުރު މުއްދަތަކަށް މަސައްކަތް ކުރާ ބޭސްތަކުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ނިދި އައުން ފަދަ މައްސަލަތަކުން ސަލާމަތް ވެވޭނެ އެވެ.
ނިދި ނުލިބުމުން، ކައުންޓަރުން ގަންނަ ނިދާ ބޭސް އަމިއްލަ، އަމިއްލައަށް ބޭނުން ނުކުރާށެވެ. އެއީ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެއްޗެހި ކަމަށާއި، ވަގުތު ފާއިތުވަމުންދާ ވަރަކަށް އެކަންކަން ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ޑޮކްޓަރުން ވަނީ އިރުޝާދުދީފައިވެއެވެ. އެންޑޯކްރޮނޮލޮޖިސްޓް އެމްޑީ، ޑޮކްޓަރ ޖެނިފާ ރޮބިންސަން، އަދި ކްލިނިކް ހެލްތުހެލްޕް ލައިންގައި، އެމްޑީ، ޑޮކްޓާރ ނިކް ވިއްލަލޮބަސް އިރުޝާދު ދީފައިވާ ގޮތުގައި ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ނިދާ ބޭސް ބޭނުންކުރުމަކީ ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ.
ދިގުދެމިގެންދާ، ނިދި ނުލިބުމަށް، ހޭލައި ތިބޭ ހާލަތްތަކަށް ނުވަތަ ސިއްހީ މައްސަލަތަކަށް ފަރުވާ ބޭނުންވާނެ އެވެ. މިފަދަ ހާލަތްތަކުގައި ޑޮކްޓަރަކަށް ދެއްކުން ވަރަށްވެސް މުހިންމެވެ. ޑޮކްޓަރ ޖެނިފާ ބުނެފައިވާ ގޮތުގައި މިފަދަ ނިދުމުގެ މައްސަލަތަކަށް ޑޮކްޓަރުން ތެރަޕީ ދޭނެއެވެ. މިއީ ނިދި ނުލިބުން އިތުރަށް ގޯސްވާ ކަންތައްތައް ބަދަލުކޮށް، ނިދި ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތައް ދަސްކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ނިދި ނުލިބުމުން ހޭލައި އުޅޭން ޖެހޭނަމަ، ތިބާއަށް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި، ފަލަވުމާއި، އަދި ޑިޕްރެޝަން ނުވަތަ ހާސްވެ،ކަންބޮޑުވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި އެނބުރުންއަރައިގެން ވެއްޓުމުގެ ނުރައްކާ ބޮޑެވެ. އުމުރުން ދުވަސްވެފައިވާ އަންހެނެއްނަމަ ކަންތައްތަކަށް ސަމާލުވާން ނުހަނު އުނދަގޫ ވެއެވެ. ހާސްވެ، ކަންބޮޑުވުން، ސިހުމާއި ބިރުގަތުމާއި ކުރެވޭ ކަންތައް މުޅިން ނޭނގުން ފަދަ، އަދި މީހާ ސިކުނޑި އެއްގޯސްވެ، މޮޔަވުމާއި ހަމައަށް ކަންތައް ހިނގައިދާނެއެވެ.
ނިދުމުގެ ކުރިން މީހާ ފެންވަރައި، ތާޒާވެލައިގެން، ނިދާ ތަންމައްޗާއި އަދި ތިމާވެސް ހިތްހަމަޖެހޭވަރަށް ނިދުމަށް ރީތިވެލުމުގެ ރަނގަޅު އާދަތަކަކީ ނިދި ނުލިބުން ބަލިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ ބައެއް އިރުޝާދުތަކެވެ.
ކޮންމެ ރެޔަކުވެސް އެއް ވަގުތެއްގައި ނިދަން ގޮސް، ކޮންމެ ދުވަހަކު ހެނދުނު އެއް ވަގުތެއްގައި ތެދުވާށެވެ. ދުވާލު ގަޑީގައި ނުނިދަން މަސައްކަތް ކުރާށެވެ. ސަބަބަކީ އެކަމުގެ ސަބަބުން ރޭގަނޑުގެ ނިދި މަދުވެދާނެތީ އެވެ. ނިދުމުގެ ކުރިން ފޯނު ނުވަތަ އީ-ފޮތް ބޭނުން ނުކުރާށެވެ. އެތަކެތީގެ އަލިކަމުން ނިދި އަންނަން އުނދަގޫވެދާނެ އެވެ. ދުވާލުގެ ފަހުކޮޅު ކެފެއިން، ނިކޮޓީން، ފަދަ ތަކެތީން ދުރުވާށެވެ. ކެފެއިން އާއި ނިކޮޓީން އަކީ ސްޓިމިއުލަންޓްސް ތަކެއް ކަމުން ނިންޖެއް ނުލިބޭނެ އެވެ. ގަވާއިދުން ކަސްރަތު ކުރާށެވެ. ނިދާ ގަޑިޔާ ކައިރިކޮށް، އެއްވެސް ކަސްރަތެއް ނުކުރާށެވެ. ސަބަބަކީ ނިދި އަންނަން އުނދަގޫވެދާނެތީ އެވެ. ނިދުމުގެ ކުރިން މަދުވެގެން ތިން ގަޑިއިރާއި ހަތަރު ގަޑިއިރާއި ދެމެދުގެ މުއްދަތެއްގައި ކަސްރަތު ކުރުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ދުވާލު ގަޑީގައި ގަދަފަދަ ކާއެއްޗެހި ނުކާށެވެ. އެކަމަކު ނިދުމުގެ ކުރިން ލުއިލުއި ކާނާ ކެއުމަކީ ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ނިދާ ކޮޓަރި އަރާމު ތަނަކަށް ހަދާށެވެ! އަނދިރި، ހަމަހިމޭން، އަދި މާ ހޫނު ނުވަތަ މާ ފިނި ނުވާގޮތަށް ތައްޔާރުކޮށްލާށެވެ. އަލިކަމަކީ މައްސަލައެއްނަމަ ނިދާ މާސްކް ބޭނުން ކުރާށެވެ. ބޭކާރު އަޑުތަކުންވެސް ސަލާމަތްވާށެވެ. ނިދުމުގެ ކުރިން ރިލެކްސް ކުރުމަށް ރޫޓިންއަކަށް އަމަލު ކުރާށެވެ. ނިދުމާއި އަރާމުކުރުމާއި ޖިންސީ ގުޅުން ފިޔަވައި އެހެން އެއްވެސް ކަމަކަށް އެނދު ބޭނުން ނުކުރާށެވެ. ނިދި ނުލިބިއްޖެނަމަ ތެދުވެ ނިދި އަންނަންދެން ކިޔެވުން ފަދަ ހަމަޖެހޭ ކަމެއް ކޮށްލާށެވެ. ހޭލައި އޮވެގެން ކަންކަމާ ކަންބޮޑުވާނަމަ ނިދުމުގެ ކުރިން ކުރިއަށް ކުރަން ހުރި ކަންތަކުގެ ލިސްޓެއް ހަދާށެވެ. މިއީ ރޭގަނޑަށް ކަންބޮޑުވުންތައް އެއްފަރާތްކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ނިދުމަކީ ބުނެދޭނޭ ނޭނގޭފަދަ އަރާމަކާއި ހަމަޖެހުމެއް ލިއްބައިދޭ ކަމެކެވެ. މިފަދަ އަރާމަކުން، މަހުރޫމުވުމަކީ ވަރަށްވެސް ބޮޑު ހިތްދަތިކަމެކެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް މިކަމަށް ސަމާލުވެ، ދެނެގަންނާށެވެ. އެނގިހުރުމުން ލިބޭނީ ފައިދާއަކާއި ކުރިއެރުމެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް