ޚަބަރު

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައިގައި ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ހުއްޓާލައިފި

މުހައްމަދު އިޝާން

ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ހުއްޓާލައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލީ، އެ ހޮސްޕިޓަލުން ކުޑަކުއްޖަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖެހި މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ބުންޏެވެ.

"މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ. އަދި ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ވާހަކަވެސް މައުލޫމާތައްޓަކައި ދެންނެވީމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ވިލިމާލެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ މެމްބަރު އައިމިނަތު ސީނާ މުހައްމަދެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިންގެ ފޮޓޯއަކާއެކު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާޅެ ހޮސްޕިޓަލުން ހަ މަހުގެ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދޭން އުޅެފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވެގެން ކުއްޖާއަށް ވެކްސިން ދޭން ކުއްޖާގެ ބައްޕަ އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން އެއީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ނޭނގުނު ނަމަވެސް، އެ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހެއް ކަމަށް ޖަހާފައި އިންނަނީ މިދިޔަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހެވެ.