އިސްލާމީ ތާރީޚު

"ކްރިސްޓިއަނިޓީ ވަނީ ނޭވާ ހޮޅިޔަށް އެޅިފައެވެ." – މުޙައްމަދު އަމީން (4)

އަބްދުﷲ ފާރޫގް ހަސަން

(13 މެއިގެ އަދަދާ ގުޅޭ)

އަޅުގަނޑު ދަންނަވަން މިއުޅެނީ އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް ކަމުގައެވެ. އެދީނަށް އެއްވެސް އުނިއިތުރެއް ގެންނާކަށް ނުޖެހެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޚުޠުބަތުލް ވަދާޢުގައި ޙަވާލާ ދެއްވި އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.

"މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ ދީން ފެތުރުމުގެ ޙަރަކާތްތަކަށް ބަލައިލުމެއް

ސުވާލު: އެފްރިކާގައި ކްރިސްޓިއަން ދީން ފެތުރުމަށްޓަކައި، މިޝަނަރީ ޖަމާޢަތްތަކުން ބޭނުން ކުރަނީ ކޮންކޮން ގޮތްތަކެއްތޯއެވެ.
ޖަވާބު: އެފްރިކާގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް އެފްރިކާ އިސްތިޢުމާރު ކޮށްގެން އުޅުނު ޔޫރަޕްގެ ޤައުމުތަކުން ވަރަށް ގިނަ އެހީތަކާއި ޢިނާޔަތްތައް ދެމުން ގެންދެއެވެ. ވަރަށް ގިނަ ގޮތްގޮތުން އެއްބާރުލުން ދެމުން ގެންދެއެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން ގެންދާ މާލީ ވަޞީލަތްތަކުގެ އިތުރަށް އެފްރިކާގައި ވަކިހިއްޕުމަށްޓަކައި ވަރަށް ގިނަ ހުނަރުތަކާއި އުކުޅުތައް ބޭނުންކުރެއެވެ. މިޝަނަރީން ޢާއްމުންނާ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އެފްރިކާގެ ޤަބީލާތަކުގެ ދިރިއުޅުން ހުންނަ ގޮތާއި އެފްރިކާގެ ބަސްބަހާއި، ބަހުރުވަ ވަރަށް ރަނގަޅަށް ދަސްކުރެއެވެ. މިޝަނަރީން ވަނީ އެފްރިކާގެ ވަރަށް ގިނަ ބަސްބަހާއި، ބަހުރުވަތަކަށް ބައިބްލް ތަރުޖަމާ ކޮށްފައެވެ. އެބައިމީހުންގެ މިޝަނަރީ މަރުކަޒުތަކުގައި ވަނީ ހުރިހާ ފެންވަރެއްގެ ތަޢުލީމީ އިދާރާތައް ޤާއިމުކޮށްފައެވެ. އެއިދާރާތަކުން އެފްރިކާގެ ބަސްބަހުގެ އިތުރަށް ދެވަނަ ބަހެއްގެ ގޮތުން އިނގިރޭސިބަހާއި، ފަރަންސޭސިބަހާއި، އިޓަލީބަސްވެސް ރަނގަޅަށް ދަސްކޮށްދެއެވެ. ތަޢުލީމީ އިދާރާތަކާއި ފައްޅިތަކާ ވަނީ ގުޅައިލައިފައެވެ. އެތަންތަނުން ވަރަށް ވަރުގަދައަށް ކްރިސްޓިއަންދީން ކިޔައިދެއެވެ. އެތަންތާނގެ ދަރިވަރުން ކިޔެވުން ނިންމާއިރު ތިބެނީ ކްރިސްޓިއަންދީނަށް ގޮވައިލުމަށާއި، ދީން ދަސްކޮށްދިނުމަށް ތައްޔާރުކުރެވިފައެވެ.

މިޝަނަރީންގެ ތަންކޮޅެއް ޒަމާނީ ޖަމާޢަތްތަކުން ވަނީ މަސައްކަތްތެރިކަން ދަސްކޮށްދޭ ތަންތަނާއި، ފަންނީ ތަޢުލީމުދޭ އިދާރާތައްވެސް ޤާއިމުކޮށްފައެވެ. އެތަންތަނުން އެފްރިކާގެ ޒުވާނުންނަށް ދަނޑުވެރިކަމާއި މަސައްކަތްތެރިކަމާއި، ވަޑާންކުރުމާއި، ދަގަނޑު ތެޅުމާއި، ފެހުމާއި މިފަދަ މަސައްކަތްތައް އުނގަންނައިދެއެވެ. އިންޑަސްޓްރިއަލް މެޝިންތަކުން މަސައްކަތް ކުރަން ދަސްކޮށްދެއެވެ. ހަމައެފަދައިން އިދާރީ ހިންގުމުގެ ހުނަރުތައްވެސް ކިޔަވައިދެއެވެ.

މިޝަނަރީ ވަރަށް ގިނަ ޖަމާޢަތްތަކުން ވަނީ ޞިއްޙީ މަރުކަޒުތަކާއި އަސްފަތާލުތައްވެސް ހުޅުވައިފައެވެ. އެފްރިކާއިން ޢާއްމުކޮށް ފެންނަ ހުރިހާ ބަލިބައްޔަކަށް އެތަންތަނުން ފަރުވާކޮށްދެއެވެ. މިފަދަ ޙަރަކާތްތަކުގެ ޒަރީޢާއިން މިޝަނަރީ އިދާރާތަކުން ވަނީ އެފަރިކާގެ ކްރިސްޓިއަނުންނަށް އެފްރިކާގެ އިޤްތިޞާދީ، އިޖްތިމާޢީ، ސިޔާސީ ދާއިރާގައި މޮހުމާއި ގޮށްޖެހުމުގެ އެކަށޭނަކަން ހޯދައިދީފައެވެ. އެފަރިކާގެ ބަސްކިޔާ މީހުންނަކީ ކްރިސްޓިއަނުން ކަމުގައި ހަދައިފައެވެ. އެފަރިކާގެ މިދެންނެވި ތަޢުލީމީ ފަންތީޣެ މީހުން ހިނގަމުންދަނީ އެމީހުންގެ އެހޯތެރި ހުޅަނގުގެ މިޝަނަރީންގެ ޢިޝާރާތާ އެއްގޮތަށެވެ.

މިހާތަނަށް އަޅުގަނޑު މިބަޔާން ކުރީ މިޝަނަރީން އެފްރިކާގައި އެފަރިކާގައި ހިންގާ ޢާއްމު ޙަރަކާތްތަކުގެ ވާހަކައެވެ. މީގެ އިތުރަށް ކްރިސްޓިއަން މިޝަނަރީ ޖަމާޢަތްތަކުން ކްރިސްޓިއަން ދީނަށް ގޮވާލާ މީހުންނަށް އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު އޮޅުންފިލުވައިދީގެން ޢާއްމު މުސްލިމުނާ ދީނީ ބަޙުޘްވެސް ކުރުވައެވެ. ފުޅާދާއިރާއެއްގައި އެކަންކަން އިންތިޒާމު ކުރަނީ ޖެނީވާގައި ހުންނަ ވޯލްޑް ކައުންސިލް އޮފް ޗާރޗާޒް(WCC)އާއި ވެޓިކަނާއި، ރޯމު ޔުނިވަރސިޓީގެ ޢަރަބި ބަހާއި އިސްލާމިއްޔަތާ ބެހޭ ޑިޕާޓްމަންޓާއި މިފަދަ ފަރާތްތަކުންނެވެ.

އެފްރިކާގެ މިޝަނަރީގެ ކާމިޔާބު އަނެއް ޙަރަކާތަކީ ބައިނަލްއަޤްވާމި، އަދި ސަރަޙައްދީ ހިލޭއެހީގެ އިދާރާތައް ހިންގުމެވެ. އެއިދާރާތަކުން ބަހަމުންދާ އެހީގެ ތަކެތީގެ ތެރޭގައި ބައިބްލާއި، އެނޫންވެސް ކްރިސްޓިއަންދީނުގެ ލިޔުންތައް ހިމެނެއެވެ.

ސުވާލު: އޭޝިޔާއާއި، ޔޫރަޕާއި، އެމެރިކާގައި ހިންގޭ އިސްލާމީ ދަޢުވަތުގެ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދަނީ ކޮންގޮތަކަށްތޯއެވެ؟

ޖަވާބު: އޭޝިޔާއާއި، ޔޫރަޕާއި، އެމެރިކާގައި ހިންގޭ އިސްލާމީ ދަޢުވަތުގެ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދަނީ ވަރަށް އުއްމީދު އާވާ ގޮތަކަށެވެ. ހިތްވަރު ލިބޭ ގޮތަކަށެވެ. މުޅި ދުނިޔެއަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ވަނީ އިސްލާމްވެފައެވެ. ޚާއްޞަކޮށް ކްރިސްޓިއަނުންގެ އެތައް ބަޔަކު ވަނީ އިސްލާމްވެފައެވެ. މިބަރަކާތްތެރި ނަތީޖާއަކީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު އިދާރާތަކުގެ ހިތްވަރުގަދަ މަސައްކަތްތަކުގެ ފޮނި މޭވާއެވެ. އެއިދާރާތަކުން ގެންދަނީ މުޅި ދުނިޔޭގެވެސް މުހިންމު ނުކުތާތަކުގައި ދަޢުވަތުގެ ހީވާގި މަސައްކަތްތަކެއް ހިންގަމުންނެވެ. އުއްމީދުކުރެވޭ ގޮތުގައި ހިނގަމުންމިދާ ސައްތަ ނިމޭއިރު މުސްލިމުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރު ވެގެންދާނެއެވެ. މިހާރުވެސް ޔޫރަޕުގައި ދެވަނައަށް އެންމެ މީހުންގިނަ ދީނަކީ އިސްލާމްދީނެވެ.

ދެކުނު އިރުމަތީ އޭޝިޔާގައި ޚާއްޞަކޮށް ފިލިޕީންސުގައި އިސްލާމްދީން ޤަބޫލުކުރުމާ ދިމާއަށް މީހުން އެނބުރެމުން ދަނީ ވަރަށް އުއްމީދީ ގޮތަކަށެވެ. ރަށްފުށުގެ އެތައްބަޔަކު ވަނީ އިސްލާމްދީނުގެ ފުރިހަމަކަމާއި ރީތިކަމުގެ އަސަރުގައި ޖެހި މިދިމާއަށް މިސްރާބު ޖަހައިފައެވެ. ކްރިސްޓިއަނުންގެ ބާރުގަދަކަމާހުރެ އެރާޅުބާނިތައް މާބޮޑަށް ހޮޅިލަން އަދި ނުފެށިކަމުގައިވިޔަސް ހެވެވެ. ތައިލެންޑާއި ވިއެޓްނާމްފަދަ އޭޝިޔާގެ ޤައުމުތަކުންވެސް އެއުފާވެރި މަންޒަރު ފެންނަމުން އެބަދެއެވެ. ހަމަ އެފަދައިން އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑްފަދަ ނުހަނު ދެކުނުގެ ޤައުމުތަކުގައިވެސް އިސްލާމްދީން ޤަބޫލުކުރުމުގެ ޙަރަކާތް ވަނީ އާދަޔާ ޚިލާފަށް ހަލުވިވެފައެވެ.
ޗައިނާއާއި އޭޝިޔާގެ އުތުރައި މެދުތެރޭގެ ޤައުމުތަކުގައި ކޮމިޔުނިޒަމް ކުރިއަރައިގެން އައި ދުވަސްވަރު އިސްލާމްދީން އޮތީ ވަރަށް ބޮޑަށް އޮއްބައިލައިފައެވެ. ނަމަވެސް ސޮވިއެޓް ޔޫނިއަން ބަލިކަށިވެ، ރޫޅުމާއެކު ނުހަނު ހަލުވިކަމާއެކު، އިސްލާމްދީން ދިރެމުން އާލާވަމުން އެބައާދެއެވެ. ޚާއްޞަކޮށް ރޫސީވިލާތުގައިވެސް ވަރަށް ގިނަ ޢަދަދަކަށް މިސްކިތްތައް ބިނާވަމުން އެބަދެއެވެ.

އެމެރިކާއާއި ކެނެޑާގައިވެސް ކަޅު ނަސްލުގެ އެތައްހާސް ބަޔަކު އިސްލާމްވަމުން އެބަދެއެވެ. އިސްލާމްދީނުގައިވާ ނަސްލީ ހަމަހަމަކަމުގެ ތަޢުލީމު ވަނީ އެތައް ހާސްބައެއްގެ ހިތްތައް މިލްކުކޮށްފައެވެ. ނަސްލީ އިމްތިޔާޒުގެ ޝިކާރައަކަށްވެފައިވާ އެހެނިހެން ނަސްލުތަކުގެ މީހުންވެސް އިސްލާމްދީނާ ފިކުރާވެ އެ ދީނާ ދިމާއަށް އެނބުރެމުން އެބައާދެއެވެ. އެހެނީ އިސްލާމްދީން އެބައިމީހުންނަށް އިންސާނީ ކަރާމާތް ހޯދައިދެއެވެ. ދެވަނަ ދަރަޖައިގެ ރަށްވެހިކަމުން މަތީ ފަންތިޔަށް އުފުލައިދެއެވެ.
އިސްލާމްދީނާ ދިމާއަށް މީހުންގެ ހިތްތައް ލެނބެމުންދާ ނިސްބަތަށް ބަލާއިރު މުސްލިމުންގެ ޝަރަފުވެރި މާޒީ އަލުން އިޢާދަވެ، މާތްﷲ ގެ ބިމުން ހުރިހާ ކަންކޮޅުތަކެއްގައި އެކަލާނގެ ދީނަށް ޢަމަލުކުރެވޭ ދުވަސް މިހާރު އޮތީ މާ ދުރެއްގައެއް ނޫނެވެ.

(ނިމުނީ)