ޚަބަރު

ގައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަނުކުރި މެމްބަރުންނަށް ލިޔުން ހަވާލުކޮށްފި

އަލީ ޔާމިން

ގައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަނުކުރި މެންބަރުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.

ގައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރި މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރި މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ރައީސަށް އަރުވައިފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ދަތިތަކުގެ މައުލޫމާތު އެ އެސޯސިއޭޝަންގެ ފަރާތުން ވަނީ ދީފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވައިފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.