ލައިފް ސްޓައިލް

ކުޑަކުދީން ފުރާވަރަށް އެޅުމުގެ ކުރިން އާދަ ކުރުވަންވީ ދިރިއުޅުމުގެ މުހިންމު ބައެއް ހުނަރުތައް

ކޮންމެ މަންމަޔަކުވެސް، އަދި ކޮންމެ ބައްޕަޔަކުވެސް، ބެލެނިވެރިޔަކުވިޔަސް، ބޭނުންވާނީ ތިމާގެ ދަރިންނަކީ އެންމެ ހުޝިޔާރު، އެންމެ ގާބިލު ކުއްޖާއަށް ވުމެވެ. ކިޔެވުމުގައިނަމަ އެންމެ ފުރިހަމައަށް އެނގި، ދަަސްވެ، އެހަދާ އިމްތިހާނަކުން އެންމެ ފުރިހަމަ އެއްވަނައެއް ލިބުމެވެ. ކުރިމަތިލާ ކަމެއްނަމަ، އެއީ ކޮންމެ ކަމެއް ކަމުގައިވިޔަސް އެންމެންގެ ތައުރީފާއި ލޯބި ލިބުމާއެކު، އެންމެ ކާމިޔާބު ކުއްޖާއަށްވުމަށް އެދޭނެއެވެ. މިއީ ކޮންމެ އިންސާނަކުވިޔަސް ދެކޮޅު ނަހަދާނެ ހަގީގަތެކެވެ.

ފަހަކަށް އައިސް، އެންމެ ގިނަައިން އިވޭ އެއް ޝަކުވާއަކީ، ކުދިންގެ އުޅުމާއި ގުޅުންތައް ހިތަށްވެސް ނާރާ ވަރަށް ކަމުނުދާ ވާހަކައެވެ. ކުދިން ގެންގުޅެން ފަސޭހަ ނުވާ ވާހަކައެވެ. ބުނެދޭން ދަތިވާ ވާހަކައެވެ. ގޭތެރޭގެ މާހައުލާއި އުނގެނުމުގެ މާހައުލުންވެސް އިވެނީ ކުދިން ވަކި ގޮތަކަށް ބައްޓަން ކުރަން ދަތިވާ ވާހަކައެވެ.

"އަހަންނަކީ ތިން ކުދިންގެ މަންމައަކީމެވެ. އެއްމާބަނޑު ދެކުދިން ލިބުނީ ދޮށްޓަށް އިން ފާތުއަށް ދެއަހަރު ނުފުރެނީހެވެ. ދެބެންނާއެކު ފާތު ގެންގުޅުން ހީކުރިހާ ފަސޭހަ ކަމަކަށްނުވިޔަސް، އުނަގަނޑުން އަޑު ކިޔާ، ބަދަތަކުން ދިޔަ ފެލަމުން ތިން ކުދިން އެކުގައި ކުޅެ، އުޅެވޭ ވަރަށް ބޮޑު ކުރެވިއްޖެއެވެ. ފާތުއަށް ނުވަ އަހަރުގައި، ފަސްއަހަރުގެ އަންދުއާއި މައްތު ގެންގުޅޭއިރު ހީވާނީ ހަމަ ކުޑަވަރެއްގެ މަންމައެއް ހެނެވެ. އެހެންނަމަވެސް މިހާރު މިއޮތީ ދަތިވާ މަރުހަލާ ޖެހިފައެވެ. ތިންކުދިންނަށްވެސް ދުނިޔޭގައި އުޅުމުގެ ތަމްރީނާއި ތަރުބިއްޔަތު ތަރުތީބުން ދިނުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. މިކަމަށް ހައްލެއް ބޭނުންވެއެވެ."

"އަހަރެންގެ ތިބީ ދެކުދިންނެވެ. އަހަރު ދެކޮޅު ވިހެއީ ދެމަފިރިންވެސް އެއްބަސްވެގެން ނަމަވެސް ހަގުމަންޖެ ލިބުމާއެކު ފިރިމީހާ މަގު ބަދަލުކޮށް، އޮޅިގަނޑު އިތުރުކޮށްފިއެވެ. ދެކުދިން ދުނިޔެ އުޅުމުގެ ތަރުބިއްޔަތު، ތަމްރީނާއެކު ދޭން މިޖެހުނީ މަށަށް އެކަންޏެވެ. މިކަމަށް ކޮންމެވެސް އެހީއެއް އެބަ ބޭނުންވެއެވެ."

"އަހަރެންގެ ހުރީ ހަމަ އެންމެ ފިރިހެން ދަރިފުޅެކެވެ. ދެމަފިރިންގެ ގުޅުމާ އެއްވަރަށް އެސޮރާ ބާއްވާ ގުޅުންވެސް ވަރަށް ގާތްކޮށް، ރަނގަޅަށް ބޭއްވޭތޯ ބަލަމެވެ. މިހާރު މިއޮތީ ކުއްޖާއަށް އެންމެ މުހިންމު ހިސާބަށް އުމުރު އައިސްފައެވެ. ކޮންމެ އުމުރަކީވެސް މުހިންމު އުމުރެކެވެ. އެކަމަކު ފަސް އަހަރާއި ބާރަ އަހަރާ ދެމެދުން ކުދިންނަށް އަންނަ ބަދަލުތަކާއި ތަފާތުތައް ދެނެގަނެ، ސީދާ ނުކުރެވިއްޖެނަމަ، އިތުރަށް ދެން ކުރިއަށް އޮތްތަން ރަނގަޅު ކުރުމަކީ ހަމަ ފަރުބަދަ ކެނޑުންހާ ބުރަ ކަމެކެވެ. މިކަމަށް ކޮންމެވެސް އެހީއެއް ބޭނުންވެއެވެ."

ކުޑަކުދިންނަށް ބުނެދިނުމަކީ މާ ފަސޭހަ ކަމަކަށް ނުވާ ފަދައިން އެކުދިން ކަމަކަށް ހޭނުމަކީ މާ އުނދަގޫ ކަމެއްވެސް ނޫނެވެ. ފަހަކަށް އައިސް އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ކުޑަކުދިންނަށް ރަނގަޅު ކައުންސެލިންއެއް ދޭން ބޭނުންވާ ވާހަކައެވެ. ކުއްޖާ ތަރުބިއްޔަތުކޮށް، ހޭނުމުގެ ފުރަތަމަ އަދި އެންމެ ފުރިހަމަ މަދުރަސާއަކީ އެކުއްޖާގެ މައިންބަފައިން، ބެލެނިވެރިން އަދި އުޅެބޮޑުވަމުން އަންނަ މާހައުލުކަމަށް ވާއިރު މިފަދަ ޝަކުވާއެއް އިވުމަކީ ވަރަށްވެސް ދެރަކަމެކެވެ.

ތެދެކެވެ. އިހުގައި ކުއްޖަކު ބޮޑުކުރުމަކަށް މާ ބޮޑެތި މައްސަލަތަކެއް ދިމައެއްނުވެއެވެ. ތަރުބިއްޔަތާއި ހޭނުމަކީ ހަމަ ވަރަށް އާދައިގެ ގޮތަކަށް ނިމެން އޮންނަ ކަމެކެވެ. އެކަމަކު މިއަދުގެ ދުނިޔޭގައި މިކަންތައް އެހާ ފަސޭހައެއް ނޫނެވެ. ހަގީގަތަކީ ދުނިޔެ ތަރައްގީވެ، ތަހުޒީބު ވެފައިވާ ވަރަށް ކުދިންގެ ސިކުނޑިވެސް އެއާ އެއްވަރަށް ކުރިއަށް ޖެހެމުންދާނެކަން ގަބޫލުކުރަން ޖެހޭ ކަމެވެ. މިއަދުވެސް ކުއްޖަކު އުޅެބޮޑުވާ މާހައުލުން، އެކުއްޖަކު އެބަޔަކު ބޭނުންވާ ގޮތަކަށް ހޭނުމަކީ ނުވާހާ އުނދަގޫ ކަމެއް ނޫނެވެ. ތަފާތަކީ ކުރިއާއި ހިލާފަށް މިއަދު ދުނިޔޭގެ ހުރިހާ ދިމާއަކުން ވާ ހުރިހާ ކަމެއް އަޅުގަނޑުމެން ބޮޑެތި މީހުންނަށް އެނގި، ހޭލުންތެރިވާ ބީދައިން ކުޑަކުދިންނަށްވެސް ދުނިޔޭގެ ހުރިހާ ދިމާއަކާ މެދު ވިސްނައި، ދެނެގަތުމަށް ސިކުނޑި ހުޅުވިފައިވާނެކަމާއި އެކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް މައުލޫމާތު އެކުދިންނަށްވެސް ލިބުމަކީ ކުދިންގެ ކުރިއެރުމަށް ލިބޭ އިތުރު ބާރަކަށްވާކަން ދެނެގަންނަން ޖެހޭ ކަމެވެ.

"ލައިފް ސްކިލްސް" ނުވަތަ އާންމު ދިިރިއުޅުމަށް ބޭނުންވާ ހުނަރުތައް މިއީ ކޮންމެހެން ވަކި ބަޔަކަށް ނުވަތަ ވަކި އުމުރަކަށް އޮތް ކަމެއް ނޫނެވެ. އިހުގައި މިފަދަ ކަންތައްތައް ކިޔަވައިދެވެނީ ކޮންމެވެސް ކޯހެއްގެ ބައެއްގެ ގޮތުގައެވެ. އެކަމަކު ވިސްނާލަން ޖެހޭ ހަގީގަތަކީ ކޯހުގެ ބަޔަކަށް ވާ މި 'ބަޔަކީ' އާންމު ދިރިއުޅުމުގައި ކޮންމެ އުމުރެއްގައިވެސް، އެއުމުރަކާ ގުޅޭ ގޮތުން އެނގިފައިވާ ކަމަކަށް ވާން ޖެހޭ ކަމެވެ. މިގޮތުން ކޮންމެ ކުޑަކުއްޖަކަށްވެސް އެކުއްޖެއްގެ އުމުރާ އެކަށޭނަ ގޮތަކަށް މިހުނަރުތައް ބުނެދެވި، ހޭނުވުމަކީ ބެލެނިވެރިންގެ ކޮޑުގައި އޮތް ބޮޑު ޒިންމާއެކެވެ. މިޒިންމާ އަދާ ކުރުމަށް ގެންގުޅޭ 'އާޔާ'، 'ނަރުސް' ނުވަތަ ބޭބީސިޓާ ނުވަތަ އެހެން މީހަކު ވިޔަސް، ކުޑަދަރިފުޅު ބަލައިބޮޑު ކުރާ މީހާ ސަމާލު ކުރުވާ، މިކަންތަކަށް ދަރިފުޅު ހޭނޭތޯ ބެލުމަކީ، ތިމާ ބުރަ ދިރިއުޅުމެއްގައި އުޅޭނަމަ ކުރަން ޖެހޭ ކަމެކެވެ. މިހެން މިދެންނެވީ، އަދު ދިރިއުޅެވެން އޮތީ ދެމީހުންމެ މަސައްކަތް ކޮށްގެން ކަމަށްވާތީ، ގޭގައި ގެންގުޅޭ އާޔާއަކަށް ގިނަ މީހުންނަށް މިއަދު ބޭނުންޖެހިފައިވާތީއެވެ.

މިހެން ވުމާއެކު 'ދިރިއުޅުމަށް ބޭނުންވާ ހުނަރު'، ނުވަތަ ލައިފްސްކިލްސް އަކީ ކޮންމެހެންވެސް ކުދިން އުނގެނެން މުހިންމު، ބޭނުންތެރި ދާއިރާއެކެވެ. ތިރީގައި މިވަނީ މިހުނަރުގެ ސެޓެކެވެ. މިސެޓަކީ ކުދިންނަށް ރަނގަޅާއި ނުރަނގަޅުގެ ތަފާތު އެނގުމަށް މަގުދައްކައިދީ، ދިރިއުޅުމުގައި ފައިދާހުރިގޮތެއްގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ހުނަރުތައް ނުވަތަ ސްކިލްސް ހިމެނޭހެން ތަރުތީބުން އަތުރާލެވިފައިވާ ސެޓެކެވެ.

ފުރަތަމަ ފިޔަވަޅު: ކަންތައްތަކަށް ހޭނުވުމުގެ ހުނަރުވެރިކަން

ފަތިހު، ނުވަތަ ވީހާވެސް ހެނދުނާ ހޭލުމަށް ހޭނުވުން؛

މިއީ ދަރިފުޅު ފަތިސްނަމާދުން ދުވަސް ފެށުމަށް އާދަކުރުވުމުން ކުރެވިދާނެ ކަމެކެވެ. ހަމައެހެންމެ ހެނދުނު ހޭލުމުގެ ފައިދާއާއި ކުރަންޖެހޭ މަސައްކަތްތަކާއި ގޭތެރޭގެ ކަންތައްތައް ހެނދުނު ކުރަމުން އަންނަ ސަބަބާއެކު ބުނެދިނުމަށް، ދަރިފުޅު ފަހަތުގައި ގެންގުޅެމުން މިކަންތައް ކުރެވިދާނެއެވެ. ކުނިކަހާއިރު ކުނި ނެގުމަށް އެހީވުމަށް ބުނެދިނުމާއެކު ކުރުވުން، އަންނައުނު ދޮވެ ހިއްކަން އަޅާއިރު، ހިއްކަން އެޅުމަށް ދަރިފުޅު އަތަށް ދިނުން، އަންނައުނު ފަށްޖަހައި ދަރިފުޅުގެ ތަކެތި ތަރުތީބުން ސާފުކޮށް ބެހެއްޓުމަށް ދަސްކޮށްދިނުން ފަދަ ކަންތައްތަކުގައި ދަރިފުޅަށް ގޭތެރޭގެ ދިރިއުޅުމާއި ހެނދުނު ހޭލުމުގެ މުހިންމުކަން އަންގައިދެވޭނެއެވެ.

ރީތިވުމާއި ސާފުތާހިރުކަމަށް ހޭނުވުން؛

ކޮންމެ ތަނަކަށް ދިޔަޔަސް ރީތިވެގެން ދިއުމަށް އާދަކުރުވުމާއި ބޭރުން ގެއަށް ވަނުމާއެކު މޫނާއި އަތްފައި ދޮންނަން ދަސްކޮށްދީ އާދަކުރުވުން، މިއީ ދަރިފުޅަށް އަބަދުވެސް ތާޒާކަންމަތީ، ސާފުތާހިރުކަންމަތީ އުޅުމަށް ވަރަށް ފަސޭހައިން ދަސްވާ ކަމެކެވެ. އަދަބާއި އަހުލާގަކީ ފޮތަކުން ކިޔަވާ ފިލާވަޅެއްހެން ބުނެދީ، ހިތުދަސްކުރުވައި، ނުބަލައި ކިޔައިދީގެން މޮޅު ފާހެއް ލިބޭހެން ގައިގައި ހަރުލެއްވޭ ކަންތައްތަކެއް ނޫނެވެ. މިފަދަ ކަންތައްތަކަކީ ފެންނަ މަންޒަރުތަކުން ދަސްވެ، އެކަންތައްތަކުގެ ފައިދާ އެނގުމުން އެފައިދާ ލިބިގަތުމަށް ކުދިން ގައިގައި އަށަގަންނުވާ ކަންތައްތަކެވެ. އެހެންކަމުން ކުދިންނަށް ކަންތައްތައް ދަަސްކޮށްދޭން ޖެހެނީ އެކަންތައްތައް އަމިއްލައަށް ކުރުމާއެކު އޭގެ ސަބަބުން ލިބޭނެ ފައިދާތައް ބުނެދިނުމުންނެވެ. މިއަށްވުރެ ވަކިން ފަސޭހަ އަދި މޮޅު ގޮތެއް މިކަމަށް ނޯންނާނެކަން ޔަގީނެވެ.

ރަހަތަފާތުތައް ދެނެގަތުމާއި ކެއްކުމުގެ މުހިންމުކަން ބުނެދިނުން

ކަޕްކޭކް ފަދަ ފޮނި އެއްޗެއް ފިހެލުމަށްފަހު ރެސިޕީ ބުނެދޭށެވެ. އަދި އޭގެ އިރުޝާދުތަކަށް މަގުދައްކައިގެން ކުއްޖާ ލައްވައި ފަރިތަކުރުވިދާނެއެވެ. ކުރާ މަސައްކަތަށް ސަމާލުކުރުވުމުން އެދަސްކޮށްދެވެނީ ހަމައެކަނި ކޭކެއް ފިހެލާކަށް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖާ އެތައް ކަމެއް ދަސްކުރާނެއެވެ. ސާފުތާހިރުކޮށް ތަންތަނާއި ކާއެއްޗެހި ގެންގުޅެން ދެނެގަންނާނެއެވެ. އަދި ކޭކު ފިހެގެން ކެވޭނެ ވަގުތަކަށް އެކުރާ އިންތިޒާރުގައި ކެތްތެރިވުމަށް ކުއްޖާއަށް ދާނީ ދަސްވަމުންނެވެ.

ދެވަނަ ފިޔަވަޅު: ކަންތައްތައް ދެނެގަތުމާއި ރޭވުންތެރިކަން އަށަގެންނެވުން

އިމަޖެންސީ ނަންބަރުތައް ދަސްކުރުވުން

ކުއްލި ނުރައްކަލުގެ ނަންބަރުތައް އެނގުމުން ދަރިފުޅަށް ތަފާތު ކުއްލި ހާލަތްތަކުގައި ގުޅަންވީ ކާކުކަން އެނގޭނެ ގޮތް ހެދުމެވެ. ދަރިވަރުންނަށް ޖިއޮގްރަފިކަލް ލޮކޭޝަނަށް ބަލައިގެން ރަނގަޅު ފޯނު ނަންބަރުތައް ދަސްކޮށްދިނުން ޔަގީން ކުރައްވާށެވެ. އޭރުން ކަމެއް ދިމާވާހިނދު ކަންތައް ކުރަން ޖެހޭ ގޮތް ކުއްޖާ ދެނެގަންނާނެއެވެ.

ރޭގަނޑުގެ ކެއުމަށް ސުފުރާ ތައްޔާރުކުރުމާއި ހާއްސަކަމާއެކު ކެއުމަށް އައުން

ރޭގަނޑުގެ ކެއުމަށް އާއިލާ އެއް މޭޒެއްގެ ދޮށުގައި، އެއްސުފުރާއަކަށް ޖަމާވެގެން ތިބެވޭނެ ގޮތް ހަމަޖައްސާށެވެ. މުޅި ދުވަހުގައި ކުރެވުނު ކަންތައްތަކާއި ނުކުރެވިހުރި ކަންތައްތަކުގެ ވާހަކަ ދައްކައި، ކަންތަކާ މަޝްވަރާ ކުރަން ޖެހޭ މިގަޑީގައި ކުދިންނަށް ހުރިހާ ސަމާލުކަމެއް ދޭށެވެ. އަދި ހިތްވަރު ދިނުމާއި އުފާވެރިކަމާއެކު ރޭގަނޑުގެ ކެއުން ނިންމާށެވެ.

ގަސްއިންދުންފަދަ ކަމަކަށް ހޭލުންތެރި ކުރުވައި ހޭނުވުން

ބަގީޗާހެއްދުން ނުވަތަ ގަސްއިންދުމަކީ ކުޑައިރުއްސުރެ ތަރުބިއްޔަތު ކުރަން ޖެހޭ ވަރަށް ބޮޑު ދިރިއުޅުމުގެ ހުނަރެކެވެ. ބަގީޗާ ހެއްދުމުގެ ސަބަބުން ދަރިވަރުންނަށް އެމީހުންގެ ގަސްގަހާގެހި ބެލެހެއްޓުމުގައި އިތުރަށް ޒިންމާދާރު ވެގެންދެއެވެ. އަދި ބަގީޗާ ހެއްދުމަކީ ވެސް އާއްމު ގޮތެއްގައި ގުދުރަތީ ދުނިޔެއާއި އޭގެ ހުރިހާ އުނި އިތުރުތަކެއް ރަނގަޅަށް ދެނެގަތުމަށް ދަސްކުރާ މީހުންނަށް ހާމަކޮށްދޭ ކަމެކެވެ.

ތިންވަނަ ފިޔަވަޅު: ކަންތައްތަކުގެ އަހައްމިއްޔަތު ދަސްކޮށްދިނުމާއި އަސާސީ ބޭނުންތަކަށް ހޭނުވުން

ބަދިގޭގެ ރައްކާތެރިކަމާ ބެހޭގޮތުން ދަސްކުރުން؛

ބަދިގޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރަންވާނެއެވެ. ހާއްސަކޮށް ކުޑަކުދިން ތިބޭ ތަންތަނުގައި، ބަދިގެ ތެރޭގެ ހުރިހާ ކަމެއްވެސް އެންމެ ރައްކާތެރި ގޮތެއްގައި ބެހެއްޓުމަށް ސަމާލުކަންދޭށެވެ. އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެގެން ތިބޭށެވެ. ބަދިގެ ތެރޭގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި ކުދިން ގާތު އެނގި ދަސްވީ ކޮންކަންތައް ތަކެއްތޯ އެހުމަށާއި އެއްވެސް ކަމަކަށް އެހީތެރިކަމެއް ބޭނުންވޭތޯ އަހާލުން ހަނދާން ނައްތައިނުލާށެވެ!

ފަހަން ދަސްކޮށްދިނުން

ފަހާ ފަންނުވެރިކަމުގެ އަސާސީ ހުނަރާއި މަސައްކަތުގައި އުޅޭއިރު ބޭނުންވާ ތަފްސީލުތައް ބުނެދިނުމަކީ ކުދިންނަށް އޭގެ ފައިދާ އެތައް ގޮތަކުން ވާ ކަމެކެވެ. ފެހުމަކީ އަދި ފެހުމުގެ ތެރެއިން އަންނަ މާޖެހުން، ޖަރީޖެހުން، ގޮށްހެދުން ފަދަ އެތައްއެތައް ކަމަކީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ވަރަށްވެސް މުހިންމު ހުނަރުތަކެކެވެ. އަމިއްލައަށް ކުދިކުދި ފެހުންތައް އެނގުމަކީ ކޮންމެ އުމުރެއްގައިވެސް އޭގެ ބޭނުން ހިފޭނެ ކަމެކެވެ.

ފައިސާގެ މުހިންމުކަމާއި އަހައްމިއްޔަތުކަން ބުނެދީ، ހަރަދު ކުރުމަށް ހޭނުވުން

ފައިސާ ގުނުމާއި ރަނގަޅު މިންވަރަކަށް ބަދަލު ދޭނެ ގޮތްތައް ދަސްކުރުމަކީ، އެންމެން ވެސް ތަމްރީނު ކުރަންޖެހޭ ހުނަރެކެވެ. މިކަމަށް ހޭނުވުމަށް 'ޕިގީ ބޭންކް' އިން ފެށިގެން ޕޮކެޓްމަނީ އާ ހަމައަށް ކުއްޖާއަށް ވަކިވަރަކަށް ފައިސާ ދެވިދާނެއެވެ. އަދި ހަރަދު ކުރުމަށް ދަސްކޮށްދީ، ފަހަށް ރައްކާ ކުރުމަށްވެސް ފަރިތަ ކުރުވޭނެއެވެ.

ޕާސަނަލް ހައިޖީން ނުވަތަ އަމިއްލަ ހަށިގަނޑުގެ ސާފުތާހިރުކަން

އަމިއްލަ ސާފުތާހިރުކަމުގެ ސަބަބުން ބޮޑެތި ޖަރާސީމުތަކުން ސަލާމާތްވާނެކަމާއި މިއީ ކިހާވަރެއްގެ ކަމެއްކަން ބުނެދޭންވާނެއެވެ. އަބަދުވެސް ބޮލުން ފެށިގެން ފަޔާއި ހަމައަށް ސާފުތާހިރުކަމާއެކު ހުރުމަކީ ކިހާ މުހިންމު ކަމެއްކަމާއި އަދި އޭގެ ސަބަބުން އެތައް އެހެން ބަޔަކަށްވެސް ފައިދާ ވާނެކަން ބުނެދޭންވާނެއެވެ.

ފަތަން ދަސްކުރުން

ފަތަން ކުޅަދާނަވުމަކީ ގެނބިގެން ނުދާނެ ކަމުގެ ޔަގީންކަން ލިބޭ ކަމެއް ކަމަށް ބުނެދޭށެވެ. އަދި ފަތަން އެނގުމުގެ ސަބަބުން ފަހުން ދުވަހެއްގައިވެސް ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެހުނަރުގެ ބޭނުން ޖެހޭނެކަން ބުނެދޭށެވެ. ހަމައެހެންމެ އޭގެ ސަބަބުން ދަރިފުޅު 'ހީރޯ'އަކަށް ވާނެކަން ބުނެދޭށެވެ. ފަތަން ދަސްކުރުމަކީ ކުޑަކުދިންނަށް ފަހުގެ އެތައް ފުރުސަތެއް ލިބިގެންދާ ކަމަކަށްވާއިރު މިއީ ފެނުގައި ކުޅޭ ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ވެސް އޮންނަ ކަމެއްކަން ކިޔައިދިނުމުން ކުއްޖާ މިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެއެވެ.

ލައިފް ސްކިލްސް އެކްޓިވިޓީސް އިން ދަރިފުޅަށް އެހީތެރިވެދެނީ ކޮން ކަންތައްތަކެއް؟

ފަންކްޝަނަލް ލައިފް ސްކިލްސް އެކްޓިވިޓީސް ކުރިއަށް ގެންދަނީ ނިސްބަތުން، އާއްމު ގޮތެއްގައި ކުދިން ކޮންމެ ދުވަހަކުވެސް ކުރާ މަސައްކަތުގައި އުޅޭއިރުއެވެ. ދިރިއުޅުމުގެ ހުނަރުތަކުގެ އެހީގައި ކުދިން ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާނެ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއެވެ. ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހެދުމަށް އެހީތެރިވެދެއެވެ.

ދަރިފުޅަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭންވީ ކޮން އުމުރެއްގައި ހެއްޔެވެ؟

އެންމެ ފުރަތަމަ ބަސްކިޔައި ފިރުކެން ފަށާ ހިސާބުން ކުއްޖާ ދިރިއުޅުމުގެ ހުނަރުތަކަށް އަހުލުވެރި ކުރުވުމުގެ މަރުހަލާ ފެށުނީއެވެ. އެހެންނަމަވެސް ދަރިފުޅުގެ އުމުރުން ފަސްއަހަރުންް ފެށިގެން ފުރާވަރާ ހަމައަށް އިތުރު ހަރަކާތްތައް ގިނަކުރުމާއެކު އުމުރާއެކު ދިރިއުޅުމުގެ ހުނަރުތަކަށް ހޭނުވުން އިތުރު ކުރަންޖެހޭނެއެވެ.

ގެއިން ބޭރުގައި އުޅޭ ހުރިހާ ތަނެއް ހިމެނޭހެން، ކްލާސްރޫމްގައި ކުރާ ހަރަކާތްތައް ނިންމުމުގެ ތެރޭގައި ގިނަ ކޮންސެޕްޓްތަކެއް ތައާރަފު ކުރެވިދާނެ އެވެ. ކުޑައިރުއްސުރެ ކުދިންނަށް އުނގެނުމުގެ އާ ދާއިރާތަކަށް ތައާރަފުކޮށް، ކާމިޔާބުކަމާއެކު ކުރިމަތިލާން ބޭނުންވާ ހުނަރުތައް ލިއްބައިދިނުމަކީ މާ އުނދަގޫ ކަމެއްވެސް ނޫނެވެ. އަދި ހަމައެހެންމެ މިއީ ކާމިޔާބު، ކެރޭ، ހުޝިޔާރު، ގާބިލު ދަރިޔަކު އުފެއްދުމޭ ވެސް ބުނެވިދާނެއެވެ.

އަހަރެންގެ ދަރިފުޅަށް 10 އަހަރު ފުރުމުގެ ކުރިން އެނގެންވީ ދިރިއުޅުމުގެ ކޮންކޮން ހުނަރެއް ހެއްޔެވެ؟


މިއުމުރުގެ ކުދިން ދަސްކުރަންޖެހޭނީ: އަމިއްލައަށް އާދައިގެ ކެއުމެއް ތައްޔާރުކުރުމާއި، ދޮވެ ސާފު ކުރުމުގައި އެހީތެރިވުމާއި، ރައްކާތެރި ގޮތެއްގައި އިންޓަނެޓް ހޯދުމާއި، ގަހެއް އިންދުމަށް އެނގުން ނުވަތަ ގަހަކަށް ފެންދީ ގަސް ހެދޭނެހެން ގަސްތަކުގެ ދިރުން އާލާކުރުމާއި، އަވަށްޓެރި މަގުތަކާއި ހިސާބުތަކުގައި ހިނގާބިނގާވުމަށް ފަރިތަވުމާއި، ކުއްލި ނަންބަރުތައް އެނގުމުގެ އިތުރުން ވަގުތު ކިޔައިދިނުމާއި، ސާފުކުރުމުގައި އެހީތެރިވުން އަދި ހެދުން ދޮވުން، ހެދުމެއްގެ ތަނެއް ހަލާކުވެއްޖެނަމަ ވަގުތީގޮތުން އެތަނެއް މަރާމާތު ކުރަން އެނގުން، އަދި ފަތަން ދަސްކުރުމެވެ. މިއީ ގާތްގަނޑަކަށް ދިރިއުޅުމުގެ އަސާސީ ހުރިހާ ހުނަރުތަކަކަށް މުޅިން ނުވިއަސް ބޮޑުބައެއް ހިމެނޭ ލިސްޓެކެވެ. މިއީ ކުދިންނަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެހީތެރިވެދޭ ކަންކަމެވެ.

މަތީގައިވާ ހަރަކާތްތަކުގެ އެހީގައި ތަރައްޤީކުރެވޭ ހުނަރުތައް ޒުވާން ދަރިވަރުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހެދުމަށް އެހީތެރިވެދޭތީ، މިއީ ޒުވާން ދަރިވަރުންގެ ގޭގައި ނުވަތަ ސްކޫލުގައި ކުރާ އެއްވެސް އުނގެނުމުގެ ދަތުރެއްގެ މުހިންމު ބައެއްގެ ގޮތުގައި ބަލަންޖެހެއެވެ.

ފުރާވަރަށް އަރައިގެން އަންނަ ކުދިންނަށް ރުހެވޭ، ގަޔަވާފަދަ ގޮތަކަށް އަތުރާލެވިފައިވާ މި'ދިރިއުޅުމުގެ ހުނަރުގެ' މިހަރަކާތްތަކާމެދު ވިސްނާލާއިރު، މިއީ އަޖުމަ ބަލާލުން ހަމަ އެންމެ ރަނގަޅު ތާވަލެއްކަމަށް ގަބޫލު ކުރެވޭނެކަމަށް އުއްމީދު ކުރަމެވެ. އަދި މިއީ ބޭނުން ހިފޭފަދަ ސެޓަކަށް ވާނެކަމަށްވެސް ހީކުރަމެވެ. އަދި މިފަދަ 'ލައިފް ސްކިލްސް'ގެ ތަފާތު ބައިތައް އިތުރަށް ގެނެސްދެވޭނެއެވެ. އުމުރާ ގުޅޭ ގޮތުންނާއި، އަދިހަމައެހެންމެ 'ލައިފް ސްކިލްސް'ގެ ތަފާތު މައިގަނޑުތަކަށް ތަފްސީލު ހިމެނޭނެހެން، ސެލްފް އެސްޓީމް،(ނަފުސަށް އިހުތިރާމްކުރުން)، އެންގަރމެނޭޖްމަންޓް(ރުޅި ގެންގުޅުން)، ޓައިމް މެނޭޖްމަންޓް(ވަގުތު ބެލެހެއްޓުން)ފަދަ 'ދިރިއުޅުމުގެ ހުނަރު'ތަކުގެ ބައިތަކާއި އޭގެ ތަފުސީލުވެސް ގެނެސްދެވޭނެއެވެ.