ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމުގެ އުސޫލާބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (ޓޫފޯވަން ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، ހިތަދޫ ދާއިރާގެ މެންބަދު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހަކަށް ދޭ އިނާޔަތްތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ ބަޔާންކުރާ ގޮތުން، އެ ފަރާތްތަކަށް ސެކިއުރިޓީ ފޯރުކޮށްދޭ އުސޫލާބެހޭގޮތުން ޓޫފޯވަން ކޮމިޓީގެ ލަފައާއި މަޝްވަރާ ހޯދަން ޖެހޭ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކަށް އެމްއެންޑީއެފުން ވީއައިިޕީ ސެކިއުރިޓީ ދިނުމާބެގޭ އުސޫލާބެހޭ ކަރުދާސް ޑިފެންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ދާނީ ވީއައިޕީ ސެކިއުރިޓީ ދިނުމާބެހޭގޮތުން ސަޕް ކޮމިޓީން އެކުލަވައިލައިފައިވާ ކަރުދާހަށް މުޅި ކޮމިޓީިން ބަހުސްކޮށް ގޮތެއް ނިންމުން ކަމަށެވެ. އަދި މި މައްސަލައާބެހޭގޮތުން ކުރިއަށް ގެންދާ ކޮމެޓީ ބައްދަލުވުންތައް ސިއްރު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ، އެ ހިސާބުން ކޮމިޓީ ބައްދުވުން ސިއްރު ކުރެއްވިއެވެ.
ކުރީގެ ރައީސުންނަށް ދޭ ވީއައިޕީ ސެކިއުރިޓީގެ އުސޫލުތައް މުރާޖައާކޮށް އެކަން ހިނގަމުންދާގޮތް ބެލުމަށް ޓޫފޯވަން ކޮމިޓީން މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެންނެވެ.