ރާއްޖެއިން މީގެ ކުރިން ނުފެންނަ ބާވަތެއްގެ ދޫންޏެއް ފެނިއްޖެއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، މިދިޔަ ހުކުރު ދުވަހު ލ. ހިތަދޫން ފެނިފައިވަނީ ވައިޓް ސްޓޯކްއެއް ކަމަށެވެ. އެއީ މީގެ ކުރިން ފެނިފައިވާ ކަމަށް ރެކޯޑުކޮށްފައިވާ ނުވާ ބާވަތެއްގެ ދޫންޏެއް ނޫން ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނީ، ފިނި މޫސުމުގައި ދެކުނު އިންޑިއާ ސަރަހައްދުގައި އެ ބާވަތުގެ ދޫނިތައް ވަރަށް މަދުން ފެންނަ ކަމަށާއި ލަންކާއިންވެސް ދޭތެރެއަކުން ފެންނަ ކަމަށެވެ.

ސްޓޯކް އާއިލާގައި ހިމެނޭ ވައިޓް ސްޓޯކްގެ ހަށިގަނޑުގެ ބޮޑު ބައި ހުންނަނީ ހުދު ކުލައިގެންނެވެ. ނަމަވެސް ފިޔަގަނޑުގެ އެއްބައިގައި ކަޅު ކުލަވެސް ހުރެއެވެ. އަދި ތުން ހުންނަނީ ރަތް ކުލައިގައެވެ.

އާބާދީތައް ދިރިއުޅެނީ އުތުރު އެފްރިކާ، މެދު އިރުމަތި އަދި ޔޫރަޕުގައެވެ. ނަމަވެސް މިހާރު އޭގެ އާބާދީ މަދުވެފައިވާ އިރު، ދޫނީގެ އެންމެ ބޮޑު އާބާދީއެއް މިހާރު އުޅެނީ ސްޕެއިން، ޕޯޗުގަލް އަދި ބޮލްޓިކް ސަރަހައްދުގައެވެ.

މި ވައްތަރުގެ ދޫނިތައް އާންމުކޮށް ކައި އުޅެނީ ކުދި މަންމަލި ޖަނަވާރުތަކާއި ބޮކާއި ބޮޑެތި ސޫފާއި ސުއިއްޕެވެ. އަދި ކުޑަ ރެޕްޓައިލްގެ ބާވަތްތަކާއި މަސްތަކާއި އެހެން ދޫނިތަކުގެ ބިސްތައް ވެސް ކައި އުޅެއެވެ.