ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށުމަށްފަހު މި ގުނަނީ ދެވަނަ ހަފުތާއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާއެވެ. މި ދައުރުގެ އެހެން ޖަލްސާތަކެކޭވެސް އެއްފަދައިން، 9:00 ގައި ފެށި މިއަދުގެ ޖަލްސާވެސް ދިހައެއްޖަހަން ގާތްވެފައި ވަނިކޮށް ވަނީ ނިންމާލައިފައެވެ. ކުރާނެ މަސައްކަތެއް ނެތިގެންނެވެ. މިއަދުގެ ޖަލްސާ ފެށީ 27 މެންބަރުންނާ އެކުގައެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަތް މެންބަރަކު ސަލާމުގައި ތިއްބެވި ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދަން ދަތިވެގެން އެކަމުގެ ޝަކުވާ ލިބެމުން އަންނައިރު، މިހާރަށްވުރެން ފަސޭހަކަމާއެކީ މާލޭގައި ޓެކްސީ ހިދުމަތް، ނުވަތަ ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާ ލިޔުމުން ސުވާލު ކުރެއްވުމާއި، ނ. މާފަރު ހެލްތު ސެންޓަރުގެ މަސައްކަތްތަކާބެހޭގޮތުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ސުވާލު ކުރެއްވުމެވެ.

އޭގެ އިތުރުން ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ.ސީވީޑް އަހުމަދު ލަތީފް، އަނބުރާ ގެނެސް، އެގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ގ.ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު، ހަމަޖެއްސުމަށް މަޖިލީހުުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް މަޖިލީހުން ގޮތެއް ނިންމުމަށްވެސް އެޖެންޑާ ކޮށްފައި އޮތެވެ.

އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދެއްްކެވީ އެންމެ ހަތަރު މެންބަރުންނެވެ. އެއީ ކާށިދު ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ރިޕޯޓުގެ ބަހުސް ނިމުމުން، 9:45 ގައި އެ ރިޕޯޓު ފާސް ކުރަން ވޯޓަށް އެހުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިންމެވިއެވެ. ވޯޓަށް އެއްސެވުމަށްފަހު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އެދިވަޑައިގެންނެވި ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވުމަށްފަހު މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

މެންބަރު ޝިޔާމު ނެންގެވި ނިޒާމީ ނުކުތާގައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުދާ މައްސަލަ ފާހަގަ ކުރައްވައި ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހަށް އެއްވެސް ޒިންމާއެއް ނޯންނަ ކަމަށެވެ.

"ހަގީގަތުގައި ކޮންމެ ދުވަހަކު މަޖިލިސް ފައްޓައިފަ ނިންމާލަން މިޖެހެނީ، އަޅުގަނޑު ހިތަށްއަރާ އެބަ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ، ނޫނީ އެމްޑީޕީ ހިފައިގެން އައި އެޖެންޑާ ފުރިހަމަ ވީތޯ، އޭގައި ހަދަންހުރި ގާނޫނުތައް ނިމުނީތޯ، އަޅުގަނޑުމެން ގެންނަ އެއްޗެއް މިތަނަކުން ބަލައެއް ނުގަނޭ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރެވެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ވަޒީރުންނަށް ވަގުތު ނުވެގެން މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުންވެސް ކުރިއަށް ނުގެންދެވޭ ކަމަށްވެސް ވިދާޅުވިއެވެ. މަޖިލީހަށް ބިލުތައް ނުފޮނުވާތީ އެކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، މަޖިލީހާ ނުލައި ސަރުކާރު ނުހިންގޭނެ ކަމަށެވެ. މިއީ ދައުލަތެއް ކަމަށާއި، މިނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ބާކީ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ކަމަށާއި، މިހާރު މަޖިލީހުން ގާނޫނު ޑްރާފްޓް ކުރާ ހިސާބަށް ގޮސްފައިވާކަމަށް ގަބޫލު ކުރައްވާ ކަަމަށްވެސް ޝިޔާމު ވިދާޅުވިއެެވެ.

މައްޗަންގޮޅީ މެދު ދާއިރާގެ މަޖިލިސް މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެން މީގެ ކުރިންވެސް މަޖިލީހުން ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް، މަޖިލީހުގެ ކޮމިޓީތަކާ ހަވާލު ކުރައްވައިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފެއްޓެވިއެވެ.

ނަމަވެސް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އެކަމަށް ފާޑު ވިދާޅުވެ، މަޖިލީހުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދެވިއެވެ.

އެކަމާ ގުޅިގެން އެޓާނީޖެނެރަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތްކަމަށެވެ. ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ.