ދުނިޔެ

އަދުގެ ދުނިޔެ: އޮސްޓްރޭލިޔާގެ ވެރިކަމަށް ރައްޔިތުން އެގެނައީ ވަރަށް ބޮޑު ބަދަލެކެވެ.

އިމާދު ލަތީފު

އޮސްޓްރޭލިޔާއަކީ ދުނިޔޭގެ އިގްތިސާދީ ބޮޑު ބާރެކެވެ. ދުނިޔޭގެ ކަންކަމުގައި ބަސްބުނާ ނުފޫޒުގަދަ ގައުމެކެވެ. ވަކިން ޚާއްސަކޮށް އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގައި އޮސްޓްރޭލިޔާ ބަހަކީ ބަރުދަން ހުންނަ ބަހެކެވެ. އެހެންވީމާ އޮސްޓްރޭލިޔާގެ ވެރިކަމަށް އަންނަ ކޮންމެ ބަދަލަކަށް ދުނިޔޭގެ ޝައުގުވެރިކަން ވަރަށް ބޮޑުވެއެވެ. އޮސްޓްރޭލިޔާގައި މިމަހު އެކާވީސް ވަނަ ދުވަހު ވަނީ އާއްމު އިންތިޚާބު ބާއްވައިފައެވެ. މި އިންތިޚާބުން ބޮޑުވަޒީރު ސްކޮޓް މޮރިސަނާއި އޭނާގެ ކޮންޒަރވެޓިވް ކޯލިޝަން ބަލިވެ ލޭބަރ ޕާޓީ ވަނީ ކާމިޔާބު ހޯދައިފައެވެ. ލޭބަރ ޕާޓީގެ ލީޑަރަކީ އުމުރުފުޅުން 59 އަހަރުވީ އެންތަނީ އަލްބަނޭޒީއެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން އޮސްޓްރޭލިޔާގެ ވެރިކަމަށް ލޭބަރ ޕާޓީ އަންނަ ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިޔާގައި އޮންނަނީ ކޮންކަހަލަ ނިޒާމެއް؟

އޮސްޓްރޭލިޔާއަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. ސަރުކާރެއްގެ ދައުރަކީ ޕާލަމެންޓެއްގެ ދައުރެވެ. އެއީ ތިން އަހަރެވެ. ޕާލަމެންޓްގައި ތިއްބަވަނީ 151 މެންބަރުންނެވެ. ސަރުކާރު ހިންގަވާ އިސްވެރިޔަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކީ އާއްމު ގޮތެެއްގައި މެޖޯރިޓީ ޕާޓީ ނުވަތަ މެޖޯރިޓީ ކޯލިޝަނުގެ ލީޑަރެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ހެޑް އޮފް ސްޓޭޓަކީ އިނގިރޭސިވިލާތުގެ ތަޚުތުގައި އިންނަވާ ބޭފުޅެކެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒީރުގެ ލަފާފުޅާއެކު އިނގިރޭސި ރާނީގެ ފަރާތްޕުޅުން އޮސްޓްރޭލިޔާގައި ހުންނަވާ ގަވަރުނަރ ޖެނެރަލް ކަނޑައަޅުއްވަނީ އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުންނެވެ. ގަވަރނަރ ޖެނެރަލްއަކީ ހުރިހާ ގޮތަކުންވެސް ރަމްޒީ ބޭފުޅެކެވެ. އެހެންވީމާ ހުރިހައި އާރަކާއި ބާރެެއްގެ ވެރިޔަކީ ބޮޑުވަޒީރެވެ.

އެންތަނީ އަލްބަނޭޒީ (އަލްބޯ) އަކީ ކާކު؟

އެންތަނީ އަލްބަނޭޒީއަކީ ކައިވެނިން ބޭރުގައި އުފަންވެފައިވާ ބޭފުޅެކެވެ. މަންމަޔަކީ އަޔަލެންޑުގެ އާއިލާއަކަށް ނިސްބަތްވާ އޮސްޓްރޭލިޔާގެ އަންހެނެކެވެ. ބައްޕަޔަކީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ކާރްލޯ އަލްބަނޭޒީއެވެ. ކުޑަދުވަސްކޮޅަކަށް ކާރްލޯ އަލްބަނޭޒީ އޮސްޓްރޭލިޔާއަށް ގޮސްގެން އުޅުމުގެ ތެރޭގައި މެރިޔަން އެލެރީއާ ބައްދަލުވެގެން ގުޅުމެއް ހިނގީއެވެ. އުމުރުން 14 އަހަރާ ހަމަޔަށް ބައްޕަޔަކީ ކާކުކަމާއި ދުނިޔޭގައި ހުރި މީހެއްކަންވެސް އެންތަނީއަށް އެނގިވަޑައިގެންފައެއް ނެތެވެ. ބައްޕަ ދުނިޔޭގައި އެބަހުރިކަމާއި އުޅެނީ އިޓަލީގައިކަމާއި އެހެން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކުވެސް ލިބިފައިވާކަން އެނގިވަޑައިގެންނެވި ހިސާބުން ބައްޕަޔާ ބައްދަލު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިކަން ކާމިޔާބުވީ 2009 ވަނަ އަހަރުގައެވެ.

އަލްބޯގެ ޅަދުވަސް ހޭދަވީ ކޮންގޮތަކަށް؟

މެރިއަން އެލެރީއަކީ ނުކުޅެދުންތެރިކަން ހުރި އަންހެނެކެވެ. އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑްނީގައި އެންތަނީ ބޮޑުފުޅުވެގެން އައީ އިންތިހާ ދަރަޖައިގެ ފަގީރުކަމުގައެވެ. އެންތަނީގެ ސްކޫލް ޚަރަދާއި ފަހުން ޔުނިވަރސިޓީ ޚަރަދާއި ކެއިންބުއިމާއި އަންނައުނާއި ތިބުމާއި މިހުރިހާ ކަމަކަށްވެސް ޚަރަދުކުރަން ލިބޭ ފައިސާޔަކީ އެކަނިވެރި އަދި ނުކުޅެދުންތެރި މަޔަކަށްވާތީ ސަރުކާރުން މަރިއަން އެލެރީއަށް ދެމުންދިޔަ ޕެންޝަނެވެ. އިނާޔަތެވެ. ކިތަންމެ ދަތި ހާލުގައި ބޮޑުފުޅުވިޔަސް ކޮންމެވެސް ދުވަހަކުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރަކަށް ވުމަކީ އެންމެ ޒުވާން އުމުރުން ފެށިގެންވެސް އެންތަނީގެ ހުވަފެންފުޅެކެވެ. މިހުވަފެން ހަގީގަތަކަށްވީއިރު މަންމަ ދުނިޔޭގައި ނެތުމަކީ އެންތަނީގެ ވަރަށް ބޮޑު ހިތާމައެކެވެ. މަންމަ ދުނިޔެއިން ވަކިވީ 2002 ވަނަ އަހަރުގައެވެ.

އަލްބޯގެ ސިޔާސީ ތަޖުރިބާޔަކީ ކޮބާ؟

އޮސްޓްރޭލިޔާގެ ޕާލަމެންޓްގެ ގޮނޑިއަކަށް ލޭބަރ ޕާޓީގެ ޓިކެޓްގައި އެންތަނީ އަލްބަނޭޒީ އެންމެ ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވީ 1996 ގައެވެ. އެހެންކަމުން ޕާލަމެންޓްގައި މެދުނުކެނޑި 26 އަހަރު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. މީގެ ކުރިން ލޭބަރ ޕާޓީން ވެރިކަން ކުރި ދައުރުތަކުގައި އެންތަނީ އަލްބަނޭޒީ ވަނީ ތަފާތު އެތަކެެއް މިނިސްޓްރީ ހިންގަވައިފައެވެ. އަދި ބޮޑުވަޒީރުގެ ނާއިބުކަންވެސް ކުރައްވައިފައިވެއެވެ. އެހެންކަމުން އޭނާއަކީ ވެރިކަމުގެ ކަންކަމާއި ސިޔާސީ ކަންކަމަށް އައު ބޭފުޅެއް ނޫނެވެ. އޮސްޓްރޭލިޔާގެ ރައްޔިތުން އެގައުމުގެ ވެރިޔަކަށް އިންތިޚާބު އެކުރީ ސިޔާސީ ކަންކަމުގެ ތަޖުރިބާކާރެކެވެ. އަމާނާތްތެރިއެކެވެ. ވައުދުތައް ފުއްދަވާ ބޭފުޅެކެވެ. ބަހާއި އަމަލު ދިމާކުރައްވާ ބޭފުޅެކެވެ.

އޮސްޓްރޭލިޔާގެ ސިޔާސަތަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއް؟

ބޮޑުވަޒީރު ސްކޮޓް މޮރިސަނާއި އޭނާގެ ކޮންޒަރވެޓިވް ކޯލިޝަން ބަލިވެ އެންތަނީ އަލްބަނޭޒީގެ ލޭބަރ ސަރުކާރެއް އައުމުގެ މާނަޔަކީ އޮސްޓްރޭލިޔާގެ ޚާރިޖީ ސިޔާސަތަށް އިންގިލާބީ ބަދަލުތަކެއް އައުމެއް ނޫނެވެ. އެފަދަ ބަދަލުތަކެއް ނާންނާނެއެވެ. ދެންވެސް އޮސްޓްރޭލިޔާ އޮންނާނީ ޗައިނާއާ ދެކޮޅު ހެދުމުގައި އެމެރިކާޔާއި ހުޅަނގު ޔޫރަޕުގެ ބައިވެރިއެއްގެ ގޮތުގައެވެ. އޭޝިއާ ޕެސިފިކްގައި ހަރަކާތްތެރިވާ ހުޅަނގުގެ ފުލުސްމީހާގެ ދައުރު ދެންވެސް އަދާކުރާނެއެވެ. ބަދަލު އަންނާނީ ދާޚިލީ ސިޔާސަތަށެވެ. ގައުމުގެ އިގްތިސާދު ބައްޓަންކޮށް ހިންގުމާއި ތިމާވެށި ހިމާޔަތްކުރުމާއި ސިއްހީ ނިޒާމު ހަރުދަނާކޮށް ހިންގުމުގެ ކަންކަމުގައި ގިނަގުނަ ބޮޑެތި ބަދަލުތައް އަންނާނެއެވެ. އަދި ނަސްލީ ތަފާތުކުރުންތައް ނައްތައިލުމުގެ ރޮނގުންވެސް އައު ފިޔަވަޅުތަކެއް ފެނިގެންދާނެ ކަމަށް ހީކުރެވެއެވެ.