ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: އަންހެން ރެފްރީންނާއި އެސިސްޓަންޓް ރެފްރީންވެސް މުޅިން އަލަށް މިފަހަރު ފެންނާނެ

އިމާދު ލަތީފު

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން އަންހެން ރެފްރީއަކު ނުފެނުމަކީ ފަހަކަށް އައިސް ގިނަބައެއްގެ ކަންބޮޑުވުމެކެވެ. އެކަން މިފަހަރު ގަތަރުގައި ނިމުމަކަށް އަންނާނެއެވެ. ވޯލްޑްކަޕުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އަންހެން ރެފްރީން މިފަހަރު ގަތަރުގައި ކުޅޭ ވޯލްޑްކަޕުގެ މެޗުތަކުން ފެންނާނެއެވެ. ފީފާއިން ބުނެފައިވަނީ މިފަހަރުގެ ރެފްރީންގެ ތެރޭގައި ތިން އަންހެނުން އަދި އެސިސްޓަންޓް ރެފްރީންގެ ތެރޭގައިވެސް ތިން އަންހެނުން ހިމަނަން ނިންމައި މީހުންވެސް ސެލެކްޓް ކޮށްފައިވާކަމުގައެވެ. ފީފާގެ ތާރީޚީ މި ނިންމުމަށް ދުނިޔޭގެ ކަންކޮޅުތަކުން ވަނީ ވަރަށް ބޮޑަށް ތާރީފުކޮށް މަރުހަބާ ކިޔައިފައެވެ. ސީދާ ވޯލްޑްކަޕެއްގައި އަންހެނަކު މިހާތަނަށް ރެފްރީކަން ނުކުރިއަސް ފީފާގެ ޖޫނިއަރ ބައެއް މުބާރާތްތަކާއި ސީނިއަރ ބައެއް މުބާރާތްތަކުގައި އަންހެނުން ވަނީ މީގެކުރިންވެސް ރެފްރީކަންކޮށްފައެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ފީފާއިން ނެގި އަންހެން ތިން ރެފްރީންގެ ތެރޭގައި ހިމެނެނީ ޔޫރަޕުން ފްރާންސްގެ ސްޓެފާނީ ފްރެޕަރޓް އާއި އެފްރިކާއިން ރުވާންޑާގެ ސަލީމާ މުކަންސަންގާ އާއި އޭޝިއާއިން ޖަޕާނުގެ ޔޮޝީމީ ޔަމަޝީޓާއެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ ސްޓެފާނީ ފްރެޕަރޓް އެވެ. އޭނާއަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީއެވެ. ގަތަރު ވޯލްޑްކަޕަށް އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ނަގާފައިވަނީ މުޅިންވެސް އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާ ޒޯނުންނެވެ. އެއީ އެމެރިކާގެ ކެތުރީން ނެސްބިޓާއި މެކްސިކޯގެ ކަރެން ޑިއާޒާއި ބްރެޒިލްގެ ނިއުޒާ ބެކެވެ. ފީފާގެ ފަސް ކޮންފެޑެރޭޝަނުގެ ތެރެއިން އަންހެން އޮފިޝަލުންނަށް މިފަހަރު އެއްވެސް ޖާގައެއް ނުލިބުނު ހަމައެކަނި ކޮންފެޑެރޭޝަނަކީ އޯޝޭނިއާއެވެ.

ވޯލްޑްކަޕަށް މިފަހަރު މުޅިން އަލަށް އަންހެން ރެފްރީން ނެރޭއިރު އެންމެފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕުގައިވެސް މުޅިން އައުކަމެއް ފީފާއިން ތައާރަފުކުރިއެވެ. އެއީ ވީއޭއާރް، ނުވަތަ ވީޑިއޯ އެސިސްޓަންޓް ރެފްރީންނެވެ. އެފަހަރު ވީއޭއާރްގެ މައްސަލަތައް ބޮޑުވެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވިޔަސް ވީއޭއާރް ދޫކޮށްލާކަށް ފީފާއިން އަދި ގަސްތެއް ނުކުރެއެވެ. ފީފާއިން ގަބޫލުކުރާ ގޮތުގައި ވީއޭއާރުގެ ސަބަބުން ފުޓްބޯޅަޔަށް ލިބުނީ މުޅިންވެސް ފައިދާއެވެ. ގެއްލުމެއް ނުލިބެއެވެ. ކުރިން ލިބުނު ތަޖުރިބާގެ އަލީގައި ބައެއް ކަންކަން މިފަހަރު ހަރުދަނާކޮށްލީމާ ނިމުނީއެވެ. އެގޮތުން ގަތަރު ވޯލްޑްކަޕަށް ވީޑިއޯ އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ސައުވީސް މީހުންގެ މައްޗަށް އެކުލެވޭ ބޮޑު ޓީމެއް ފީފާއިން ވަނީ އެކުލަވާލައިފައެވެ.

ފީފާގެ ރެފްރީންނާ ބެހޭ ކޮމިޓީގެ ޗެއަރމަން އިޓަލީގެ ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖި ކޮލީނާ ބުނާގޮތުގައި އަންހެން ރެފްރީންގެ ކޮލިޓީ އެންމެ މަތީ ހަރުފަތަށް ވާސިލްވެއްޖެއެވެ. ވޯލްޑްކަޕުގައި އަންހެނުން ރެފްރީކަން ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. ފީފާއިން މިފަހަރުގެ ވޯލްޑްކަޕަށް ހުރިހާ ގިންތިއަކާއި މިންތިޔަކުން ސެލެކްޓްކުރި ރެފްރީންނާއި އެސިސްޓަންޓް ރެފްރީންނާއި ވީޑިއޯ އެސިސްޓަންޓް ރެފްރީންގެ ޖުމްލަ އަދަދަކީ 129 އެވެ. އެއީ 36 ރެފްރީންނާއި 69 އެސިސްޓަންޓް ރެފްރީންނާއި 24 ވީއޭއާރް އޮފިޝަލުންނެވެ. ރެފްރީންގެ ލިސްޓުގައި ހިމެނުނު ތިން އަންހެނުންގެ ތެރެއިން އެންމެ ފުރަތަމަ ކަށިގަނޑު ހިފައިގެން ދަނޑަށް ނުކުންނާނީ ކާކުކަމެއް އަދި ނޭނގެއެވެ. ކޮންމެ މީހަކު ނުކުތަސް އެމީހަކަށް ވޯލްޑްކަޕުގެ ތާރީޚުގައި ރެފްރީކަންކުރި ފުރަތަމަ އަންހެނާކަމުގެ ޝަރަފު ލިބޭނެއެވެ.

މި ތިން އަންހެނުންގެ ތެރެއިން ކޮންމެ މީހަކު އިސްވިޔަސް އެ މަގާމު އެމީހަކަަށް ހައްގެވެ. ސްޓެފާނީ ފްރެޕަރޓަކީ ޗެމްޕިއަންސް ލީގާއި ވޯލްޑްކަޕް ކޮލިފައިންގައި ރެފްރީކަންކޮށް ތާރީޚުން ޖާގަހޯދައި ރިކޯޑް ގާއިމްކޮށްފައިވާ މީހެކެވެ. އަދި 2019 ގެ އަންހެނުންގެ ވޯލްޑްކަޕުގެ ފައިނަލް މެޗުގައިވެސް ރެފްރީއަކީ އޭނާއެވެ. ސަލީމާ މުކަންސަންގާއަކީ ހަމަ މިބީދައިން އެފްރިކާގައި ރިކޯޑުތަކެއް ގާއިމްކޮށްފައިވާ އަންހެނެކެވެ. އޭނާވަނީ އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި މިއަހަރުގެ ކުރީކޮޅު ރެފްރީކަން ކޮށްފައެވެ. ޔަމަޝީޓާވެސް ވަނީ މިއަހަރުގެ ކުރީކޮޅު އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އެހެންވީމާ މި ތިން އަންހެނުންނަކީވެސް ފިރިހެނުންގެ ފުޓްބޯޅަ މެޗުތަކުގައި އިންސާފުކުރުމަށް އެންމެ މަތީ ދަރަޖައިގައި ތަޖުރިބާތަކެއް ހޯދާފައިވާ ބައެކެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ސައުވީސް އޮފިޝަލުންގެ ޕޫލެއް އެކުލަވާލާފައިވާއިރު އިނގިރޭސި އޮފިޝަލަކު އޭގެތެރޭގައި ނުހިމެނެއެވެ. ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުގެ ތެރެއިން ވޯލްޑްކަޕުގެ ވީޑިއޯ ބައިގަައި އޮފިޝަލަކު ނުހިމެނޭ ހަމައެކަނި ބާރަކީ އިންގްލެންޑެވެ. އެކަމަކު މުބާރާތުގެ 36 ރެފްރީންގެ ތެރޭގައި އިނގިރޭސި ދެ ރެފްރީއަކު ހިމެނެއެވެ. އެއީ އިނގިރޭސި ޕްރިމިއަރ ލީގުން އާއްމުކޮށް ފެންނަ ދެ މޫނުކަމަށްވާ މައިކަލް އޮލިވަރ އާއި އެންތަނީ ޓޭލަރ އެވެ. އެސިސްޓަންޓް ރެފްރީންގެ 69 މީހުންގެ ތެރޭގައިވެސް ހަތަރު އިނގިރޭސިއަކު ހިމެނެއެވެ. ރެފްރީންގެ ތެރޭގައި އެކަކަށްވުރެ ގިނަ މީހުން ހިމެނޭ ހަމައެކަނި ގައުމަކީވެސް އިންގްލެންޑެވެ. ވީއޭއާރް ބައިގައި އިނގިރޭސިއަކު ނުހިމެނުމުގެ ސިއްރަކީ މިއީ ކަމަށް ވެދާނެއެވެ.