ކައުންސިލުތަކަށް އިދާރީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރުމަށް 60 ރަށުގައި އާ ކައުންސިލް އިދާރާ އަޅަންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ކަމާ ގުޅުންހުރި ދާއިރާތައް ހާޒިރުކޮށްގެން ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ހުރި މައްސަލަތަކާ ބެހޭގޮތުން، މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުުމުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ، އަފްޝަން ލަތީފް ވިދާޅުވީ އެލްޖީއޭއިން ރަށްރަށަށް ކުރާ ދަތުރުތަކުގައި، ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކޮށް މަޝްވަރާ ކުރާ ކަމަށެވެ.
އެ މަޝްވަރާތަކުގައި ކައުންސިލުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަނީ، މުވައްޒަފުން މަދުވުމާއި އިދާރީ ދަތިކަން ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ޝަކުވާއަކަށް ވެފައި އޮންނަނީ ކައުންސިލުތަކުން އެއްބާރުލުން ނުދިނުމާއި، އެ ކޮމިޓީތަކަށް ކައުންސިލުން ހަމަޖައްސައިދޭން ޖެހޭ އިދާރީ ކަންކަން ހަމަޖައްސައި ނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމާއި، ކައުންސިލުތަކަށް ދިމާވެފައިވާ އިދާރީ ކަންކަން ހައްލުކުރުމަށް 60 ރަށެއްގައި އާ ކައުންސިލު އިދާރާ އަޅަންޖެހޭ ކަމަށެވެ. އެކަމަށް ފަންޑު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކައުންސިލުތަކުން ބޭނުންވާ ފެންވަރުގައި ހިދުމަތްދިނުމަށް މިހާރުން މިހާރަށް 25 ރަށުގައި ކައުންސިލު އިދާރާ އަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ އިމާރާތާއި އިދާރީ މުވައްޒަފުން ހަމަޖައްސަން ޖެހޭނީ ކައުންސިލުތަކުން ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ދަތިކަން އޮތް ކަމަށްބުނެ، ވަކި މުވައްޒަފެއް އެ ކޮމިޓީތަކަށް ހަމަޖެއްސުމުގެ ބަދަލުގައި، ކައުންސިލުތަކުގެ އިދާރީ މުވައްޒަފުން ލައްވައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ކަންކަން ހިންގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު