ޚަބަރު

ރިސޯޓު ކުލި ކުޑަކުރުމުުގެ ބިލުން ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ މަދުވާނެ: މީރާ

ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އިގުތިސާދީ ކޮމިޓީން މިހާރު ދިރާސާކުރަމުންދާ ބިލުގައިވާގޮތަށް ކުލި ކުޑަ ކޮށްފިނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

އެ ބިލަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު ވިދާޅުވީ، ޖުމުލަކޮށް މުޅި ގާނޫނަށް ބަލާއިރު އެ ބޭފުޅުން ފާހަގަކުރަންޖެހޭ މާބޮޑު ކަންތައްތަކެއް ނެތް ކަމަށެވެ.

ނަމަވެސް މިހާރު ލިބިފައި ހުރި މައުލުމާތަށް ބަލާއިރު ގާތްގަނޑަކަށް 590 މިލިއަން ރުފިޔާގެ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި އާއްމުކޮށް 1.6 ބިލިއަން ރުފިޔާ ލިބޭ ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމު ފާހަގަކުރައްވާފައިވާ ގޮތަށް ބަލާއިރު އެބިލު ގާނޫނަކަށް ވެއްޖެނަމަ، އިތުރު އިންވެސްޓްމެންޓުތައް ރާއްޖެ އައިސް ދައުުލަތަށް އިތުރު އާމްދަނީ ލިބޭނެ ކަމަށް އަސްމާ ވިދާޅުވިއެވެ.

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ފެށުމާ ގުޅިގެން މާލީ ގޮތުން ރިސޯޓުތަކަށް ކުރާ އަސަރު ކުޑަކޮށްދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައި، ތ، ލ، ގއ، ގދ. އަތޮޅުގެ 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް ފަސް ޑޮލަރާއި 750،000 ޑޮލަރާ ހަމައަށް ކުޑަކުރަން ވަނީ ހިމަނައިފައެވެ. މިހާރު މި ކެޓަގަރީގައި ހިމެނެނީ ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދުގެ އަދަދެކެވެ.

އޭގެ އިތުރުން ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، އަތޮޅުގެ 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް ހަ ޑޮލަރާއި 750،000 ޑޮލަރާ ހަމައަށް ކުޑަކުރަން ވަނީ ހިމަނައިފައެވެ. މިހާރު މި ކެޓަގަރީއަށް ކަނޑައަޅާފައިވަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. އަދި 400،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަހަރަކަށް ކަނޑައަޅާފައި އޮތް 1.5 މިލިއަން ޑޮލަރު، 1.1 މިލިއަން ޑޮލަރަށް ކުޑަ ކުރުމަށާއި، 400،000 އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ކަނޑައަޅާފައިވާ އިރު، އެ އަދަދު 1.5 މިލިއަން ޑޮލަރަށް ކުޑަކުރަންވެސް ބިލުގައި ހިމަނާފައިވެއެެވެ.