ޚަބަރު

މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭގޮތް ހަދަނީ

މިއަހަރުގެ މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ކޫއްޑޫއަށް ދުވާލަކު 800 ޓަނުގެ މަސް ކިރޭ ގޮތަށް ތަރައްގީ ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މަސްވަރިކަމުގެ ރަނގަޅު މޫސުން ފެށޭނީ އޯގަސްޓް މަހުގައި ކަމަށެވެ. އަދި ޖެނުއަރީ މަހާ ހަމައަށް ދާއިރު، އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ވަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މޫސުމުގައި މަސްވެރިކަން އާދަޔާ ހިލާފަށް ތިޔާގިވާ ދުވަސްވަރު އައުމުގެ ކުރިން ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. މަސްވެރިކަން ރަނގަޅު ވާނީ، އައްޑޫ ހުވަދޫ ހިމެނޭ ދެކުނުގެ ސަރަހައްދަށް ކަމަށްވުމުން ކޫއްޑޫއަށް މަސްކިރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ރަނގަޅުވާ ދުވަސްކޮޅު ކޫއްޑޫއަށް އެކަނިވެސް ދުވާލަކު 800-1،000 ޓަނުގެ މަސް ކިރުވާނެ ކަމަށެވެ. ނަމަވެސް ކޫއްޑޫގައި މިހާރު ހުރި ކެޕޭސިޓީ އާއި ކަލަމިންޖާ ބޯޓުގެ ކެޕޭސިޓީއާއެކު ދުވާލަކަށް ގަނެވޭނީ 400 ޓަނުގެ މަސް ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ މޫސުން އައުމުގެ ކުރިން ކޫއްޑޫގެ ގާބިލުކަން އިތުރު ކުރެވޭނެ ގޮތަކީ މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުން ކަމަށެވެ. އަދި މަދުވެގެން ތިން ބޯޓު ބޭނުންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން މަޝްވަރާކުރަން ރައީސް އޮފީހުގައި މިއަދު ވެސް ބައްދަލުވުމެއް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފައިސާ ހަމަޖެހިއްޖެ ނަމަ ތިން މަސް ތެރޭގައި އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.