އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 16

އަބްދުﷲ ފާރޫގް ހަސަން

(15 މެއިގެ އަދަދާ ގުޅޭ)

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘުފުޅުގައިވެސް ސަރުކާރުގެ މަގާމުތަކާ ބެހޭގޮތުން ވަނީ "އަމާނަތް" މިލަފުޒު ބޭނުންފުޅު ކުރައްވައިފައެވެ. އިތުރު ސާހިބާ صـلّــى اللّــه

عـلـيــه وسـلّـــم، أبــو ذرّ الـغـفــارى رضـى اللّــه عــنـــه އާ މުޚާޠަބުކުރައްވައި އެއްފަހަރަކު ޙަދީޘު ކުރައްވައިފައިވެއެވެ.

"އޭ أبــو ذرّ އެވެ. ކަލޭގެފާނަކީ ބަލިކަށި ބޭކަލަކީމުއެވެ. (ސަރުކާރުގެ މަޤާމުތަކަކީ) އަމާނަތްތަކެކެވެ. ޤިޔާމަތްދުވަހުން އެކަންވާނީ ނިކަމެތިވުމާއި ހިތާމަކުރާންޖެހުމުގެ ސަބަބެއް ކަމުގައެވެ."

އެހެންކަމުން އިސްވެދިޔަ އާޔަތުންވެސް އަދި މިބަޔާންކުރި ޙަދީޘުންވެސް ސާބިތުވަނީ، ވެރިކަމުގެ އަމާނަތް ޙަވާލުކުރާންވާނީ އެކަމުގެ އަހްލުވެރީންނާ ކަމެވެ. އެކަމުގެ ޤާބިލިއްޔަތާއި "ގަޓުހުރި" މީހުންކަމެވެ. މި އަމާނަތް ޙަވާލުކުރެވޭމީހާ ވާނީ މުސްލިމުންގެ ޙާކިމު ކަމުގައެވެ. މުސްލިމުންގެ ޙާކިމަކަށްވާނީ އިންތިޚާބުގެ ޒަރީޢާއިން އެކަން ޙަވާލުކުރެވޭ މީހެކެވެ. އޭނާގެވެސް އޭނާ ޢައްޔަންކުރައްވާ ފުރަދާނައިންގެވެސް އެންމެ ބޮޑު ވާޖިބަކަށްވާނީ ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމުކުރެއްވުމެވެ. ___ ކުރުކޮށް ދަންނަވާނަމަ އިންތިޚާބުގެ ޒަރީޢާއިން ޙާކިމަކު ހޮވުމާއި ޢަދުލުއިންޞާފުން ވެރިކަން ކުރުމެވެ. ___ ޤުރްއާނުގައި ކަނޑައެޅިފައިވާ ވެރިކަންކުރުމުގެ އުސޫލަކީ މިއީއެވެ. ޖުމްހޫރިއްޔަތުގެ އުސޫލަކީވެސް މިއީއެވެ. އިންތިޚާބުކުރާ މީހުން ހޮވާންވާނީ ޚާއްޞަ ނަސްލެއްގެ ޚާއްޞަ ދަރިކޮޅަކުން ނޫނެވެ. ރަނގަޅު ޤާބިލު މީހަކު އިންތިޚާބު ކުރާނީއެވެ. ކޮންމެ ނަސަބެއްގެ ކޮންމެ ރަށެއްގެ މީހަކުކަމުގައިވިޔަސް ފަރުވާލެއްނެތެވެ.

ބަޔާންކުރި އާޔަތުން ޝަރަޙަކުރެވޭ އަނެއްކަމަކީ އަމާނަތް ޙަވާލުކުރެވޭ މީހާއަކީ ފުރިހަމަ މުސްލިމަކަށް ވާންޖެހޭނެކަމެވެ. އެމީހެއްގެ އިސްލާމްކަމާމެދު ތުހުމަތުގެ އިނގިލި ދިއްކުރެވޭ ނުވަތަ ޝައްކުގެ ނަޒަރުން ބެލެވޭ މީހަކު ކަމުގައި ވެގެންނުވާނެކަމެވެ. މުސްލިމުންގެ ނިޔާބަތާއި މަންދޫބުންގެ މަޤާމު އަދާކުރާންވާނީ މުސްލިމުންގެ ގޮށްޖެއްސެވުމާއި މޮއްސެވުމުގެ އަހްލުވެރީންނެވެ. ވެރިކަމަށް ހޮވޭ ފަރާތެއްގެ ލާޒިމީ ސިފައެއްކަމުގައިވާނީ ކަމުގެ އަހްލިއްޔަތެވެ. ކަމަށް އެކަށީގެންވުމެވެ. ކަމުގެ ލިޔާޤަތާއި ޤާބިލިއްޔަތު ހުރުމެވެ. ކަމަށް އެކަށޭނަކަމުގެ އެންމެ ޚާއްޞަ ފާހަގައަކީ ޢަދުލުއިންޞާފުގެ ސިފަ ލިބިފައިވުމެވެ. "اَنْ تَـحْكُـمُــــوْا بِــالْــعَــدْلِ" މިބަސްފުޅުން އިސްތިންބާޠުކުރެވޭ އަނެއްކަމަކީ އަމީރުކަމަށް ނުވަތަ ޚަލީފާކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކީ އިސްލާމީ ޤާނޫނުގެ ތަރަޙަތައް ދެނެވަޑައިގަންނަވާ ބޭފުޅަކު ކަމުގައިވުމެވެ. އިންސާފުވެރި ނިޔާތައް ކަނޑައެޅުއްވުމުގެ އެކަށޭނަކަށް ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ކަމުގައި ވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާކަމެވެ.

الخــلافــة الــرّاشــدة ގެ ދައުރުގައި ޢަދުލުއިންޞާފުގެ ނަމޫނާ

الخــلافــة الــرّاشــدة ގެ ދުވަސްވަރު އަމީރުން ނުވަތަ ޚަލީފާއިން އިންތިޚާބުކުރެއްވީ ކުރީއްސުރެ ދަންނަވަމުން އަންނަފަދައިން އުންމަތުގެ ޝޫރާއިންނެވެ. އެބަރަކާތްތެރި ރަންދައުރުގައި ޚަލީފާއިންވަނީ "اَنْ تَـحْكُـمُــــوْا بِــالْــعَــدْلِ" އަށް ޢަމަލުކުރައްވައި ނަމޫނާ ދައްކަވައިފައެވެ. އެއީ ރަންފެންކޮށްގެން ރިހިފަތުގައި ލިޔަންވެސް އެކަށީގެންވާ ވާހަކަތަކެކެވެ.

عــمــر بـــن الخطّـاب رضـى اللّــه عــنـــه ގެ ޚިލާފަތުގައި މިސުރުގެ ގަވަރުނަރަކީ عــمــرو بـــن الـعـــاص رضـى اللّــه عــنـــه އެވެ. عــمــرو އަކީ ފަލަސްޠީނާއި މިސުރާއި ލީބިޔާގެ ފާތިޙެވެ. އެކަލޭގެފާނުގެ ދަރިކަލުން މިސުރުގެ ޢާންމު މުސްލިމެއްގެ ގައިގައި ހަންމުށީން ތަޅުއްވައި ކޯފާވެ އެއްޗެހި ވިދާޅުވިއެވެ. عــمــرو ގެ ދަރިކަލުން މިސުރު މީހާގެ ގައިގައި ތަޅުއްވަމުން ވިދާޅުވިއެވެ. "އަހަންނަކީ ދެމާތްމީހުންގެ ދަރިކަލުންނެވެ. މިއެތިފަހަރު ލިބިގަންނާށެވެ." އެމީހާ ޚިލާފަތުގެ ދަރުބާރަށް އައިސް އެކަމުގެ ޝަކުވާ ހުށަހެޅިއެވެ. عــمــر ގެފާނު عــمــرو އާއި އެކަލޭގެފާނުގެ ދަރިކަލުން ހާޒިރުކުރެއްވިއެވެ. ދުވަސްވަރަކީ ޙައްޖުގެ ދުވަސްވަރެވެ. عــمــرو ގެ ދަރިކަލުން ބައްޕާފުޅުގެ ފުރަގަހަށް ވެދެވަޑައިގެން ހުންނެވިއެވެ. عــمــر ގެފާނު އެމައްސަލަ ބެއްލެވުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ހަންމުށިކޮޅު މިސުރު މީހާގެ އަތަށް ދެއްވައިފައި ވިދާޅުވިއެވެ. "ކަލޭގެ ގައިގައިތެޅުއްވި ދެމާތްމީހުންގެ ދަރިކަލުންގެ ކިބައިން ބަދަލުހިފާށެވެ." އެމީހާ ޚަލީފާގެ އަމުރުފުޅަށް ބަދަލު ހިފިއެވެ. عـمــر رضـى اللّــه عــنـــه އެކަލޭގެފާނުގެ މަޝްހޫރު އަންނަނިވި ތާރީޚީ ޖުމުލަ ވިދާޅުވީ އެމުނާސަބާގައެވެ.

(مَــتَــى اِسْـتَـــعْـبَـدْتُــــمُ الــنَّــاسَ وَقَــدْ وَلَــدَتُــهُـــــمْ أُمَّــهَـــاتُــهُـــــمْ أَحْــــرَارًا)

"ތިޔަބައިމީހުން މީސްތަކުން އަޅުވެތިކުރީ ކޮންއިރަކުއްސުރެހެއްޔެވެ؟ ބަލަގަ އެބައިމީހުންގެ މައިން އެބައިމީހުން ވިހެއީ މިނިވަނުންގެ ގޮތުގައެވެ."

ޢަދުލުއިންޞާފު ޤާއިމުކުރެއްވުމުގެ އެންމެއުސް ކުންނަކީ أميـــرالمـؤمـنــيـن عـمــر بـــن الخطّــاب رضـى اللّــه عــنـــه އެކަލޭގެފާނުގެ ދަރިކަލުން عبـدالــرّحمــن (ބައެއް ރިވާޔަތްތަކުގައިވާގޮތަށް أبــو شحـمــة) ރާފޮދުހިއްޕެވުމުން ދަރިކަލުންގެ ގައިކޮޅުގައި ޙައްދުޖެއްސެވިކަމެވެ. އޭރު عبـدالــرّحمــن (ނުވަތަ أبــو شحـمــة) ހުންނެވީ މިސުރުގައެވެ. އެހާދިސާ ހިނގީ ޔަހޫދީއެއްގެ ފިތުނަވެރި ރޭވުމެއްގެ ސަބަބުންނެވެ.

އިސްލާމީ ނިޒާމުގައި އަޅުވެތިކުރުން ނިމުމަކަށް ގެންނެވުން

އަޅުވެތިކުރުމާ ދެކޮޅަށް ރޫސޯ (1712މ.) ވިދާޅުވެފައިވާ ބަސްފުޅެއް ދުނިޔޭގައިވަނީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އިންސާނާ ވިހެއީ މިނިވަނެއްގެ ގޮތުގައެވެ. އެކަމަކު ކޮންމެތަނަކުންވެސް ފެންނަނީ އޭނާ ހިލިހިލާއިން ކަސްތަޅު އަޅައިފައިވާތީއެވެ." މިއީ عـمــر ގެފާނުގެ ބަސްފުޅު ކޮޕީކުރެއްވުމެކޭ ދަންނަވާކަށެއް ނެތީމެވެ. އޭނާ އެހެން ވިދާޅުވުމުގެ އެއްހާސް އަހަރު ކުރީން أميـــرالمـؤمـنــيـن عـمــر بـــن الخطّــاب رضـى اللّــه عــنـــه ވަނީ ވިދާޅުވެފައެވެ. "ތިޔަބައިމީހުން މީސްތަކުން އަޅުވެތިކުރީ ކޮންއިރަކުއްސުރެހެއްޔެވެ؟ ބަލަގަ އެބައިމީހުންގެ މައިން އެބައިމީހުން ވިހެއީ މިނިވަނުންގެ ގޮތުގައެވެ."

عـمــر ގެފާނުގެ މިބަސްފުޅުން އެނގެނީ އިންސާނުން އަޅުވެތިކުރުމަކީ އިސްލާމްދީން އޭގެ އިންތިހާޔަށް ނުރުހޭ ކަމެއްކަމެވެ. އިސްލާމްދީންވަނީ އަޅުވެތިކަން ނިމުމަކަށް ގެނައުމަށްޓަކައި އެޒަމާނުގައި ކުރެވޭންއޮތް ހުރިހައި ތަދުބީރުތަކެއް އިޚުތިޔާރުކޮށްފައެވެ. ޤަދީމީ ޒަމާނުއްސުރެ މީހުން އަޅުތެވިކުރެވެމުންއައީ ތިންގޮތަކުންނެވެ. އެއީ:

1. ހަނގުރާމައިގެ އަސީރުން.
2. މިނިވަނުން ގަދަކަމުން ހިފައި ހައްޔަރުކޮށް އަޅުވެތިކުރުން.
3. އަޅުންގެ ނަސްލުން އުފަންވަމުން އަންނަ މީހުން.

އިސްލާމްދީން އައިއިރު ޢަރަބިކަރައާއި ޢަރަބިކަރައިން ބޭރުގައި ސުމާރެއްނެތްހައި ގިނައިން އަޅުން ތިއްބެވެ. އިސްލާމްދީން އައުމަށްފަހު އެދީންވަނީ "فَـكُّ رَقَـــبَـــة" ގެ މުހިންމަތު ފަށައިފައެވެ. އާދެ، އަޅުން މިނިވަންކުރުމުގެ އަޚްލާޤީ ތަޙްރީކު ފަށައިގެންފައެވެ. ޚުދު އިސްލާމްދީނުގެ ނަބިއްޔާ صـلّــى اللّــه عـلـيــه وسـلّـــم އަމިއްލަފުޅަށް ފަސްދޮޅަސްތިން އަޅުން މިނިވަންކުރެއްވިއެވެ. މުއްސަނދިފުޅު ޞަޙާބީންކުރެ ބައެއް ބޭކަލުން އަށްހާސް އަޅުން މިނިވަންކުރެއްވިއެވެ. ބައެއް ބޭކަލުން ތިރީސްހާސް އަޅުން މިނިވަންކުރެއްވިއެވެ. ވަރަށްގިނަ ކުށްކުށުގެ ކައްފާރާއެއްގެ ގޮތުންވެސް އިސްލާމްދީނުގައިވަނީ އަޅަކު މިނިވަންކުރުން ކަނޑައަޅުއްވައިފައެވެ.

ޔޫރަޕުގެ މީހުން އެފުރިކާއިން ގަދަބަދަވިކަމުން މީހުން ހިފައި ހައްޔަރުކޮށް އަޅުވެތިކުރީ އިހަށްދުވަހުއެވެ. އެކަން ހަނދާންނެތޭހައި ދުވަހެއް ނުވެއެވެ. އެކަމަކު އިސްލާމްދީންވަނީ މިނިވަނުން ގަދަކަމުން ހިފައި ހައްޔަރުކޮށް އަޅުވެތިކުރުން ވަރަށް ވަރުގަދަޔަށް މަނާކޮށްފައެވެ. ހަނގުރާމައިގައި ހައްޔަރުވާ މީހުން އަޅުވެތިކުރުމަކީ އެދުވަސްވަރު މުޅިދުނިޔޭގައިވެސް ޢާންމުވެފައި އޮތްކަމެކެވެ. އެހެންކަމުން ހުސްއެކަނި މުސްލިމުން އެކަން ހުއްޓައިލުމަކުން އެމައްސަލަ ޙައްލުވާކަށެއް ނެތެވެ. ހަނގުރާމައިގައި ހައްޔަރުވާ މުސްލިމުން ސަލާމަތްކުރުމަށްޓަކައި ބަދަލުކުރާނެ އަސީރުން ބޭނުންވެއެވެ. ފިދުޔަ އަތުލައިފައި މިނިވަންކުރާންވެސް ހަނގުރާމައިގައި މީހުން ވަގުތީގޮތުން ހިފަހައްޓާންޖެހެއެވެ. ތަހްޒީބުގެ ބޮންތި އަތުލައިގަނެވިފައިވާ ކަމުގައި ދަޢުވާކުރާ މިޒަމާނުގައި ޔޫކުރެއިނާއި ރަޝިޔާއާ ދެމެދުވެސް އެގެންދަނީ ހަނގުރާމައިގެ އަސީރުން ބަދަލުކުރަމުންނެވެ. އެހެންކަމުން އަސީރުން ހައްޔަރުގައި ބައިތިއްބުމަކީ އެޒަމާނުގައި ކުރިމަތިވެފައިއޮތް އިންތިހާދަރަޖައިގެ މަޖްބޫރީ ޙާލަތެކެވެ. މުސްލިމުންނަށްވެސް ވަގުތުން އެކަން ހުއްޓައެއް ނުލެވުނެވެ. އެކަމަކުވެސް މުސްލިމުން ގެންދިޔައީ އެކަމަށް ނިހާޔަތަށް ބާރުއަޅަމުންނެވެ. ހިތްވަރު ދެމުންނެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޒަމާނުގައި ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވި އަސީރުންގެ 6564 މީހުންގެ ތެރެއިން 6347 މީހުން މިނިވަންކުރައްވައި ދޫކޮށްލެއްވިކަން ތާރީޚުން ފުރިހަމަޔަށް ސާބިތުވެއެވެ. ބާކީތިބި 217 މީހުންގެ މައްސަލަވަނީ ހޯދައިބެލުމުގެ މަރްޙަލާގައެވެ. (ބަދުރުގެ މައިދާނުން ހަނގުރާމައާއި ޝަހީދުން، ޞ: 58) މުސްލިމުން ގެންދިޔައީ އަޅުވެތިކުރުމުގެ އާދަ ކުޑަކުރައްވަމުންނެވެ. މުޅިދުނިޔޭގައިވެސް އެކަން ހުއްޓުމަކަށް އައީ މުސްލިމުން ހިންގައިލި ހަރަކާތުގެ އެންމެފަހުގެ ނަތީޖާއެއްގެ ގޮތުންނެވެ.

(ނުނިމޭ)