ޚަބަރު

އެމްއެމްސީގެ ރައީސް ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް، ހަތަރު ވޯޓާއެކު ނިމުނީ އިތުބާރު އޮތްކަމަށް

މުހައްމަދު އިޝާން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްސީސީ)ގެ ރައީސް ޝަހުބާން ފަހުމީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދައި، އެ ކައުންސިލުގެ މެންބަރުންގެ މެދުގައި އެކަމަށް ވޯޓެއް ނަގައިފިއެވެ.

ޝަހުބާންގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ކުރިއަށްގެންދިޔައީ މިރޭ 9:30 ގައި ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެ ވޯޓު ކުރިއަށްގެންދިޔައީ ސިއްރު ވޯޓެއްގެ ގޮތުގައެވެ.

ޝަހުބާން ވަކިކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ މެމްބަރު މުހައްމަދު ޝާފިއުއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެމްބަރު މުހައްމަދު ޝަފާއު ހަސަނެވެ.

އެމްއެމްސީގެ ގާނޫނު ބުނާގޮތުން ރައީސްގެ މަގާމުގައި ހުރި ކަމުގައިވިޔަސް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މެމްބަރުކަމުގެ މަގާމުން ވަކިކުރުމަށެވެ. އަދި މެމްބަރުކަމުން ވަކިކުރެވޭނީ ކައުންސިލު މެމްބަރުންގެ ތިން ބައިކުޅަ ދެބައި ވޯޓު ލިބިގެންނެވެ. އެއީ 15 މެމްބަރުންގެ ތެރެއިން ދިހަ މެމްބަރުންގެ ވޯޓެވެ.

އެ ބައްދަލުވުމުގައި މެމްބަރުން ބަހުސްކުރުމަށްފަހު ނެގި ސިއްރު ވޯޓުގައި ޝަހުބާން މެމްބަރުކަމުން ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ. ޝަހުބާން ވަކިކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ އަށް މެމްބަރެކެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ ހަތަރު މެމްބަރެކެވެ. ދެ މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޝަހުބާން ވަކި ނުކުރެވި އިތުބާރު އޮތްކަމަށް ނިމުނީ ދެ މެމްބަރުންގެ ވޯޓު މަދުވެގެންނެވެ.

ޝަހުބާންގެ އިތުބާރު އޮތްކަމަށް މީޑިއާ ކައުންސިލުން ނިންމި އިރު، އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުކުރެވޭތީ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޝަހުބާންގެ މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރަައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިއަދެވެ.

އުޝާމް މިރޭ "ވަން" ވިދާޅުވީ، ޝަހުބާންގެ މައްސަލަ މިވިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއް ކަމަށް އޭނާ ނުވާތީ ކަމަށެވެ.

"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް، ގާނޫނުގައި ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް،" އުޝާމް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތަށް ސުވާލުކުރުމަށް ޝަހުބާން ވަނީ މިދިޔަ ބުދަ ދުވަހު ފުލުހަށް ހާޒިރުކޮށްފައެވެ.

ފުލުހުން ޝަހުބާނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ޝަހުބާނާއި އޭނާގެ ބޭބެ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.

ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ސްކީމަކީ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.