ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ އެރަށެއްގެ ކައުންސިލުން ބޭނުންވާގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. މާބައިދޫ ކައުންސިލާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކައުންސިލުން ވަނީ، އެރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ގާއިމުކުރުމުގައި ދިމާވެފައިވާ މައްސަލައިގެ އިތުރުން ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަން ޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތައް ހިމެނެއެވެ.

ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދާ ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ކައުންސިލުން ވަނީ ރައީސްއާ މަޝްވަރާކުރައްވައިފައެވެ. އަދި ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު އެރަށުގައި ފުލުހުން ގާއިމުވެތިބުމުގެ މުހިންމުކަމާއި ކައުންސިލު އިމާރާތް ގިނަ ދުވަސްވެ ބާވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މައުލޫމާތު ރައީސްއާ ވަނީ ހިއްސާކުރައްވައިފައެވެ.

ކައުންސިލުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، ކައުންސިލުތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫއުތަކާއި ސަރުކާރުން ހިންގާ މަސައްކަތްތައް ބައްޓަންކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި މާބައިދޫ ކައުންސިލުން ފާހަގަކުރި ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަސީލަތުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާބައިދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާނެ މަޝްރޫއެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކައުންސިލުގެ ފަރާތުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ގާތުން ބައްލަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.