ޚަބަރު

އެމްޓީޑީގެ ނައިބު ރައީސަކަށް މުއާޒް

މުހައްމަދު އިޝާން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނައިބު ރައީސް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ހަމަޖައްސައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އުފެއްދެވި އެމްޓީޑީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެޕާޓީގެ ކައުންސިލުން ނައިބު ރައީސްގެ މަގާމަށް މުއާޒް ހަމަޖެއްސުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން މުއާޒް ވިދާޅުވީ، "އެކްސްޕަޔާޑް ޕޮލިޓީޝަން" އިންގެ ނުފޫޒުތަކުން ސަލާމަތްވެ ސިޔާސީ ގޮތުން ކުރިއަށް ދިއުމުގެ ފުރުސަތު އޮތީ އެމްޓީޑީގައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމްގައި ކުރިން އުޅުއްވި މުއާޒަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު، ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި އެމަނިކުފާނުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަދެއްކެވި ބޭފުޅެކެވެ. ނަމަވެސް ވެރިކަން ބަދަލުވެ، މާގިނަ ދުވަސްތަކެއް ނުވަނީސް މުއާޒް ވަނީ ޕީޕީއެމާއި އެޕާޓީގެ ލީޑާޝިޕް އަދި ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެމްޓީޑީގެ ނައިބު ރައީސްގެ މަގާމަށް މުއާޒް އައްޔަންކޮށްފައި މިވަނީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅޭގޮތުން ޓުވީޓު ކުރައްވާފައި ވަނިކޮށެވެ. އެގޮތުން މުއާޒް ވިދާޅުވެފައިވަނީ، ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި އަލިފާނުގެ ކަންޏެއް ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެ ދުވަހުގެ ހާދިސާ ހިނގުމުގެ ކުރިން އާދަޔާ ހިލާފު ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ.

ފިނިފެންމާ ލޯންޗުގެ މައްސަލައިގައި މުއާޒް ދައްކަވާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވަނީ އެކަމަށް ރައްދުވެސް ދެއްވައިފައެވެ. އެކަމާ ގުޅޭގޮތުން 2019 ވަނަ އަހަރު ރައީސް ޔާމީން ވަނީ އެއީ ކޮން މަންފާއެއް ލިބިގެން ދައްކަވާ ވާހަކައެއްތޯ މުއާޒާ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއެއްގައި ވެސް ރައީސް ޔާމީން ވަނީ އެކަމާ ވާހަކަފުޅުދައްކަވައިފައެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މުއާޒް އުޅުއްވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާއި އަދީބާ ގުޅުމެއް ނެތްކަމަށް ދައްކަވަން ކަމަށެވެ.