މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުކުރެވޭތީ އޭނާގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޝަހުބާން މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރަައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް އަހުމަދު އުޝާމެވެ. އޭނާ އެމައްސަލަ ހުށަހަޅާފައިވަނީ މިއަދެވެ.
އުޝާމް މިރޭ "ވަން" ވިދާޅުވީ، ޝަހުބާންގެ މައްސަލަ މިވިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއް ކަމަށް އޭނާ ނުވާތީ ކަމަށެވެ.
"މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް، ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް،" އުޝާމް ވިދާޅުވިއެވެ.
މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވާ ފަސް ގޮތެއް އޮވެ އެވެ. އެއީ:
- ދައުރު ހަމަވުމުން
- އިސްތިއުފާދިނުމުން
- ކައުންސިލުގެ މެމްބަރުކަމުން ވަކިކުރުން
- މަރުވުމުން
- މެމްބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުން
މަނީ ލޯންޑަރިންގެ ތުހުމަތަށް ސުވާލުކުރުމަށް ޝަހުބާން ވަނީ ބުދަ ދުވަހު ފުލުހަށް ހާޒިރުކޮށްފައެވެ.
ފުލުހުން ޝަހުބާންއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
ޝަހުބާން އާއި އޭނާގެ ބޭބެ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.
އެ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު