ރޭގަނޑުގެ ނިންޖަށް އުނދަގޫ ވުމަކީ މިހެން ބުނާ ބުނުމެއްހާ ފަސޭހަ ކަމެއް ނޫނެވެ. ނިދަން އުނދަގޫވުން ނޫނީ ނިދުމަށްފަހު އިރުއިރުކޮޅާ ހޭލެވުން، ފުރިހަމަ ނިންޖަކަށް ނުނިދުން، އަދި ނިދާފައި އޮތެއްކަމަކު ސިކުނޑި ބަރާބަރަށް ހޭލައި، ވަށައިގެންވާ ހުރިހާ ކަމަކަށް ސަމާލުވެފައި ހުރުން ކަހަލަ މައްސަލަތަކަކީ ނިދުމަށް އުނދަގޫވުމުގެ ތެރޭގައި ހިމެނޭ ކަންތަކެވެ. ނިދީގެ މިފަދަ މައްސަލަތަކަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންވެސް ގެއްލުން ލިބޭ ކަންތައްތަކެކެވެ. ރެއާއިދުވާލުގެ ތެރެއިން ބޭނުންވާ ވަރަށް ނިދި ނުލިބި، ނުވަތަ ނިދި މަދުވުމުގެ ސަބަބުން ކަންތަކަށް ސަމާލުކަންދޭން ދަތިވުމާއި މެދުނުކެނޑި ބޮލެއްގައި ރިއްސުންފަދަ ކަންތައް ދިމާވުން ގާތެވެ. ހަމައެހެންމެ، ރޭގަނޑު ނުނިދުމަކީ ބައްޔަކަށް ވުމުގެ ކުރިން އެކަމަށް އަމިއްލައަށް ހޯދޭނެ ހައްލުތައް ހުރިކަން ދެނެގަތުމަކީ ބުއްދިވެރި ގޮތެކެވެ.

ކޮންމެ މީހަކަށްވެސް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ނިދުމުގެ މައްސަލަ ދިމާވާކަމަށް ވެއެވެ. އާންމުގޮތެއްގައި އިންސާނުންގެތެރެއިން ގިނަ މީހުންގެ ނިދި ފުރިހަމަވަނީ ހަތްގަޑިއިރު ނިދުނީމައެވެ. ނުވަތަ އަށްގަޑިއިރު ނިދުނީމައެވެ. އެއްވެސް ހާލެއްގައި މިދައްކަނީ ދުވާލުގެ ގަޑިތަކުގެ ވާހަކައެއް ނޫނެވެ. މިއީ ރޭގަނޑުގެ ނިދީގެ ވާހަކައެވެ. ދެން ސުވާލު އުފެދިދާނެއެވެ. ރޭގަނޑު ނުވައެއް ނޫނީ ދިހައެއް ޖަހާއިރު ނިދައިފިއްޔާ، ފަތިހު ތިންގަޑިބައި ހަތަރެއް ޖަހާއިރު ތެދުވެގެން ހަމަޖެހިގެން ތާޒާކަން މަތީގައި އުޅެވެނީ ކީއްވެގެން ހެއްޔެވެ. ހަމަގައިމުވެސް އަށްގަޑިއިރު ހަމަވަންދެން ނުނިދާއިރު މިއީ ކިހިނެއް ވާނެކަމެއްބާވައޭ ސުވާލު އުފެދިދާނެއެވެ. ކަންބޮޑުނުވާށެވެ. ރޭގަނޑުގެ ބާރައިގެ ކުރީގެ އެއްގަޑިއިރަކީ، ބާރައިގެ ފަހުގެ ތިނެއް ނޫނީ ހަތަރުގަޑިއިރާ ދާދި އެއްވަރަކަށް މީހާއަށް ނިދީގެ އަރާމު ލިއްބައިދޭކަމެކެވެ. އިސްލާމްދީނުގައިވެސް، އަދި ބުއްދިވެރި އެހެން މީހުންގެ ބުނުންތަކުގައިވެސް އަދި އަޅުގަނޑުމެންގެ ކާބަފައިން، ރޭގަނޑު އިޝާ ނަމާދުން ފައިބައިގެން ވީއެންމެ އަވަހަށް ނިދަން އޮށޯތުމަށް ބާރުއަޅަނީ ސަބަބެއް ނެތިކަން ނޫންކަން ގަބޫލު ކުރަން ޖެހެނީ މިފަދަ ކަންތަކާހެދިއެވެ.

ނިދިމަދުވުން ނުވަތަ ބޭނުންވާ ވަރަށް ނިދިހަމަނުވުމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގެ ހަމަޖެހުން ގެއްލި އުނދަގޫވެފައި ހުންނަން ޖެހެއެެވެ. އިރުއިރުކޮޅުން ބޮލުގައި ރިއްސުމާއި، އިރެއްއިރަކަށް ބޮލުގައި ރިހުން ބޮޑުވަމުން ދިއުމާއި މަސައްކަތެއްގައި މަސްއޫލުވެގެން ގިނައިރު އިންނަން ޖެހޭ ގަޑިތަކުގައި ނިދިޖެހުން، ފަދަ ކިތަންމެ ދަތިކަމަކާ ކުރިމަތިލާން ޖެހެއެެވެ.

މިއީ ކަންހިނގާ ހަގީގަތަކަށް ވިޔަސް އިހަށް، މިގޮތަށް ނިދުމަށް އުނދަގޫވާ ސަބަބުތައް ބަލައިލަމާތޯއެވެ. ހަގީގަތުގައި ނިދުމަށް ދަތިވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ނިދުމުގެ އާދަކާދަ ހުންނަ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ނުވަތަ ބޭނުން ކުރަމުން އަންނަ ބޭހެއް ނޫނީ ކުރަމުން އަންނަ ބޭސްފަރުވާއަކުންވެސް ރޭގަނޑުގެ އަރާމު ނިންޖަށް ހުރަސްއެޅުން އެކަށީގެންވެއެވެ. ވަރަށް ގިނަ މީހުންނަށް ދިމާވާ ހާސްކަމާއި ޑިޕްރެޝަންގެ މައްސަލައަށް ކާ ބޭހެއްގެ ސަބަބުން ރޭގަނޑުގެ ނިންޖަށް އުނދަގޫކަމާ ކުރިމަތިލާން ޖެހެއެވެ. ދުވާލު ނިދުމުގެ އާދައަކީވެސް ރޭގަނޑުގެ ނިންޖަށް ދަތިވާކަމެކެވެ. އިންސޮމްނިއާ ފަދަ ނިދީގެ މައްސަލައަށް ފައިލްކުރެވިފައި ތިބޭ ބަލި މީހުން ނޫން އެހެން މީހުންނަށް ދިމާވާ މިމައްސަލަތައް ރަނގަޅު ކުރެވިދާނެ ލުއި އެހީތަކެއް ދެނެގަނެ އެގޮތަށް މަސައްކަތް ކުރުމުން ރޭގަނޑު ނިދުމަށް ފަސޭހަވާކަމަށް ވެއެވެ. ތިރީގައި މިހިމަނާލަނީ މިފަދައިން ރޭވިޔަރިއެރުން ހައްލުކުރެވިދާނެ ލުއި ބައެއް އެހީތަކެކެވެ.

  • * ރޭގަނޑު ނިދާ ގަޑިއާ ގާތްވުމުން ފޯނު ބޭނުން ކުރުމާ ދުރުހެލިވުން
  • * ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުގެ އައްޔާއި ދުރުވުމުން.
  • * ރޭގަނޑާ ކައިރިވަމުން އަންނަ ވަރަކަށް، އަދި ދުވާލުގެ ވަގުތުތަކުގައި ވެސް ކެފެއިން ހުންނަ ތަކެއްވާ ދުރުވުން
  • * ދުވާލުގެ ގަޑިތަކުގައި މާގިނައިރު ނުނިދުން
  • * ރޭގަނޑު ލަސްވާފަހުން، ނުވަތަ ނިދާގަޑިއާ ކައިރިކޮށްފައި ކެއިން ބުއިން ދޫކޮށްލުން،
  • * ހަވީރުއަތަށް އެޅުމަށްފަހު ރޭވަމުން އަންނަ ވަރަކަށް ސިކުނޑިއަށް ލޯޑުބޮޑުވާފަދަ ކަންކަމާ ވިސްނުމުން ދުރުވުން،
  • * ނިދުމުގެ ކުރިން ހޫނު ނޫނީ ތާފަނާ ފެނުން ރީތިކޮށް ފެންވަރައި ތާޒާވެލުން
  • * ނިދާ ތަންމަތި ތިމާއަށް ފަސޭހަ ގޮތަކަށް ތައްޔާރުކުރުން، މިދެންނެވީ ގޮދަޑި، ބާލީސްފަދަ ތަކެތި ތިމާއަށް އަރާމު ބާވަތްތަކުން ތައްޔާރުކުރުން،
  • * ނިދަން އޮށޯންނަމުން ދިޔާތަކެތި ގިނައިން ނުބުއިން، ކިރިޔާ ހަމަކުޑަކުޑަ ފެންފޮދެއް ނޫން އެހެން ދިޔާތަކެތި މަދުކުރުން،
  • * މަޑު ރީތި ރާގެއް ނޫނީ ހަމަހިމޭން ވާހަކައެއް އިވޭ ގޮތަށް، ނޫނީ ކީރިތި ގުރުއާން ހަމަހިމޭން ރާގެއްގައި މަޑުމަޑުން އިވޭ ގޮތަށް ބެހެއްޓުން،

މިއީ އިންސޮމްނިއާ ފަދަ ނިދީގެ ބޮޑެތި ބަލިތަކުގެ ބޭރުން، އެބަލިތައް ފިޔަވައި ނިދުމަށް އުނދަގޫވާ މައްސަލަތަކަށް ހޯދިދާނެ، ބައެއް އަމިއްލަ ފަރުވާތަކެވެ، އިންސޮމްނިއާފަދަ މައްސަލަތަކަށްވެސް ބައެއްފަހަރު މިއީ އެކަށީގެންވާ ގޮތަށް ހޯދާ ފަރުވާތެރޭގައި ހިމެނުން ރަނގަޅު ހައްލުތަކެކެވެ. ކޮންމެއަކަސް މިއީ ހޯދުންތަކުން ދައްކާ ގޮތުގައި، އަދި ތަޖުރިބާތަކުން ފެންނަ ގޮތުގައި ކާމިޔާބު ހައްލުތަކެއްވެސް މެއެވެ.