ލައިފް ސްޓައިލް

ކޮންމެ އިރެއްގެ ކެއުމަށް ނޫޑުލްސް: ހިކެން ބޭނުން ކުރަން މީ ރަނގަޅު ތިއަރީއެއްބާ؟

މަރިޔަމް ޝަފާ އިބްރާހިމް

ބިޒީ ދިރިއުޅުމެއްގައި އުޅޭ އިރު ކެއުމަށް ނޫޑުލްސް ޕެކެޓެއް ނޫނީ ވަގުތުން ތައްޔާރުކޮށްލެވޭ ނޫޑުލްސް ތަށްޓަކީ ވަރަށް ފަސޭހަ، އެހާމެ އަނގަޔަށް މީރު ހައްލަކަށް ވެދާނެއެވެ. އެހެންނަމަވެސް މިހާރު ނޫޑުލްސް ބޭނުންކުރެވެނީ ހަމަ އެކަނި މި ފަދަ ހާލަތު ތަކުގައި މި ފަދަ ބޭނުމުގައި ހެއްޔެވެ؟

ކޮންމެ ދުވަހަކު ތިންއިރުގެ ކެއުމަކަށް ނޫޑުލްސް ކެއުމަށް އާދަވާއިރު، ހަމައެކަނި އެއަށް ޗިލީޕޭސްޓްކޮޅެއް ނޫނީ މަސްމިރުސްކޮޅެއް އަޅައިގެން ކާމީހުންނާއި، ހަމައެކަނި ލުނބޯކޮޅެއްގެ ހުތާއި ރޯމިރުސްކޮޅެއް ލައިގެން ކާމީހުންނާއި ހަމައެކައްޗެއްވެސް ނުލައި ހޫނު ފެންފޮދަކަށް ނޫޑުލްސް ޕެކެޓް އަޅައިގެން ކާމީހުންގެ އިތުރަށް އެހެންވެސް ގޮތްގޮތަށް ނޫޑުލްސް ތައްޔާރުކޮށްގެން ކާމީހުން ވަރަށް ގިނައިން އުޅެއެވެ. އޭގެ ތެރެއިންވެސް "ހިކުމުގެ ބޭނުމުގައި" ކޮންމެ ދުވަހަކުހެން ތިންއިރުގެ ކެއުމަށް ނޫޑުލްސް، ހަމައެކަނި ލުނބޯކޮޅެއްގެ އިތުރަށް އެހެން އެއްޗެއް ނުލައި ކާމީހުންގެ ވާހަކަ އަޑުއެހިންހެއްޔެވެ.

މިއީ ވަރަށް މަޖާ ވާހަކައަކަށްވެސް ވެދާނެއެވެ. އެކަމަކު މިއީ ހަމަ ހަގީގަތުގައިވެސް ބައެއް މީހުން، މިކަމުގެ ނަތީޖާ ފެނިފައި އޮވެގެން ކަމަށް ބުނެ، އަމިއްލައަށް ތަޖުރިބާކޮށް، އެނަސޭހަތް އެހެން މީހުންނަށްވެސް މައުލޫމާތާއެކު ފޯރުކޮށްދީގެން، މިގޮތަށް މިކަން ކުރާ ޅަޒުވާނުންވެސް ވަކި މަދެއްނޫނެވެ. އެކަމަކު މީގެ ސަބަބުން ލިބޭ ގެއްލުމެއް އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. އިހުސާސެއްވެސް ނުކުރެވެއެވެ. އަދި ފަހުން މައްސަލައެއް ދިމާވިޔަސް އެއީ އެއްކަލަ ނޫޑުލްސް ކެއުމުން ދިމާވި ކަމެއްކަން ދެނެގަންނަން ނުވަތަ އެނގިގަންނަންވެސް ނޭނގެނީއެވެ.

އެހެންނޫނަސް ކަމެއް ކުރަން ފަށާއިރު، އެކަމަކުން ލިބޭ ފައިދާއާއި އެއްވަރަށް އެކަމަކުން ލިބިދާނެ ގެއްލުމެއް ނުވަތަ ދެރައެއް އޮތްތޯ ދެނެގަތުމަކީވެސް އޮންނަ ކަމެއް އެހެންނޫންތޯއެވެ. މިގޮތަށް ނޫޑުލްސްއަކީ ލުއި ކާއެއްޗެއްގެ ގޮތުގައި، ހަށިގަނޑުގެ ބަރުދަން އަވަހަށް ލުއިކޮށްލުމުގެ ނިޔަތުގައި ނުވަތަ ހަށިގަނޑު ބަރުނުވާނެހެން ގެންގުޅުމުގެ ބޭނުމުގައި، ތިންއިރުގެ ކެއުމަކަށް ބޭނުން ކުރުމުގެ ކުރިން އެއީ ކިހިނެއްވާކަމެއްތޯ ދެނެގަތުން މުހިންމެވެ. މިދައްކަނީ އެއްވެސް ހާލެއްގައި ހަފުތާއަކު ތިންދުވަހު، ނޫނީ ދުވާލަކު އެއްފަހަރު ނޫޑުލްސް ކާ ވާހަކައެއް ނޫނެވެ. އެކަމަކު ކޮންމެ ދުވަހަކު ތިންއިރު ނުވަތަ ހަތަރު އިރު ނޫނީ ހައިވެގެން ކާ ކޮންމެ ފަހަރަކު ނޫޑުލްސް ކެއުމުގެ ވާހަކައެވެ.

އެންމެ ފުރަތަމަ ނޫޑުލްސް އަކީ ކޮންއެއްޗަކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެއްތޯ ދެނެގަންނާށެވެ. ނޫޑުލްސްއަކީ ފުށުން ހެދިފައިހުރި އެއްޗަކަށްވިޔަސް އޭގައި އާދަޔާހިލާފަށް ގިނައިން ސޯޑިއަމް ހުންނަ އެއްޗެކެވެ. މާގިނައިން ނޫޑޫލްސް ކެއުމުގެ ނަތީޖާއަކީ ހަށިގަނޑަކަށް ބޭނުން ނުވާވަރަށް ސޯޑިއަމް ލިބުމުން، ލޭގެ ޕްރެޝާ މައްޗަށް ޖެހުމާއި އިތުރަށްވެސް އެތެރެހަށީގެ އެކިގުނަވަންތަކަށް ގެއްލުންވުމާއި ހިތުގެ ސްޓްރޯކް ޖެހުމަށްވެސް މަގުފަހުވެއެވެ. ހަމައެހެންމެ ނޫޑުލްސް ޕެކެޓްގައި ހިމެނޭ ތެލާއިލޮނަކީވެސް ގިނައިން ކާން ރަނގަޅު އެއްޗަކަށް ނުވެއެވެ. މިގޮތަށް ފަސޭހަކޮށްލުމަށް ނޫޑޫލް ކެއުމުން ޑައިބެޓިސްގެ މައްސަލަތައް ދިމާވުމާއި، ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި އަދިވެސް ހިތުގެ ބަލިތައް ޖެހުންފަދަ މައްސަލަތައް ދިމާވާން ފަށާނެއެވެ.

ނޫޑުލްސްއަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗަކަށްވެފައި ހަރަދުކުޑަ، އަދި ހަށިގަނޑުގެ ބަރުދަން ލުއިކުރެވޭފަދަ ކާއެއްޗަކަށް ވިޔަސް، މިގޮތަށް ދުވާލު ހުރިހާ ވަގުތެއްގައި ކާން ބޭނުންކުރާ ހަމައެކަނި ބާވަތަކަށް ނޫޑުލްސް ހެދުމުން ލިބިދާނެ ގެއްލުން ނުހަނު ބޮޑެވެ. ފަސޭހަކޮށްލުމަށް، ނޫނީ ކަސްރަތުކޮށް ކެއުންވެސް ތާވަލުކޮށްގެން ބޭނުންކޮށް، ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމުގެ ބަދަލުގައި "އީޒީވޭ އައުޓް" އެެއް ކަމަށް ހީކޮށް މިފަދަ ކަންކަން ކުރުމުން ހީވެސް ނުކުރާ ފަދަ ގެއްލުމެއް ވެދާނެއެވެ.