ދުނިޔެ

ދުނިޔޭގައި މިހާރު ހުރި އުމުރުން އެންމެ ގިނަދުވަސްވީ ފިރިހެނަކީ ވެނެޒުއެލާ މީހެއް!

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ އުމުރުން 112 އަހަރުވީ ހުއާން ވިސަންޓޭ ޕެރޭޒަށް ދުނިޔޭގައި މިހާރު ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެނާ ކަމުގެ ރިކޯޑް ލިބިއްޖެއެވެ. މިމަހު 27 ވަނަ ދުވަހު އޭނާއަށް 113 އަހަރު ފުރޭނެއެވެ.

ހުއާން ވިސަންޓޭ ޕެރޭޒްގެ 110 ވަނަ އުފަން ދުވަސް އޭނާ ފާހަގަކުރީ 2019 ވަނަ އަހަރުގައެވެ. އޭނާއަކީ ވެނެޒުއެލާ މީހުންގެ ތެރެއިން 110 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅުނު ފުރަތަމަ މީހާއެވެ. މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި 110 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ ދޮޅުހާސް މީހުން މިހާރުވެސް އެބަތިއްބެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނަކީ މިހާރު ހުއާން ވިސަންޓޭ ޕެރޭޒް ކަމަށްވާއިރު އޭނާއަށްވުރެ ދޮށީ 34 އަންހެނުން ދުނިޔޭގައި އެބަތިއްބެވެ.

ހުއާން ވިސަންޓޭ ޕެރޭޒް އުފަންވެފައިވަނީ 27 މެއި 1909ގައެވެ. އޭނާއަކީ އެއާއިލާގެ ދިހަ ކުދީންގެ ތެރެއިން ނުވަވަނަ ކުއްޖާއެވެ. އޭނާ މަދަރުސާއަކަށް އެންމެ ފުރަތަމަ ދިޔައީވެސް އުމުރުން ދިހަ އަހަރުވީފަހުންނެވެ. މަދަރުސާގައި ފަސްމަސްވީތަނާ މުދައްރިސް ބަލިވެގެން މަދަރުސީ ހަޔާތް އެހިސާބުން ވަނީ ނިންމާލައިފައެވެ. ކިރިޔާ ލިޔަންކިޔަން ދަސްވީއެވެ. އެކަމަކު އުމުރުން 34 އަހަރުން ފެށިގެން އޭނާ ވަނީ އެ އަވަށުގެ ނާއިބުކަން ކޮށްފައެވެ. އާއިލީ މައްސަލަތަކާއި ތަރިކަ މުދަލުގެ މައްސަލަ ނިންމައިދެނީ އޭނާއެވެ.

ހުއާން ވިސަންޓޭގެ ހަޔާތުގައި އޭނާ ކުރީ އެންމެ ކައިވެންޏެކެވެ. އުމުރުން 27 އަހަރުގައި ކައިވެނިކުރިގޮތަށް އަނބިމީހާ މަރުވާންދެން އެކުގައި 60 އަހަރު ހޭދަކުރިއެވެ. މިކައިވެނިން ފަސް އަންހެން ކުދީންނާއި ހަ ފިރިހެން ކުދިން ލިބުނެވެ. މިކުދިންގެ ފަރާތުން 41 ކާފަ ކުދިންނާއި 18 މުނިކާފަ ކުދީންނާއި 12 ހޫރުކާފަ ކުދިން ލިބިފައިވެއެވެ. ހުއާން ވިސަންޓޭ ޕެރޭޒްގް ހަޔާތުގައި އޭނާ އެންމެ ފުރަތަމަ ފޮޓޯއެއް ނެގީ އުމުރުން 51 އަހަރުގައެވެ. އުމުރުން 113 އަހަރުވާން ކައިރިވިޔަސް އަބަހައްދަވެގެން ހަނދާނަށް ގޮތްގޮތްވެގެން އުޅުމުގެ އެއްވެސް ސިފައެއް ނެތެވެ.