އައްޑޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް ހަދަން ނިންމައި، އެސިޓީގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ޖުލައި މަހުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން އެސިޓީގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފައެވެ. ހިޔާލާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ބުރާސްފަތި ދުވަހެވެ.
އެ މަރުކަޒު ގާއިމް ކުރުމުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ޕީސީބީ ހިމެނޭ ކަމަށް ބެލެވޭ 1979ގެ ކުރިން އުފައްދައި ރާއްޖެއަށް އެތެރެކޮއްފައިވާ 16 އާލާތެއް ތިމާވެއްޓާ ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރުފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން މި ފެސިލޓީގައި ސްޓްރޯ ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މިމަސައްކަތް ނިމުމުން މި މަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ. މި މަސައްކަތަކީ ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު