ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ ފައިނަލް ޓޯނަމަންޓުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ނަބާ ނިޝާންއެވެ. މުބާރާތުގެ ކޮލިފިކޭޝަން ބުރުގައި ގިނަ އެތުލީޓުންތަކެއް ވާދަކުރި އިރު، ނަބާވެސް މުބާރާތުގެ ފައިނަލް ޑްރޯއަށް ދިޔައީ ކޮލިފިކޭޝަން ކުޅެގެންނެވެ. މުބާރާތުގެ ކޮލިފިކޭޝަންގައި ދެ ދުވަހު ނަބާ ކުޅެފައިވާ އިރު، ޗެމްޕިއަންކަން ހޯދީ ހަތް ދުވަހުގެ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިގެންނެވެ.

މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައި ކުޅުނު ފައިނަލުގައި ނަބާ މޮޅުވީ، އިންޑިއާގެ އާޗިޝާ ގޯޝް ބަލި ކުރުމަށްފަހުއެވެ. އުމުރުން 12 އަހަރުގެ ނަބާ ފައިނަލުގައި އުމުރުން 14 އަހަރުގެ އާޗިއާ ބަލިކުރީ 6-4 އަދި 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ.

ނަބާ އަކީ އޭޑީކޭ ހޮސްޕިޓަލުގެ ސާޖިކަލް ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ޗީފް ސާޖިކަލް އޮފިސަރު ޑރ. އަހުމަދު ނިޝާނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. ނަޒްމާ ހަމީދުގެ ދަރިއެކެވެ. އެއް އަހަރު ދުވަހުގެ ތަމްރީނުތަކެއްގައި މިވަގުތު ނަބާ ޓްރެއިން ވަމުން ދަނީ ބެންގަލޫރުގެ އެންމެ ބޮޑު އެއް އެކަޑެމީގައެވެ. ނަބާގެ ތަމްރީނުތަކަށް އޭނާގެ މަންމަ ޑރ. ނަޒުމާވެސް މިވަގުތު ދިރުއުޅެމުން ދަނީ ބެންގަލޫރުގައެވެ.

ނަބާ ވަނީ މީގެ ކުރިން ރާއްޖޭގައި ބޭއްވި މުބާރާތްތަކެއްގެ އިތުރުން ބޭރު ގައުމުތަކުގެ ބައެއް މުބާރާތްތަކުންވެސް ރަން ވަނަތަކެއް ހާސިލުކޮށްފައެވެ. ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދީ ނަބާއެވެ.

މިއަދުގެ ކާމިޔާބީއާ ގުޅިގެން "ވަން" އާ ވާހަކަ ދައްކަމުން ނަބާ ބުނީ އިންޑިއާގެ ބެންގަލޫރާއި ކަރްނާޓަކާ ސްޓޭޓްގެ އެހެން ސިޓީތަކަށް ނިސްބަތްވާ ކުޅުންތެރިންނާއި އިތުރު ފަސް ސްޓޭޓަކަށް ނިސްބަތްވާ ކުޅުންތެރިން ވާދަކުރި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

"ނަބާއަށް ވަރަށް ބޮޑު އެޗީވްމަންޓެއް. މިއީ މިހާތަނަށް ނަބާގެ ކެރިއަރުގައި އެންމެ މުހިއްމު ކާމިޔާބީ. ނަބާ އުންމީދުކުރަނީ ޓެނިހުގައި އަދިވެސް ރާއްޖެއަށް އިތުރު ކާމިޔާބީތައް ހޯދަން. ޝުކުރު އަދާކުރަން ބޭނުންވޭ މަންމަ އާއި ބައްޕަ އަދި އާއިލާގެ ހުރިހާ މީހުންނަށް. އޭގެ އިތުރުން ކޯޗުންނަށާއި ހެޔޮ ދުއާ ކޮށްދިން ހުރިހާ އެންމެންނަށްވެސް ޝުކުރު އަދާކުރަން،" ނަބާ ބުންޏެވެ.

މީގެ ކުރިންވެސް ނަބާ ވަނީ އިންޑިއާގެ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. ފެބްރުއަރީ މަހު ބޭއްވި ބެންގަލޫރުގެ ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދި އިރު، މީގެ ކުރިން ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ނަބާ ކާމިޔާބު ކޮށްފައިވެއެވެ. ނަބާގެ އުންމީދުތައް އަބަދުވެސް ހުރީ ޓެނުހުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް މިއީ. އަބަދުވެސް ޓެނިހުގައި ރާއްޖެއަށް ރީތި ނަން ހޯދައިދޭން ބޭނުންވޭ. އެކަން ކުރުމަށް ބުރަކޮށް މަސައްކަތްވެސް ކުރަން. މި މުބާރާތުގައި ދެކޮޅަށް ކުޅުނު ކުޅުންތެރިން ވަރަށް ޓަފް. ހާއްސަކޮށް ރާއްޖޭގެ މުބާރާތްތަކާ ބަލާފައި ވަރަށް އުނދަގޫ ކުޅުންތެރިންނާ ދެކޮޅަށް މި ކުޅެނީ. އެއީ ޗެލެންޖެއް ނަމަވެސް، ވަރަށް ގަޔާވޭ އަސްލު ޓަފް މެޗުތައް ކުޅެން. މި މުބާރާތުގެ ތަށްޓާއެކު ވަރަށް ބޮޑަށް އުފާވެފައި މިހުރީ،" ނަބާ ބުންޏެވެ.