ޚަބަރު

އަމާޒަކީ 2025ގެ ކުރިން ރާއްޖޭގެ ހުރިހާ މެރިން މަސައްކަތެއް ކުރާ ކުންފުންޏަކަށް އެމްޓީސީސީ ހެދުން: އާޒިމް

އަލީ ޔާމިން

އަމާޒަކީ 2025 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ މެރިން މަސައްކަތެއް ކުރާ ކުންފުންޏަކަށް އެމްޓީސީސީ ހެދުން ކަމުގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ ވިޔަފާރި ފުޅާކޮށް، ހިއްސާދާރުންގެ ފައިދާ އިތުރުކުރުން ކަމަށެވެ. އަދި ހިއްސާދާރުންނަށް ގެއްލުން ލިބޭ އެއްވެސް ކަމެއް އެކުންފުނިން ނުކުރާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ވިޔަފާރި ފުޅާކުރުމަށް ރިއަލް އެސްޓޭޓްގެ ދާއިރާއަށް ވަނުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ ކުދި ވިޔަފާރިތަކަށް ވަނުމަކީ އެމްޓީސީސީގެ އަމާޒެއް ނޫން ކަމަށާއި އެކުންފުނި ވެގެންދާނީ ބޮޑެތި ހައުސިން ޔުނިޓްތައް އަޅާ ބަޔަކަށް ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ވަސީލަތްތައް އިތުރުކޮށް، ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ދެ ޑްރެޖާ ޖުލައި މަހުގެ ތެރޭގައި ގެންނާނެ ކަމަށެވެ. އެއިރުން، ބޭރުގެ ބަޔަކަށް ނުދީ ރާއްޖޭގެ ހުރިހާ ބިން ހިއްކުމުގެ މަޝްރޫއުތައް އެމްޓީސީސީއަށް ކުރެވޭނެ ކަމަށާއި އަދި މަޝްރޫއުތައް ހެޔޮ އަގުގައި ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަމާޒަކީ 2025 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި ކުރާ މެރިން ހުރިހާ މަސައްކަތްތަކެއް ކުރާ ކުންފުންޏަކަށް އެމްޓީސިސީ ހެދުން" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން ބޭނުންވަނީ އެމްޓީސީސީއަކީ ބައިނަލްއަގުވާމީ މަޝްރޫއުތައް ހިންގޭ ފެންވަރުގެ ކުންފުންޏަކަށް ހެދުން ކަމަށާއި މި ސަރުކާރުން ފޯރުކޮށްދޭ އެހީތަކާއެކު، އެ އަމާޒަށް ވާސިލްވެވޭނެ ކަމަށެވެ.