ޚަބަރު

ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި މީހުންނަށް އިހުތިރާމު އަދާކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ، އައިޔޫއެމްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ރޭ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ އުނގެނޭ އިލްމުގެ ބޭނުން ހިފައިގެން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ދަސްވެނީންނަށް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް ވިދާޅުވީ ތައުލީމު ހާސިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމައުގެ ތެރޭގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް އެ ލިބިފައި ހުރި އިލްމެއްގެ ބޭނުން ހިފައިގެން މުޖުތަމައުގެ އެހެން މީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުން ކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މުޖުތަމައުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖުތިމާއީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވައިފައެވެ.

މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްދާއިރާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ މިހާރު މަތީ ތަޢުލީމު ހާސިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިހުތިރާމާއެކު މީހުންނާ މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި އެކިއެކި ކޯސްތަކުން ދަސްވެނިވެ، ދަރަޖަ ހާސިލުކުރި ދަރިވަރުންނަށް ވަނީ ސަނަދު ހަވާލުކޮށްފައެވެ. އޭގެ އިތުރުން ކޯސްތަކުން އެންމެމަތީ ވަނަތައް ހާސިލުކުރި ދަސްވެނީންނަށް ވެސް ވަނީ އިނާމާއި އެވޯޑު ހަވާލުކޮށްފައެވެ.