އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާގެ މަގުން 28.1 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ފާސްކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 556 ހިއްސާ ދާރުންގެ ތެރެއިން 326 ހިއްސާ ދާރުންގެ ވޯޓާއެކުގައެވެ. ދެކޮޅަށް ވޯޓު ދިނީ 257 ހިއްސާ ދާރުންނެވެ.

އެމްޓީސީސީގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގައި ހިއްސާ ދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެވެ.

އެމްޓީސީސީން މިދިޔަ އަހަރު ނިންމައިލީ ރެކޯޑް ފައިދާއަކާއެކުގައެވެ. އެގޮތުން އެކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އޭގެ ކުރީ އަހަރު 190.69 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެފަހަރު ހިއްސާއަކަށް ބެހީ ތިން ރުފިޔާއެވެ.

ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ހިންގަމުން އަންނަ އިރު، އެކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރަކީވެސް ރެކޯޑު ފައިދާއެއް ލިބޭނެ އަހަރެކެވެ. އެގޮތުން މިއަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.