ޚަބަރު

އަންނަ މަހުން ފެށިގެން ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިތަކަށް ވަކިކޮށްފައި: ވެމްކޯ

މުހައްމަދު އިޝާން

އަންނަ މަހުން ފެށިގެން ގޭބިސީތަކުން ބޭރަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިތަކަށް ވަކިކޮށްފައި ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށެވެ. އެ މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނެއުމަށްޓަކައި، އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ބަޔާންކޮށްފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

އެ ގަވާއިދުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށާއި އެހެންކަމުން އަންނަ މަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށް ވެމްކޯ އިން ބުންޏެވެ.

އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ، ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި، އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަންވާނީ ވަކިކޮށްފައި ކަމަށާއި މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައި ކަމަށެވެ. ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައި ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް، ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއްނުވާނޭހެން އުކާލެވިދާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ ފަރާތްތަކުން ވެސް ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯ އިން ބުނީ ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން އެ ކުންފުންޏަށް ލާޒިމުވާތީ ކުނި ވަކިކޮށްފައި ނުވާ ނަމަ، އެ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

ކުނި ވަކިކުރުމަކީ ދުނިޔޭގެ ތަހުޒީބީ ގިނަ މުޖުތަމައުތަކެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާއެކީ ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި އަލަށް ގެނައި ބަދަލާއެކު އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ރީސައިކަލްކޮށްގެން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ލިބުމާއި، މެނޭޖުކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވުމުގެ އިތުރުން، ދެމެހެއްޓެނެވި އުސޫލަކުން ކުނި މެނޭޖުކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.