ބައެއް ފަހަރު ހަމައެއްވެސް ކަމަކާ ނުލައި މޫޑު ހަރާބުވެ، ހިތްހަމަނުޖެހި، އުނދަގޫ ވާކަހަލަ ގޮތްތަކެއް ވެދާނެއެވެ. މިއީ އާންމުކޮށް އިންސާނުންގެ ތޮބީއަތަށް އަންނަ، ފިތުރީ ގޮތުން ހަށިގަނޑުގެ ނިޒާމުތަކަށް އަންނަ ބަދަލުތަކަކުންވާ ކަންތައްތަކެކެވެ. މިއީ އާދައިގެ ކަމެކެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި މިކަން ހަމައަކަށްވެސް އެޅިދާނެއެވެ. އެކަމަކު މިއާ ހިލާފަށް، ހިތްހަމަނުޖެހުމާއި އުނދަގޫވުން އާންމުވެ، ދުވަސް ފެށޭގޮތަކުން މުޅި ދުވަހާއި އަނެއް ދުވަސްވެސް ހިތްހަމަނުޖެހުމާއި ފޫއްސާއި ރުޅިވެރިކަން މަތީ ހޭދަކޮށްލަން ޖެހޭ ފަހަރުވެސް ދިމާވެއެވެ.

ކޮންމެ އިންސާނަކީވެސް އެތައް ބައިވަރު ކަންތައްތައް ތަހައްމަލު ކުރާނެ މީހެކެވެ. އެތަހައްމަލު ކުރާ ކަންތައް އެކި މީހުންގެ ތަފާތުވާނެއެވެ. ދުނިޔޭގައި އަހަރެން އުފުލާވަރުގެ ހިތްދަތިކަމެއް، ނުވަތަ އުނދަގޫ ދަތިދިރިއުޅުމެއް އެހެންމީހަކު ތަހައްމަލު ނުކުރާނެ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ. މިއީ ވަރަށްބޮޑު ކުށްހީއެކެވެ. ދުނިޔޭއި އުޅޭ ކޮންމެ މީހަކީވެސް ކޮންމެވެސް ކަމެއްގައި ވިސްނައި ފިކުރުކޮށް، ހާސްވުމާއި، ކަންބޮޑުވުންވެސް ތަހައްމަލު ކުރާނެ މީހެކެވެ. ކޮންމެ މީހަކަށްވެސް ތަކުލީފާއި އުނދަގޫ ތަހައްމަލު ކުރަން ޖެހޭނީ އެމީހެއްގެ ފެންވަރުންނެވެ. އެއްވެސް މީހަކަށް ނުއުފުއްލޭނެ ތަކުލީފެއް އެމީހަކަށް ނުޖައްސަވާނެއެވެ.

ކޮންމެއަކަސް އުފަލަކީ އެންމެންވެސް ބޭނުންވާ، އަދި މިދުނިޔޭގައި އެންމެންވެސް ދިރިއުޅެނީ ހިތްހަމަޖެހުން ހޯދުމަށްޓަކައިކަން ޔަގީނެވެ. ކޮންމެ ދުވަހެއްގެ އެތައް ގަޑިއެއް ވަންދެން މަސައްކަތް ކުރުމާއި، ކިޔަވާކުދިން ކިޔެވުމާއި، މައިންބަފައިން، ބެލެނިވެރިން ކުދިން ގެންގުޅެ ބޮޑުކުރުމާއި، ފިލްމު، ލަވަ ކުޅޭ މީހުންނާއި ބަލާމީހުންނާއި މިހެންގޮސް ހައްތަހާވެސް ހިތްހަމަޖެހުމަށްޓަކައި އެކިކަންތައް ކުރާމީހުންނެވެ. ބައެއްފަހަރު މިކަންތައްތައް ކުރުމާއެކު އެންމެ އެކަށީގެންވާ މިނުގައި، ހިތްހަމަޖެހުމާއި އުފާވެރިކަން ނުލިބޭ ފަހަރުވެސް އާދެއެވެ. މިކަހަލަ ހާލަތްތަކުގައި، އުފާވެރިކަން ލިބިގަތުމަށްޓަކައި ކުރެވޭނެ ކަންތައްތައްވެސް މަދެއްނޫނެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި ކުރެވޭނެ ކަންތައްތައް ދެނެގަތުން މިކަހަލަ ހާލަތްތަކުގައި އެހީތެރިއަކަށް ފުދޭނެއެވެ. އަދި ހަމައެހެންމެ އަމިއްލައަށް އުފާވެރިކަން ލިބެން މަސައްކަތްކުރަން ނޭނގޭ ފަރާތްތަކަށްވެސް މިގޮތަށް ލިބޭ އެހީތައް ދެނެގަތުމުން ކުރާނެ ފައިދާއެއްވެސް އޮންނާނެއެވެ.

ތިރީގައި މިހިމަނާލަނީ އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް ކުރެވިދާނެ ބައެއް ކަހަލަ ކަންތައްތަކެވެ.

  • ހެނދުނު ހެނދުނާ ހޭލަން އާދަކުރާށެވެ. އެހެންޏާ ތެދުވާ ވަރަށްވުރެ ކުޑައިރުކޮޅެއް ކުރިން ހޭލައިގެން، އުޅާހަށް ދެމިލައި، ސްޓްރެޗިން ހަދައިލުމުން ނިދި ފިލައި، ހަށިގަނޑުގައި ވަރު ޖެހޭލެއް އަވަސްވާނެއެވެ. އަދި ދުވަސް ފެށޭނީ އުފާވެރިކަމާއި ޖޯޝަކާއެކުގައެވެ.
  • ރަޙުމަތްތެރި ހިނިތުންވުމެއް އަބަދުވެސް ގެންގުޅޭށެވެ. އެކުވެރިންނަށް ހެނދުނުގެ ސަލާމާއިއެއްކޮށް ކޮންމެވެސް ހެއްވާ މެސެޖެއް ނޫނީ އެފަދަ ކޮންމެވެސް ހެއްވާ ވީޑިއޯއެއް ފަދަ ހަދިޔާއެއް ފޮނުވައިލާށެވެ.
  • އުޅޭތަނުގެ ސާފުތާހިރުކަމަކީ ވަރަށްބޮޑަށް ހިތްހަމަޖެހުމާއި އުފާވެރިކަމެއް ލިއްބައިދޭ ކަމެކެވެ. އެހެންކަމުން ދިރިއުޅޭ މާހައުލު ސާފުކޮށް ޗާލުކޮށް ބޭއްވޭތޯ ބަލާށެވެ.
  • ނުވެސް ދަންނަ މީހަކަށް ކޮންމެވެސް ކަމެއް ކޮށްދޭށެވެ. އަނެކުންނަށް ނުކުރެވި އޮންނަ ކަމެއް، ކޮށްދެވުމުން ލިބޭ ރޫހާނީ އަރާމާއި ހިތްހަމަޖެހުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑުވާނެއެވެ.
  • އަނެކުންނަށް އެހީތެރިކަމާއި ހިޔާލު ބަދަލުކޮށް ގުޅުންތައް ބަދަހިކުރުމަކީވެސް އަމިއްލަ ނަފުސަށާއި ހިތަށް ހަމަޖެހުމާއި އުފާ ލިއްބައިދޭ ކަންތައްތަކެކެވެ.
  • ބައެެއް ފަހަރު އުމުރާ ނުގުޅޭ ކަހަލަ ކަންތައްވެސް ހިތަށް ހަމަޖެހުމެއް ލިއްބައިދެއެވެ. ބައެއް ވަގުތުތަކުގައި ކާޓޫނެއް ބަލައިލުންކަހަލަ ކަމެއް ކުރެވިދާނެއެވެ.
  • ނިދާ ތަންމައްޗާއި ނިދާ ހެދުން ދޮވެ، ސާފުކޮށް، މީރުވަސް ދުވާ ގޮތަށް ހަދައިގެން ނިދުމަކީ ވެސް ސިކުނޑިއަށް އަރާމު ލިއްބައިދޭ ކަމެކެވެ.

މިފަދަ ކިތަންމެ ކަމެއް ތިމާ އަމިއްލައަށް އުފާވެރިކަން ލިބިގަތުމަށް ކުރެވިދާނެއެވެ. އާންމު ގޮތެއްގައި ދުވަހުގެ ތާވަލެއް ގެންގުޅެ، އެއަށް ބަލައިގެން ކުރިއަށް ދާނަމަ، އަމިއްލައަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަނެވޭނެއެވެ. ގިނަފަހަރު ފޫހިވުމާއި ނުރުހުންތެރިކަމާއި ހިތްހަމަނުޖެހުމަކީ، އަމިއްލަ ހިތުގައި ހުންނަ ނަފްރަތަކުން ނޫނީ ތިމާއަމިއްލަ ނަފުސުގައި ހުރި ކޮންމެވެސް މައްސަލައަކުން ދިމާވާ ކަމެކެވެ. އާންމުކޮށް އެކިއެކި، ކުދިކުދި ކަންކަމާއި ހެދި ލިބޭ ކުދިކުދި ހިތްހަމަނުޖެހުންތައް ގިނަވަމުންދާވަރަކަށް ދިރިއުޅުމުގައި ހަމަޖެހުން ދާނީ ނެތެމުންނެވެ. އެހެންކަމުން އަބަދުވެސް ތިމާގެ ހިތް ސާފުކަން މަތީގައި ބޭއްވުން ވަރަށްވެސް މުހިންމެވެ. ހިތްހަމަނުޖެހުމަކީވެސް އަދި ހިތްހަމަޖެހުމަކީވެސް، ހިތާމައާއި އުފަލަކީވެސް، އަދި ނަފުރަތާއި ލޯތްބަކީވެސް، ވަރަށް ގިނަ ފަހަރަށް އަމިއްލައަށް އެނގިގެން، ކުރެވޭ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންދާ ކަންތައްތަކެކެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސަށް މާފުކޮށްފައި އަމިއްލަ ނަފުސުދެކެ ލޯބިވާށެވެ. ފުރިހަމަ ހިތްހަމަޖެހުމަކާއި އުފާވެރި އިހުސާސްތަކުގެ ތަޅުދަނޑިއަކީ މިއީއެވެ.