ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ ހޭންޑްބޯޅަ ކޯޗިން ކޯހުން 15 ކޯޗުން ލައިސަންސް ހޯދައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ އޮލިމްޕިކް ސޮލިޑާރިޓީ ކޯޗިން ކޯހަކީ ރާއްޖޭގައި ތިބި ހޭންޑްބޯޅަ ކޯޗުންގެ ފެންވަރު މަތިކޮށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކޯހެކެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)ގެ ލެވެލް ސީގެ ކޯޗިން ކޯހަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވި ފަރާތްތަކުގެ ސީވީތައް އިވެލުއޭޓް ކުރުމަށް ފަހު ކޯހުގައި ބައިވެރިވާން އައިއެޗްއެފުން ފުރުސަތުދިނީ 29 ބައިވެރިންނަށެވެ.

ހޭންޑްބޯލް ކޯޗިން ކޯހުގައި ކިޔަވައިދީފައި ވަނީ އައިއެޗްއެފް އެޕްރޫވްޑް ކޯޗިން އިންސްޓްރަކްޓާސް ލައިސަންސް އޮންނަ ހަންގޭރީގެ އިންސްޓްރަކްޓަރެކެވެ. އޭނާއާއެކު އެހީތެރިންގެ ގޮތުގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މަތީ ފާސް ހޯދާފައިވާ ދެ ކޯޗުންކަމަށްވާ އަލީ ސޮފީހު (ސޮފީ) ސާމިރު އާއި ހުސައިން އަޒުހަމް ބައިވެރިވިއެވެ. ސޮފީ އާއި އަޒުހަމް އަކީ އައިއެޗްއެފް ލެވެލް ބީ ކޯޗިން ސެޓްފިކެޓު އޮންނަ ރާއްޖޭގެ ހަމައެކަނި ދެ ކޯޗުންނެވެ.

އޮލިމްޕިކް ސޮލިޑާރިޓީ ފަންޑުން ހަރަދުކުރި މި ކޯހުގައި ބައިވެރިވި 29 ބައިވެރިންގެ ތެރެއިން 23 ބައިވެރިއަކު ކޯސް ފުރިހަމަކުރިއެވެ. ނަމަވެސް ކޯހުން ފާސްވެ ސެޓްފިކެޓް ލިބުނީ 15 ބައިވެރި އަކަށެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ދެން އެންމެ އަވަހަށް ބާއްވާނެ މުބާރާތަކީ އެސޯސިއޭޝަން ކަޕެވެ.