ޚަބަރު

4،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ނަމަ ބީއެމްއެލްގެ ކްރެޑިޓް ކާޑު ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރެޑިޓް ކާޑު ދޫކުރުމުގައި އާމްދަނީއަށް ބަލާ އަދަދު 4000 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މީގެ ކުރިން ކުރެޑިޓް ކާޑު ދޫކުރަނީ އާމްދަނީގެ ގޮތުގައި 7،500 ރުފިޔާއަށްވުރެ މަތިން ލިބޭ ފަރާތްތަކަށް އެކަންޏެވެ.

މި ބަދަލާއެކު ބީއެމްއެލުން ވަނީ ކްރެޑިޓް ކާޑުގެ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ނުނަގާނެއެވެ.

އޭގެ އިތުރުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. އަދި އެ ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 2000 ކާޑަށް ބީއެމްއެލް 3000 ރިވޯޑްސް ޕޮއިންޓް ލިބޭނެއެވެ.

ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި ހޮޓަލާއި ކާރު، ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑުތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ލިންކު: https://www.bankofmaldives.com.mv/apply-and-win