ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕްރޮގްރާމަކީ އެޗްޑީސީގެ ފަސްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ. މިއަހަރު 100 ބައިވެރިންގެ އިތުރުން އެޗްޑީސީގައި މަސައްކަތް ކުރަމުން އަންނަ 30 މުވައްޒަފަކަަށް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމުތައް ހިންގާނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނޭޝަނަލް ކޮމްޕީޓެންސީ ސްޓެންޑާޑްސް"އާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ޕްރޮގްރާމު ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ނޭޝަނަލް ލެވެލް ތިނެއްގެ ސްޓެފިކެޓެއް ލިބުމުގެ އިތުރުން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ދިހަ ދާއިރާއަކުން މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.

އެއީ ހެވީ ވެހިކަލް، ވެލްޑިން، މެޝިނަރީ، ގާޑަނިން، އިލެކްޓްރިކަލް، ޕްލަމްބިން، ކާޕެންޓްރީ، ރެފްރިޖަރޭޝަން އާއި އެއާކޮންޑިޝަން، މެކޭނިކް، ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒާ އަދި ބިލްޑިން މެއިންޓެއިންސްއެވެ. އެ ދާއިރާތަކުން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަ މަސް ދުވަހަށެވެ. ޕްރޮގްރާމުގެ ބައިވެރިންނަށް އެލެވެންސެއްގެ ގޮތުގައި ކޮންމެ މަހަކު 6،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަގުސަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލު މީހުން ބިނާކުރުމެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނޭޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރަނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި ވަޒީފާގެ މައިދާނަށް ނުކުތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ޕްރޮގްރާމެއްގެ އެއް މަގުސަދު ކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީގެ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އަންހެން ބައިވެރިންގެ ހިއްސާ އިތުރުކުރުމަށް އަދި ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ 20 ޕަސަންޓު ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމު ނިމިގެންދާ އިރު، އެންމެ ރަނގަޅު ބައިވެރިންނަށް އެކުންފުނިން ވަޒީފާ ހަމަޖެހޭނެއެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެވޭނީ 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ 15:30 ގެ ކުރިން ޖޮބްސެންޓާ މެދުވެރިކޮށް އެޕްލައިކުރަން ޖެހޭނެއެވެ.