މީހުންނަށްް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ، އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް މަޖިލީހަށް ފޮނުއްވައިފިއެވެ.

މެންބަރު ޝަރީފް މިއަދު މަޖިލީހަށް ފޮނުއްވި މައްސަލައިގައި ވަނީ، ސިޔާސީ ޕާޓީތަކަށް ވަނުމާއި ނުވަނުމާއި، ޕާޓީތަކުން ވަކިވުމާއި ނުވުމާއި، އަދި ޕާޓީ ބަދަލުކުރުން ފަދަ ކަންތައްތަކަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ޕާޓީތަކުގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ޕާޓީތަކަށް ލިބިދޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަންކަމަށް ވެފައި، އެކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދުމާއި ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި، އަދި އެފަރާތްތަކުގެ އިމްތިޔާޒުތަކަށް އުނިކަން ލިބިދޭ ފަދަ ކަންކަން ކުރިމަތިވާ ކަމަށް ވެސް އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ނުހައްގު މާލީ ފައިދާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދިއުމާއި، މަލްޓިޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި، އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ގާނޫނާއި ގަވާއިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި "ވާނުވާ ނޭނގި ޕާޓީ ބަދަލުވުން" ފަދަ ކަންކަމުގެ ސަބަބުން އާންމުންނާއި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޝަކުވާތައް އިތުރުވެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، ރައްޔިތުންގެ މަޖިލިހަށް މައްސަލަަ ހުށަހެޅުއްވީ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.