އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޕްރީ ރެޖިސްޓާވުމުގެ ސުންގަނޑި މިރޭ 8:30 އަށް ހަމަވާނެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭއިރު، އަމިއްލަ ގޮތުންނާއި ޕްރޮކްސީ މެދުވެރިކޮށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ "ފަހި ވޯޓު" އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެމްޓީސީސީގެ އަހަރީ ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްކަމުގައިވާތީ ޖަލްސާއަށް ހާޒިރުވާ ހުރިހާ ފަރާތްތަކުން ފޯނު / ޓެބްލެޓް ފަދަ، "ފަހިވޯޓް" ބޭނުންކުރެވޭނެ ވަސީލަތަކާއެކު ޖަލްސާއަށް ހާޒިރުވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ޖުމުލަ އަކީ 1.96 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 43 ޕަސަންޓް އިތުރު އާމްދަނީއެކެވެ. މިދިޔަ އަހަރުގެ އެމްޓީސީސީގެ ފައިދާއަށް ބަލާރު ހުރިހާ ހަރަދަކާއި ޓެކުހަށް ކަނޑައި ލިބުނު ފައިދާ އަކީ 232 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅައި ބަލާއިރު 21 ޕަސަންޓް އިތުރުވުމެކެވެ. މިއީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ރެކޯޑުކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެވުނު އަހަރުކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީގެ ބޯޑުން ފާސްކޮށްފައިވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 28.1 މިލިއަން ރުފިޔާ ބެހުމަށެވެ.