ޚަބަރު

ލޭންޑް ޔޫސް ޕްލޭން އަވަހަށް ފާސްކުރަން އެމްއެންޕީން ބިލެއް ހުށަހަޅައިފި

މުހައްމަދު އިޝާން

މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ އުސޫލުތައް ރައްޔިތުންނަށް ކިޔައިދީ، ޕާޓީ ޕްރޮމޯޓުކޮށް، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި އެ ޕާޓީގެ ފަރާތުން ހިންގާފައިވާ ކަމަށެވެ. އަދި އެ ޕާޓީން ޒިޔާރަތްކުރި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެޕާޓީގެ ލީޑާޝިޕުން ބައްދަލުކޮށް، ކައުންސިލުތަކަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

"އެގޮތުން، މި ޕާޓީގެ ފަރާތުން ބައްދަލުކުރި ރަށު ކައުންސިލުތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ކައުންސިލުތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް، ފާސްކުރުމުގައި ހުރި ދަތިތަކާއި ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކައުންސިލުތަކުން ކުރަން ރާވާފައިވާ ކަންކަން ނުކުރެވި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާއެވެ. އެހެންކަމުން، މިހާރަށް ވުރެ ފަސޭހަގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ އުސޫލެއް ހަމަޖެހިގެން ދިއުމަކީ ވަރަށް ގިނަ ކައުންސިލުތަކުން އެދޭ ކަމަކަށް މިވަނީ ވެފައެވެ..،" އެމްއެންޕީން ބުންޏެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން މިއަދު "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

އެމްއެންޕީން ބުނީ، އެ ގާނޫނު މިހާރު އޮތްގޮތުގެ ސަބަބުން ރަށު ކައުންސިލުތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރަން އެންގުމަށްފަހު، ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ގައުމީ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ރަށްރަށުގެ ރައްޔިތުންގެ ރުހުމާއެކު ރަށު ކައުންސިލުން ފާސްކޮށް ގައުމީ އިދާރާއަށް ފޮނުވާ ލޭންޑް ޔޫސް ޕްލޭން ތަފާތު ސަބަބުތަކާއެކު ފާސްކޮށް ނުދީ ދިގު މުއްދަތަކަށް ހިފެހެއްޓުމަކީ ލާމަރުކަޒުކުރުމުގެ އުސޫލާ ހިލާފުކަމެއް ކަމަށް ގާބުލުކުރާ ކަމަށް ވެސް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީގެ ފަރާތުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"އަށް ހުށަހެޅި އިސްލާހުގައި ވަނީ ރަށު ކައުންސިލުތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަންވާނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ވަކިކަމެއް އިސްލާހުކުރަންޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަނަމަ އެކަމަކާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހުކޮށް، ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސްކުރަންވާނެ ކަމަށެވެ.

އެ އިސްލާހު އެގޮތަށް ފާސްވެއްޖެނަމަ، ރަށު ކައުންސިލުތަކުން ހުށަހަޅާ ލޭންޑް ޔޫސް ޕްލޭންތައް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ފާސްކުރުމަށް ގައުމީ އިދާރާއަށް ލާޒިމުވާނެއެވެ.

ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ރަށު ކައުންސިލުތަކުން ކުރަން ރާވާފައިވާ ގިނަގުނަ ޕްރޮޖެކްޓުތަކެއް ކުރިއަށް ނުގެންދެވޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނު އިސްލާހުކުރުމަކީ ވަރަށް ގިނަ ކައުންސިލުތަކުން އެދެމުން އަންނަ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތާއީދާއެކު އެ އިސްލާހު ފާސްވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އެމްއެންޕީން ބުންޏެވެ.